logoEN
ޚަބަރު

އޯއައިސީގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ޚާރިޖީ ވަޒީރު ތުރުކީއަށްކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި

އާމިނަތު ސަފާއާމިނަތު ސަފާ

22 ޖޫން 2025 - 04:05

އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯ.އައި.ސީ.) އިން ބޭއްވި ޚާރިޖީ ވަޒީރުންގެ ކައުންސިލްގެ 51 ވަނަ ބަައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ރާއްޖޭގެ ޚާރިޖީ ވަޒީރު، ޑރ. ޢަބްދުﷲ ޚަލީލް ތުރުކީގެ އިސްތަންބުލްއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފިއެވެ.

އޯ.އައި.ސީ.ގެ ޚާރިޖީ ވަޒީރުންގެ ކައުންސިލްގެ މި ބައްދަލުވުމުގައި ޚާރިޖީ ވަޒީރު ޑރ. ޚަލީލް ދެއްވި ތަޤްރީރުގައި، އޯ.އައި.ސީގެ ކަންކަން ހަރުދަނާކޮށް، މުސްލިމް އުންމަތަށް މިހާރު ކުރިމަތިވެފައިވާ ގޮންޖެހުންތައް ހައްލުކުރުމަށް މެންބަރު ގައުމުތަކުން އިތުރު މަސައްކަތްތަކެއް ކުރަންޖެހޭކަން ވަނީ ފާހަގަކުރައްވާފައެވެ.

ފަލަސްތީނުގެ ހާލަތާ ގުޅިގެން ޑރ. ޚަލީލް ވަނީ އިސްރާއީލުން ހުއްޓުމެއްނެތި ހިންގަމުންދާ އަނިޔާވެރިކަމާ ގުޅިގެން ޣައްޒާއާއި ފަލަސްތީނުގެ ރައްޔިތުންނަށް ބޮޑެތި ހަލާކާއި ތަކްލީފު ކުރިމަތިވަމުންދާތީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. 1967 ވަނަ އަހަރުގެ ކުރިން ކަނޑައަޅާފައިވާ ސަރަޙައްދީ ރޮނގުތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ޤުދުސްއަކީ ފަލަސްޠީނުގެ ވެރިރަށް ކަމުގައި ކަނޑައަޅައި، މިނިވަން، މުސްތަޤިއްލު ދައުލަތެއްގެ ގޮތުގައި ފަލަސްޠީނު ބަލައިގަންނަން ޖެހޭކަމަށް ރާއްޖެއިން ކުރާ އިލްތިމާސް،ވަޒީރުވަނީ ތަކުރާރުކުރައްވާފައެވެ.

މީގެ އިތުރުން، އިސްރާއީލުން އީރާނަށް ދެމުންދާ ހަމަލާތައްވެސް ވަޒީރު ޑރ. ޚަލީލް ވަނީ ކުށްވެރިކުރައްވާފައެވެ. އިސްރާއީލުންދަނީ ބައިނަލްއަޤްވާމީ ޤާނޫނުތަކާއި ތަކުރާރުކޮށް ހިލާފުވަމުންކަމަށް ވަޒީރު ވިދާޅުވިއެވެ.

އޯ.އައި.ސީ.ގެ ޚާރިޖީ ވަޒީރުންގެ ކައުންސިލްގެ މި ބައްދަލުވުމުގެ ހަވާސާގައި، ޚާރިޖީ ވަޒީރު، ޑރ. ޚަލީލް ވަނީ ޓަޖިކިސްތާން ގެ ޚާރިޖީ ވަޒީރާވެސް ބައްދަލުކުރައްވާފައެވެ. މި ބައްދަލުވުމުގައި އޯ.އައި.ސީ. ތެރެއިން ގުޅުން ވަރުގަދަކޮށް އަދި ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން ބަދަހިކޮށް އެއްބާރުލުން ދެވިދާނެ ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާކުރެވުނެވެ.ޚާރިޖީ ވަޒީރުންގެ ކައުންސިލްގެ މި ބައްދަލުވުމަކީ ކޮންމެ އަހަރަކުވެސް އޯ.އައި.ސީ.ގެ ގައުމުތަކުގެ ޚާރިޖީ ވަޒީރުން އެއްތަނަކަށް އެއްވެ އިސްލާމީ އުއްމަތަށް ދިމާވެފައިވާ މުހިންމު މައްސަލަތަކަށް ހައްލު ހޯދުމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ބާއްވާ ބައްދަލުވުމެކެވެ. މި ދަތުރުފުޅުގައި ޚާރިޖީ ވަޒީރު ޑރ. ޚަލީލްގެ އަރިހުގައި، ރާއްޖެއިން އޯ.އައި.ސީ.އަށް ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު، އަޙްމަދު ސަރީރު، ރާއްޖެއިން ތުރުކީއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ލެފްޓެނަންޓް ޖެނެރަލް (ރޓ) ޢަބްދުއްރަޙީމް ޢަބްދުއްލަޠީފް، ޑިރެކްޓަރ ފާތިމަތު ރަޒާނާ، ތުރުކީގައި ހުންނަ ރާއްޖޭގެ އެމްބަސީގެ ކައުންސެލަރ، އައިޝަތު ރައިހާނާ ބައިވެރިވެވަޑައިގެންނެވިއެވެ.

ކޮމެންޓް

871x217_placeholder