logoEN
ޚަބަރު

ގެދޮރުވެރިޔާ ފްލެޓް ލިސްޓުން އުނިވާ މީހުންނަށް އެކަން އަންގަން ފަށައިފި

ޝަހްޒާ މުހައްމަދު ޝަހްޒާ މުހައްމަދު

20 ޖޫން 2025 - 14:02

ގެދޮރުވެރިޔާ މަޝްރޫއުގައި 4000 ފްލެޓް ލިސްޓުގައި ހިމެނޭ މީހުންގެތެރެއިން، އެކި ސަބަބުތަކާއި ހެދި ފްލެޓް ނުލިބޭ މީހުންނަށް އެކަން އަންގަން ފަށާފައިވާކަމަށް ޢިމާރާތްކުރުމާ ގެދޮރިވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.

ހައުސިން މިނިސްޓްރީން ބުނީ ފްލެޓަށް ޝަތުރު ހަމަނުވާ މީހުންނަށް އެކަން އަންގަމުންދަނީ ގެދޮރުވެރިން ޕޯޓަލް މެދުވެރިކޮށްކަމަށެވެ. ލިޔުން ފޮނުވިކަމުގެ މެސެޖެއް ފޯނަށް ފޮނުވާނެކަމަށްވެސް އެ މިނިސްޓްރިއިން ބުނެފައިވެއެވެ. ނަމަވެސް، 4000 ހައުސިން ޔުނިޓްގެ މި މަޝްރޫޢުގައި ފްލެޓް ނުލިބޭކަމަށް ކަނޑައަޅާފައިވަނީ ކިހާ މީހުންނަށްކަން ވުޒާރާއިން ހާމަކޮށްފައެއް ނުވެއެވެ.

ހައުސިން މިނިސްޓްރީން ބުނީ ‎ޝަރުތު ހަމަނުވާކަމަށް ކަނޑައެޅި މީހުންގެ ތެރޭގައި ސަރުކާރުން ހިންގާފައިވާ ސްކީމްތަކުން ފްލެޓް ލިބިފައިވާ ފަރާތްތަކާއި، ސަރުކާރު ކުންފުނިތަކުން ހިންގާފައިވާ ސްކީމްތަކުން ފްލެޓް ލިބިފައިވާ ފަރާތްތަކާ އަދި 600 އަކަފޫޓަށްވުރެ ބޮޑު އަމިއްލަ ބޯހިޔާވަހިކަމެއް ތިބިކަމަށް ޔަޤީންވާ ފަރާތްތަކަށް، ގެދޮރުވެރިޔާ ސްކީމުން ފްލެޓް ނުލިބޭނެކަން އަންގަމުންދާކަމަށެވެ. އެކަން އަންގަމުންދަނީ، ފްލެޓް ނުލިބޭ ސަބަބު ބަޔާންކުރުމާއެކުއެވެ.މި ފަރާތްތައްވެސް، އިތުރަށް ޝަކުވާއެއް ހުށައަޅަން ބޭނުންވާނަމަ އެ ފުރުޞަތު ވެސް ދޭނެކަމަށް ހައުސިން މިނިސްޓްރިއިން ބުންޏެވެ.

މި ސްކީމަށް ފޯމު ހުށައެޅި މީހުންގެ ތެރެއިން ސަރުކާރުން ރިވިއުކުރަމުންދަނީ، ސްކީމަށް ހޮވިފައިވާކަމަށް 2023ގެ ނޮވެމްބަރުގައި އޭރުގެ ސަރުކާރުން ހާމަކުރި 4000 މީހުންގެ ލިސްޓެވެ. ނަމަވެސް އޭސީސީ އިން އެ ލިސްޓުގައި މައްސަލަ ހުރިކަމަށް ބުނެ ފްލެޓް ދިނުން ހުއްޓުމަށް އެންގިއެވެ. މި ސަރުކާރު ހަވާލުވެ ޚާއްސަ ކޮމިޓީގެ މަސައްކަތަށްފަހު އިޢުލާނުކުރީ، ސްކީމަށް ހޮވި މީހުންގެ 2180 މީހުންގެ ޝަރުތު ހަމަނުވާކަމަށެވެ. އަދި މި ލިސްޓާ ގުޅިގެން ޝަކުވާ ހުށައެޅުމަށް ދޮޅު މަހުގެ މުއްދަތެއް ދީފަވެއެވެ. އެ ފުރުޞަތުގައި ލިބުނު 8000 ޝަކުވާގެ ރިވިއު މަސައްކަތްކޮށް، ޝަރުތު ހަމަނުވާކަމަށް ފެންނަ މީހުންނަށް މިހާރު ދަނީ އެކަން އަންގަމުންނެވެ.

ހައުސިން މިނިސްޓަރު އަބްދުﷲ މުއްތަލިބު މެއި 29 ގައި ނޫސްވެރިންނާ ބައްދަލުކުރައްވާ ވިދާޅުވީ ފްލެޓާ ގުޅޭ ދާއިމީ ލިސްޓެއް ދެން ނުނެރޭނެކަމަށާއި، ޝަކުވާ ފޯމުތައް ރިވިއުކުރުމަށް ފަހު ފްލެޓް ނުލިބޭނެކަން ކަށަވަރުވާ މީހުންނަށް އެކަން އަންގަމުންދާނެ ކަމަށެވެ. ވަޒީރު މުއްތަލިބް ވިދާޅުވީ، ލިސްޓުގައި ގިނަ ބަޔަކު ޝަރުތު ހަމަނުވާކަމަށް ކަނޑައަޅާފައިވަނީ މާލޭގައި ދިރިއުޅުނު މުއްދަތު ހާމަކޮށްދިނުމުގައި ހުރި ފުށުއެރުންތަކުންކަމަށެވެ. ޝަކުވާތައް ރިވިއުކުރަމުންދާއިރު، ލިސްޓުގައި ޝަތުރު ހަމަނުވާ މީހުންނަށް އެކަން އަންގަމުންދާނެކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި އެމީހުން ޖަވާބުދާރީވާން ފުރުޞަތެއްވެސް ދޭނެކަމަށް މުއްޠަލިބު ވަނީ ވިދާޅުވެފައެވެ.

ވަޒީރު އެއިރު ވިދާޅުވީ ގެދޮރުވެރިޔާ ސްކީމުގެ 1000 ހައުސިން ޔުނިޓްގެ އިމާރާތުގެ މަސައްކަތް މުޅިން ނިމިފައިވާކަމަށެވެ. އަދި ޖުލައިގެ ނިޔަލަށް އިތުރު 1000 ޔުނިޓް ނިމި، މުޅި މަޝްރޫޢު ސެޕްޓެމްބަރަށް ނިންމާނެކަމަށް ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ.ޢަބްދުﷲ މުއްޠަލިބު ވިދާޅުވިއެވެ.

ކޮމެންޓް

871x217_placeholder