ތިނަދޫގެ މޭޔަރާއި ޑެޕިއުޓީ މޭޔަރު މުސާރަ ނުލިބޭ ގޮތަށް ސަސްޕެންޑުކޮށްފި
25 ޖޫން 2025 - 10:29

ތިނަދޫ ސިޓީގެ މޭޔަރު ސަޢުދު ޢަލީއާއި ޑެޕިއުޓީ މޭޔަރު ނަޞްރުﷲ ޢަލީ ސަސްޕެންޑްކޮށް ކައުންސިލަރުންނަށް ފިޔަވަޅު އަޅަން ލޯކަލް ގަވަމެންޓް އޮތޯރެޓީ (އެލްޖީއޭ)އިން ނިންމައިފިއެވެ.
އެލްޖީއޭއިން މިގޮތަށް ނިންމާފައިވަނީ ތިނަދޫ ކައުންސިލާ ގުޅޭގޮތުން ހުށަހެޅިފައިވާ މައްސަލަތަކާ ގުޅިގެން ކުރިއަށް ގެންދިޔަ އިންކްއަރީއަށްފަހުގައެވެ. މި އިންކުއަރީގައި ކައުންސިލް މެމްބަރުންނާއި އިދާރީ މުވައްޒަފުންގެ ބަޔާން ނަގާފައިވާކަމަށް އެލްޖީއޭއިން ބުނެއެވެ.

Ad by Hajj Corporation
އެލްޖީއޭއިން ބުނީ ތިނަދޫ ސިޓީ ކައުންސިލުގެ ވާޖިބު އަދާކުރުމަށް ނުކުޅެދިފައިވާކަމަށާއި، ކައުންސިލުގެ ބާރުތަކާއި ވަސީލަތްތަކުގެ ބޭނުން ނަހަމަ ގޮތުގައި ހިފައި، ކައުންސިލަރުންގެ ސުލޫކީ މިންގަނޑާއި ހިލާފަށް މޭޔަރާއި މެންބަރުން އަމަލުކުރާކަމަށް ބުނެ، އަމިއްލަ ފަރާތްތަކުންނާއި ދައުލަތުގެ އެކި އިދާރާތަކުން މައްސަލަތައް ހުށަހަޅާފައިވާ ކަމަށެވެ. އެފަދަ 19 މައްސަލައެއް ބަލާފައިވާކަމަށްވެސް އެލްޖީއޭއިން ހާމަކުރެއެވެ.
މިފަދަ މައްސަލަތަކުގެ ތެރޭގައި ދައުލަތުން ފޮނުވާ ސިޓީތަކަށް ޖަވާބު ނުދިނުމުގެ މައްސަލަތަކާއި ރަށްވެހިކަން ބަދަލުކުރުމަށް ހުށަހެޅުމުން 5،000 ރުފިޔާގެ ފީއެއް ނެގުމާއި ތިނަދޫ ސަރުކާރުން އަޅާ 200 ހައުސިން ޔުނިޓަށް މިނިސްޓްރީގެ ހުއްދައާ ނުލައި ކުރިމަތިލާން ހުޅުވާލުމުގެ މައްސަލަތައް ހިމެނެއެވެ.
ތިނަދޫއަށް ސިޓީއެއްގެ ދަރަޖަދީ، ސިޓީ ކައުންސިލެއް އުފައްދާފައި ނުވިނަމަވެސް ސިޓީ ކައުންސިލެއްގެ މޭޔަރާއި މެންބަރުންގެ މުސާރައާއި އިނާޔަތް، ކައުންސިލުގެ ރައީސްއާއި މެންބަރުން ނަގާފައިވާ ކަމަށްވެސް އެލްޖީއޭއިން ބުނެއެވެ.
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނާ ހިލާފުވެފައިވާ ކަން އިންކުއަރީއަށް ފާހަގަކުރެވޭތީ ތިނަދޫ ސިޓީ ކައުންސިލުގެ މޭޔަރު ސައުދު ޢަލީ، މުސާރައާއި އިނާޔަތް ނުލިބޭގޮތަށް 3 މަސްދުވަހުގެ މުއްދަތަށް މަގާމުގެ މަސްއޫލިއްޔަތުން ވަގުތީ ގޮތުން އެއްކިބާކުރުމަށް ނިންމިއިރު ޑެޕިއުޓީ މޭޔަރު ނަސްރުﷲ ޢަލީ، މުސާރައާއި އިނާޔަތް ނުލިބޭގޮތަށް އެއް މަސްދުވަހުގެ މުއްދަތަށް މަގާމުގެ މަސްއޫލިއްޔަތުން ވަގުތީ ގޮތުން އެއްކިބާކުރުމަށްވެސް އެލްޖީއޭގެ ބޯޑުން ވަނީ ނިންމަވާފައެވެ.
މީގެ އިތުރުން ކައުންސިލުގެ މެންބަރު އަހުމަދު ވަހީދު އާއި އާމިނަތު ނަސީމާ އާއި އަޙްމީމާ އަހުމަދު އާއި ތިނަދޫ ސިޓީ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ ރައީސް ޖީޒާ ހަސަނަށް ނަސޭހަތްތެރިވުމާއެކު މުސާރައިގެ ގޮތުގައި އިތުރަށް ދީފައިވާ ފައިސާ 2 މަސްދުވަސްތެރޭ އަނބުރާ ދެއްކުމަށް އެންގެވުމަށް ވަނީ އަންގާފައެވެ.
އަދި ތިނަދޫ ސިޓީ ކައުންސިލްގެ މެންބަރު މުހައްމަދު ޒަލީފު އަބްދުﷲ ގެ ސާބިތު ދަރަނީގެ މައްސަލައެއް އޮތުމުން ނަސޭހަތްތެރިވުމާއެކު މުސާރައިގެ ގޮތުގައި އިތުރަށް ދީފައިވާ ފައިސާ 2 މަސްދުވަސްތެރޭ އަނބުރާ ދެއްކުމާއެކު ކައުންސިލު މެންބަރެއްގެ ކިބައިގާ ހުރުން ލާޒިމް ސިފައެއް އުނިވެފައިވާކަމަށް ކަނޑަޅައިފިނަމަ އެކަން ގާނޫނާއި އެއްގޮތަށް ޕްރޮސެސް ކުރުމަށް އެންގުމަށްވެސް ވަނީ ނިންމާފައެވެ.