މުބާރާތުގެ ފޭވަރިޓް ޕީއެސްޖީ ބަލިކޮށް ބޮޓަފޮގޯއިން ގްރޫޕްގެ ކޮންޓްރޯލް ނަގައިފި
20 ޖޫން 2025 - 04:07

ފީފާ ކްލަބް ވޯލްޑް ކަޕްގެ ގްރޫޕް ބީގައި ބްރެޒިލްގެ ބޮޓަފޮގޯއިން ވަނީ މުބާރާތުގެ ފޭވަރިޓް ޕެރިސް ސެއިންޓް ޖަރމެއިން (ޕީއެސްޖީ) އަތުން 1-0 ގެ ނަތީޖާއަކުން މޮޅުވެފައެވެ. ޕީއެސްޖީއިން ނިމިދިޔަ ސީޒަނުގެ ޔޫރަޕުގެ ޗެންޕިއަންކަން ނަގާފައިވާއިރު، ބޮޓަފޮގޯއަކީ ނިމިދިޔަ ސީޒަނުގެ ދެކުނު އެމެރިކާގެ ޗެންޕިއަނުންނެވެ.
ޕަސަޑޭނާގެ ރޯޒް ބޯލް ސްޓޭޑިއަމްގައި 53،000 އަށް ވުރެ ގިނަ ކުސަޕޯޓަރުން ކުރިމަތީގައި ކުޅުނު މި މެޗުގައި ބޮޓަފޮގޯއަށް މެޗުން މޮޅުވި ލަނޑު ކާމިޔާބުކޮށްދިނީ މެޗުގެ 36 ވަނަ މިނެޓްގައި އިގޯ ޖީސުސްއެވެ. މި މޮޅުވުމާއެކު ބޮޓަފޮގޯއިން ވަނީ ގްރޫޕް ބީގެ ޕޮއިންޓް ތާވަލުގެ އެއްވަނައަށް އަރައި، ގްރޫޕްގެ ކޮންޓްރޯލް ހޯދާފައެވެ.

Ad by Hajj Corporation
ޔޫއެފާ ޗެމްޕިއަންސް ލީގުގެ ޗެމްޕިއަނުން ކަމަށްވާ ޕީއެސްޖީއިން މެޗުގެ ބޮޑުބައި ކޮންޓްރޯލް ކުރިނަމަވެސް، ބޮޓަފޮގޯގެ ވަރުގަދަ ޑިފެންސިވް ލައިން ފޫއަޅުވާލުމަށް ލުއިސް އެންރީކޭގެ ކުދިންނަށް ވަނީ ނުކުޅެދިފައެވެ. މެޗުގެ ދެވަނަ ހާފުގައި އެންރީކޭ ގެނައި ތިން ބަދަލުވެސް ނަތީޖާއަށް އެއްވެސް ބަދަލެއް ގެނެވޭ ގޮތް ނުވިއެވެ.
ފާއިތުވި ފަސް މެޗުގައި ޖުމްލަ 19 ލަނޑު ޖަހާފައިވާ ޕީއެސްޖީއަށް މި މެޗުގެ 79 ވަނަ މިނެޓްގައި ލަނޑެއް ޖެހުނު ނަމަވެސް، އެއީ އޮފްސައިޑް ލަނޑެއްގެ ގޮތުގައި ރެފްރީ ވަނީ ނިންމާފައެވެ. މި ނަތީޖާއާ ހަމައަށް ގްރޫޕް ބީގައި ބޮޓަފޮގޯއަށް ވަނީ ކުޅުނު ދެ މެޗުން ހަ ޕޮއިންޓް ލިބިފައިވާއިރު، ޕީއެސްޖީ އޮތީ ތިން ޕޮއިންޓާއެކު ދެވަނައިގައެވެ.
މި މޮޅުވުމާއެކު ބޮޓަފޮގޯއިން ވަނީ ނޮކްއައުޓް ރައުންޑަށް ދިއުމުގެ ފުރުސަތު ވަރަށް ބޮޑަށް ހޯދާފައެވެ. މި ގްރޫޕްގެ ދެވަނައިގައި 3 ޕޮއިންޓާއެކު ޕީއެސްޖީ އޮތްއިރު، ތިންވަނައިގައި އެތްލެޓިކޯ ވެސް އޮތީ 3 ޕޮއިންޓާއެކުގައެވެ.
މި ގްރޫޕްގައި މިއަދު އެތްލެޓިކޯ ވަނީ ސިއާޓްލް ސައުންޑަރސް 3-1 އިން ބަލިކޮށް، މުބާރާތުގެ ފުރަތަމަ މޮޅު ހޯދާފައެވެ.
މި ގްރޫޕުގެ ފަހުމެޗުތަކުގައި ބޮޓަފޮގޯއިން ދެން އެތްލެޓިކޯއާއި ދެކޮޅަށް ނިކުންނައިރު، ޕީއެސްޖީ ނިކުންނާނީ އެއްވެސް ޕޮއިންޓެއް ނުލިބި ގްރޫޕުގެ ފުލުގައި އޮތް ސިއާޓްލް ސައުންޑަރސް އާއި ދެކޮޅަށެވެ.