ބެންފީކާއަތުން ބަލިވިނަމަވެސް ބެންފީކާއާއެކު ބަޔާން ގަދަ 16 އަށް
25 ޖޫން 2025 - 03:13

ވާދާވެރި މެޗެއްގައި ފުރަތަމަ ފަހަރަށް ބެންފީކާ ބަޔާން ގެ މައްޗަށް ކުރިހޯދައިފިއެވެ. ފީފާ ކްލަބް ވޯލްޑް ކަޕްގެ ގްރޫޕް ސީގައި ބެންފީކާ އަތުން ބަޔާން ބަލިވީ 1-0 އިންނެނެވެ. ރޭގެ މިމޮޅާއެކު ބެންފީކާ ގްރޫޕް ސީގެ އެއްވަނަ ޓީމުގެ ގޮތުގައި ގަދަ 16 އަށް ދަތުރުކޮށްފައިވާއިރު، މިގްރޫޕްގައި މީގެ ކުރިން ކުޅުނު ދެމެޗުންވެސް ބަޔާން މޮޅުވެފައިވުމުން 6 ޕޮއިންޓާއެކު ދެވަނައިގައި އެޓީމުވެސް ވަނީ މުބާރާތުގެ ގަދަ 16 އަށް ދަތުރުކޮށްފައެވެ.
ނޯތު ކެރޮލައިނާގެ ޗާލޮޓްގައި ކުޅުނު މި މެޗުގައި ބެންފީކާގެ ހަމައެކަނި ލަނޑު ޖެހީ އެންޑްރިއާސް ޝެލްޑެރަޕްއެވެ. މެޗުގެ 13 ވަނަ މިނެޓްގައި ފްރެޑްރިކް އޯސްނެސްގެ ކްރޮސް ބޯޅައަކުން މި ލަނޑު ޖެހީއެވެ. އެމެރިކާގެ ގަޑިން މެންދުރު 12 ޖެހިއިރު އެންމެ ހޫނުގައި ކުލުނު މިމެޗު ބަލަން 33،287 ސަޕޯޓަރުން ދަނޑަށް ވަދެ ތިއްބެވެ.

Ad by Hajj Corporation
ޖަރުމަނުގެ ޗެމްޕިއަންސް ބަޔަން މިއުނިކްއިން މެޗު ފެށި އިރު ހެރީ ކޭން އަދި މައިކަލް އޮލިސެ ފަދަ ތަރިން ފެށީ ބަދަލުކުޅުންތެރިންގެ ގޮތުގައި ބެންޗުންނެވެ. ދެވަނަ ހާފުގައި މި ދެ ކުޅުންތެރިން ކުޅެން ނެރުމުން ބަޔަންގެ ކުޅުން ރަނގަޅުވި ނަމަވެސް، ލެރޯއި ސާނޭގެ ހަމަލާތައް ބެންފީކާގެ ޔުކްރެއިން ގޯލްކީޕަރު އަނަޓޮލީ ޓްރުބިން ހުއްޓުވިއެވެ.
މި މެޗުން ބެންފީކާއަށް ލިބުނު މޮޅަކީ އެޓީމު މިހާތަނަށް ބަޔާން މިއުނިކްއާ ދެކޯލަށް ކުޅުނު 14 ވަނަ މެޗުން ލިބުނު ފުރަތަމަ ކާމިޔާބީއެވެ.
މިގްރޫޕްގެ ދެވަނަ މެޗުގައި ރޭގައި އޯކްލޭންޑް ސިޓީ އާއި އާރޖެންޓީނާގެ ބޮކަ ޖޫނިއާރސް ވަނީ 1-1 އިން އެއްވަރުވެ، ދެޓީމުވެސް މުބާރާތާއި އަލްވަދާޢުކިޔާފައެވެ.
.