logoEN
ޚަބަރު

ވީއައިއޭގެ އާ ޓާމިނަލް ޖުލައި 26 ގައި ހުޅުވުމުގެ ކައުންޓްޑައުން ފަށައިފި

މުހައްމަދު މޫސާމުހައްމަދު މޫސާ

21 ޖޫން 2025 - 04:58

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ އާ ޓާމިނަލް އަންނަ ޖުލައި 26 ގައި ހުޅުވުމަށްޓަކައި، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ރަސްމީކޮށް ކައުންޓްޑައުންއެއް ފަށައިފިއެވެ.

މިކަމަށްޓަކައި އެއާޕޯޓުގައި ބޭއްވުނު ޚާއްސަ ރަސްމިއްޔާތެއްގައި، ރޭ ދަންވަރު 12 ޖެހިއިރު މި ކައުންޓްޑައުން ރަސްމީކޮށް ފައްޓަވައި ދެއްވީ އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފެވެ.

އެމްއޭސީއެލް އިން ނިންމާފައި ވަނީ، ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރޭ މި އަހަރުގެ ޖުލައި 26 ގައި ވީއައިއޭގެ އާ ޓާމިނަލްގެ އެއްބައި ބޭނުންކުރަން ފަށާށެވެ. އެއާ އެކު، އެ ދުވަހަކީ އާ ޓާމިނަލް ރަސްމީކޮށް ހުޅުވުނު ދުވަހުގެ ގޮތުގައި ފާހަގަވެގެން ދާނެއެވެ.

މި އާ ޓާމިނަލްއަކީ ދިވެހިރާއްޖޭގެ އެއާޕޯޓު ތާރީޚުގައި މިހާތަނަށް ތަރައްޤީ ކުރެވުނު އެންމެ ބޮޑު އަދި އެންމެ ޒަމާނީ ޓާމިނަލްއެވެ. 78,000 އަކަމީޓަރުގެ ބޮޑު ޖާގައެއް ހުންނަ މި ޓާމިނަލްގައި، އެވްރެޖުކޮށް ދުވާލަކު 8,000 ފަސިންޖަރުންނަށް ޚިދުމަތް ދެވޭނެއެވެ. މީގެ އިތުރުން، ފަސިންޖަރުންނަށް ފަސޭހަކޮށްދިނުމުގެ ގޮތުން ގިނަ ޒަމާނީ ޚިދުމަތްތަކެއް ވަނީ ތަޢާރަފުކޮށްފައެވެ. އެގޮތުން، އެއިރޯ ބްރިޖުތަކާއި، ސެލްފް ޗެކިން ސިސްޓަމްތަކުން ޚިދުމަތް ހޯދުމުގެ ފުރުސަތު ލިބިގެންދާނެއެވެ. އަދި އޮޓޯމެޓިކް ބެގޭޖް ހެންޑްލިން ސިސްޓަމްތަކާއި، އެޑްވާންސް ވިޝުއަލް ޑޮކިން ގައިޑެންސް ސިސްޓަމްގެ ޚިދުމަތް ވެސް ލިބޭނެއެވެ.

ފަސިންޖަރުންނަށް ދެވޭ ޚިދުމަތުގެ ފެންވަރު އިތުރުކުރުމުގެ ގޮތުން، މި ޓާމިނަލްގައި އިމިގްރޭޝަންގެ 38 ކައުންޓަރާއި، އިތުރު ހަތް ޗެކިން ކައުންޓަރު ހިމެނޭނެއެވެ. މިއާއި އެކު، އެއްފަހަރާ ފަސިންޖަރުންނަށް ދެވޭ ޚިދުމަތުގެ ސްޕީޑް 20 ޕަސެންޓް އިތުރުވެގެން ދާނެ ކަމަށް އެމްއޭސީއެލް އިން ލަފާކުރެއެވެ.

އެމްއޭސީއެލް އިން މިދިޔަ މަހު ބުނެފައި ވަނީ އާ ޓާމިނަލް ބޭނުން ކުރާނީ އެ ޓާމިނަލާ އެކު، ބަހައްޓާ ހަ އެއިރޯބްރިޖާ އެކު ކަމަށެވެ. އަދި ޓާމިނަލް ހުޅުވުމަށް ފަހު، ތިން މަސްދުވަހުގެ ތެރޭގައި ކުރީގެ ޓާމިނަލުން ދެމުން އައި ހުރިހާ ޚިދުމަތެއް އާ ޓާމިނަލަށް ބަދަލުކޮށް ނިންމާލެވޭނެ ކަމަށް ވެސް އެމްއޭސީއެލް އިން ބުނެފައި ވެއެވެ.

އެމްއޭސީއެލްގެ އާ ޓާމިނަލް ހުޅުވައި ބޭނުންކުރަން ފަށަން ތައްޔާރު ވަމުން އަންނައިރު، ސަރުކާރުން ބުނެފައި ވަނީ މި ޓާމިނަލާ އެކު، އަހަރެއްގެ މައްޗަށް 7.5 މިލިއަން މީހުންނަށް ޚިދުމަތް ދެވޭނެ ޖާގަ ލިބި، ރާއްޖޭގެ ފަތުރުވެރިކަމަށް އިތުރު ކުރިއެރުމެއް ލިބިގެންދާނެ ކަމަށެވެ.

ކޮމެންޓް

871x217_placeholder