logoEN
ޚަބަރު

ތަޢުލީމަށް އަހަރަކު 4 ބިލިއަން ޚަރަދުވޭ، ނަމަވެސް ނަތީޖާތައް ދަށް: ވަޒީރު

ތަޢުލީމާ ބެހޭ ވަޒީރު ޑރ. އިސްމަޢީލް ޝަފީއު މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަނީ -- ފޮޓޯ: ތައުލީމާ ބެހޭ ވުޒާރާ

ތަޢުލީމާ ބެހޭ ވަޒީރު ޑރ. އިސްމަޢީލް ޝަފީއު މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަނީ -- ފޮޓޯ: ތައުލީމާ ބެހޭ ވުޒާރާ

ދައުލަތުގެ ބަޖެޓުން ތަޢުލީމީ ދާއިރާއަށް އަހަރަކު ހަތަރު ބިލިއަނެއްހާ ރުފިޔާ ހޭދަކުރާއިރު ވެސް، ތަޢުލީމީ ދާއިރާއިން ނުކުންނަން ޖެހޭ އެންމެ އެކަށީގެންވާ ނަތީޖާތައް ނުނިކުންނަ ކަމަށް، ކަންބޮޑުވުމާއެކު ތަޢުލީމާ ބެހޭ ވަޒީރު ޑރ. އިސްމަޢީލް ޝަފީޢު ވިދާޅުވެއްޖެއެވެ.

ވަޒީރު އެފަދައިން ވިދާޅުވީ، 2022 އާއި 2023 ވަނަ އަހަރު އޯ ލެވެލް އިމްތިހާނު ނިންމައި ގަދަ 10 ގައި ހިމެނުނު ދަރިވަރުންނާއި މިދިޔަ އަހަރުގެ އޭ ލެވެލް އިމްތިހާނު ނިންމި ދަރިވަރުންނަށް ބާއްވާ މަތީ އަރުތަވެރިންގެ އިނާމު ދިނުމުގެ ޖަލްސާގެ ހެނދުނުގެ ދަންފަޅީގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެގޮތުން 2013 ވަނަ އަހަރާއި 2014 ވަނަ އަހަރުގެ މަތީ ސާނަވީ އިމްތިހާނުގެ ނަތީޖާތަކަށް އަލިއަޅުވާލަމުން ވަޒީރު ވިދާޅުވީ، އެޑިއުކޭޝަން މިނިސްޓްރީން ކަނޑައަޅާފައިވާ ފަސް މާއްދާއިން 'ސީ' ފާސް ހޯދުމަކީ ދަރިވަރުން ފާސްވާންޖެހޭ އެންމެ ދަށް މިންވަރު ކަމަށްވާއިރު، އެ އަހަރުތަކުގެ އެ އިމްތިހާނުތަކުގައި ބައިވެރިވި ދަރިވަރުންގެ ތެރެއިން 50 އިންސައްތަ ދަރިވަރުން ވެސް ފަސް މާއްދާއިން ފާސްވެފައިނުވާ ކަމަށެވެ.

ހަމަ އެގޮތަށް، ހުސްވި 2024 ވަނަ އަހަރާއި 2023 ވަނަ އަހަރުގެ ނަތީޖާއަށް ބަލާއިރު ވެސް ފެނުނީ އެ މަންޒަރު ކަމަށާއި، ފެނުނީ 50 އިންސައްތަ ދަރިވަރުން ފަސް މާއްދާއިން ފާސްނުވާ މަންޒަރުކަމުގައި ވަޒީރު ވިދާޅުވިއެވެ.

undefinedތަޢުލީމާ ބެހޭ ވަޒީރު ޑރ. އިސްމަޢީލް ޝަފީއު މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަނީ -- ފޮޓޯ: ތައުލީމާ ބެހޭ ވުޒާރާ

އެއާއެކު ވަޒީރު ވިދާޅުވީ، އޭގެން ފެންނަނީ ދައުލަތުން ތައުލީމަށް ބޮޑު ޚަރަދެއް ކުރާއިރު އަދި މުދައްރިސުން އެތައް ގަޑިއިރެއްގެ މަސައްކަތްކުރާއިރު ވެސް، އެންމެން ގުޅިގެން ދާން ބޭނުންވާ މަންޒިލަށް ވާސިލު ނުވެވޭކަން ކަމަށެވެ.

މިއިން އަޅުގަނޑުމެންނަށް އެނގެނީ ގާތްގަނޑަކަށް ހަތަރު ބިލިއަނެއްހާ ރުފިޔާ ދައުލަތުން ތައުލީމަށް ހޭދަކުރަމުން ދާއިރު، އަދި އަޅުގަނޑުމެންގެ ހީވާގި މުދައްރިސުން އެތައް ގަޑިއިރެއް ކިޔަވައިދިނުމުގަ ހޭދަކުރަމުންދާއިރު، އަދި ބެލެނިވެރިން ކުރާ މަސައްކަތާ އެކުގަ، މި ހުރިހާ މަސައްކަތެއް ގުޅިގެން ވެސް އަޅުގަނޑުމެން އެންމެ ދާން ބޭނުންވާ މަންޒިލަށް އަދި ވާސިލެއް ނުވެވެއޭ، - ތަޢުލީމާ ބެހޭ ވަޒީރު ޑރ. އިސްމަޢީލް ޝަފީޢު

އޭގެ އިތުރުން ވަޒީރު ވަނީ، އޯލެވެލްގެ ނަތީއްޖާ އިން ގަދަ ދިހައެއްގައި ހިމެނޭ ދަރިވަރުންގެ ތެރެއިން، އޭލެވެލްގެ ގަދަ 10 ގައި ހިމެނޭ ދަރިވަރުންގެ އަދަދު މަދުވަމުންދާ ކަމުގެ ކަންބޮޑުވުން ވެސް ހިއްސާކުރައްވާފައެވެ. އެގޮތުން 7،000 އެއްހާ ދަރިވަރުން އޯލެވެލް ހަދާއިރު، އޭގެ ތެރެއިން ގަދަ ދިހައެއްގައި ހިމެނެނީ 840 ދަރިވަރުން ކަމަށާއި، އެ ދަރިވަރުންގެ ތެރެއިން އޭލެވެލްއަށް ވަންނަ ދަރިވަރުންގެ ތެރެއިން ގަދަ ދިހައެއްގައި ހިމެނެނީ އެންމެ 32 އިންސައްތަ ކަމުގައި ވަޒީރު ފާހަގަކުރެއްވިއެވެ.

އަޅުގަނޑުގެ ހިތުން މިފަދަ އުފާވެރި ޖަލްސާއެއް ފާހަގަކުރަމުން ދާއިރުގައި މިއީ ވެސް ހަމަ އަޅުގަނޑުމެން އެޑްރެސްކުރަން ޖެހޭ އިޝޫއެއްކަމުގައި އަޅުގަނޑު ދެކެނީ. އެހެނީ 7،000 އަކަށް ދަރިވަރުން ބައިވެރިވެގެން އެ ދަރިވަރުންގެ ތެރެއިން އެންމެ މަތީ ވަނަ ހޯދާ 840 ދަރިވަރުން، އޭލެވެލްގެ މަރުޙަލާއަށް ކިޔަވަން ފައްޓާފައި އެ ދަިރވަރުންގެ ތެރެއިން 32 އިންސައްތަ ދަރިވަރުން އަޅުގަނޑުމެން މި ފާހަގަކުރާ މަތީ އަރުތަވެރިންގެ ގިންތީގައި ހިމެނުމަކީ އަޅުގަނޑަށް ހީވަނީ އަދި މަދު އަދަދެއް ކަންނޭނގެ. މިއީ އަޅުގަނޑުމެން މިކަން ހަރުދަނާކޮށް، ކިޔަވައިދިނުން ހަރުދަނާ ކުރުން ކަމުގައި ވިޔަސް، އަދި ދަރިވަރުންނަށް ސްކޫލުތަކުގެ ތެރެއިން ލިބޭ ފުރުސަތުކަމުގައި ވިޔަސްމެ، ފަހިކޮށްދީގެން އެޑްރެސްކުރަން ޖެހޭ އިޝޫއެއް ކަމުގައި އަޅުގަނޑު ދެކެން. - ތަޢުލީމާ ބެހޭ ވަޒީރު ޑރ. އިސްމަޢީލް ޝަފީޢު

undefined

ވަޒީރު ވަނީ މި ޙަޤީގަތްތައް ޤަބޫލުކޮށް، އެންމެ އެކުގައި އެ ދާއިރާ އަދި ހުރި މައްސަލަތައް ރަނގަޅުކުރުމުން ދަރިވަރުންގެ ނަތީޖާ އިތުރު ހަރުފަތަކަށް ގެންދެވޭނެކަން ފާހަގަކުރައްވާފައެވެ.

އަދި ތައުލީމީ ދާއިރާއަކީ މި ސަރުކާރުން ވަރަށް އިސްކަންދޭ ދާއިރާއެއް ކަމުގައި ފާހަގަކުރައްވަމުން ވަޒީރު ވަނީ، ދަރިވަރުންނަށް އުނގަންނައިދެއްވާ ޓީޗަރުންގެ ފެންވަރު މަތިކުރުމުގެ ޕްރޮގްރާމްތައް މިހާރު ފަށާފައިވާކަން ފާހަގަކުރައްވާފައެވެ. އޭގެ ތެރޭގައި ބޭރުގެ ފަންނީ މީހުންގެ އެހީތެރިކަމާ އެކު ހުރިހާ ޕްރިންސިޕަލުންނަށް މިދިޔަ އަހަރު ޕްރޮގްރާމެއް ހިންގައި ކަރިކިއުލަމާއި ކޮންޓެންޓަށް ގެންނަން ޖެހޭ ބަދަލުތައް ވެސް މިހާރު އަންނަނީ ގެންނަމުން ކަަމަށް ވަޒީރު ވިދާޅުވި އެވެ.

ކޮމެންޓް

871x217_placeholder