ރާއްޖެއަށް މިއަހަރު 2.3 މިލިއަން ފަތުރުވެރިން ގެނައުމަކީ ސަރުކާރުގެ އަމާޒެއް - މިނިސްޓަރ


29 ޖޫން 2025 - 12:17
ރާއްޖެއަށް މިއަހަރު 2.3 މިލިޔަން ފަތުރުވެރިން ގެނައުމަކީ ސަރުކާރުގެ އަމާޒެއް ކަމަށާއި، މިހާތަނަށް ރާއްޖެއަށް ގާތްގަނޑަކަށް 1.08 މިލިއަން ފަތުރުވެރިން ޒިޔާރާތްކޮށްފައިވާއިރު، ފަތުރުވެރިކަމުގެ އަމާޒު ހާސިލްވާނެކަމަށް ޤަބޫލުކުރައްވާ ކަމަށް ފަތުރުވެރިކަމާއި ތިމާވެށްޓާ ބެހޭ ވަޒީރު ތާރިޤު އިބްރާހީމް ވިދާޅުވެއްޖެއެވެ.
ރާއްޖެއަށް މިހާރު ފަތުރުވެރިން އާންމުކޮށް އަންނަމުންދާ މާކެޓުތަކުގެ އިތުރުން އެހެން މާކެޓުތަކަށް ފުޅާކުރަން ޖެހޭކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ، ޓްރެވެލް އޭޖެންޓުނާއި ރިސޯޓުތަކާއި އެއަރލައިންތަކާއެކު އެމަސައްކަތް ކުރަމުންދާކަމަށެވެ.
އިތުރު މަންޒިލްތަކުން ފަތުރުވެރިން ގެނައުމުގެ މަސައްކަތާއެކު ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ތަރައްޤީ ކުރެވޭ އެއަރޕޯޓުތަކާއެކު ކެޕޭސިޓީ ވަރަށް ބޮޑަށް އިތުރުވެގެންދާނެކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ވެލާނާ އެއަޕޯޓުގެ އައު ޓާމިނަލާއެކުވެސް ރާއްޖެ އަންނަ އެއަރލައިންތައް އިތުރުކުރެނެކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.
އިރާން-އިސްރާއީލް ހަނގުރާމައިގެ ސަބަބުން ބައެއް ފްލައިޓުތައް ކެންސަލްވި ނަމަވެސް ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަތުތަކަށް މާބޮޑު އަސަރެއް ނުކުރާކަމަށްވެސް ފަތުރުވެރިކަމާބެހޭ ވަޒީރު ވަނީ ވިދާޅުވެފައެވެ.
ވެލާނާ އިންޓަރނޭޝަލް އެއަރޕޯޓުގެ އައު އިންޓަރނޭޝަނަލް ޓަރމިނަލާއެކު އަހަރުން އަހަރަށް ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު ވަރަށް ބޮޑަށް އިތުރުވާނެއެވެ.
ވެލާނާ އިންޓަނޭޝަލް އެއަރޕޯޓުގައި މިހާރު ތަރައްޤީކުރަމުންދާ އައު އިންޓަރނޭޝަނަލް ޓަރމިނަލުގެ މަސައްކަތް ފެށީ 2017 ވަނަ އަހަރުއެވެ. ޒަމާނީ ވަޞީލަތްތަކާއެކު ތަރައްޤީކުރާ ބައިނަލްއަޤުވާމީ ފެންވަރުގެ މި ޓަރމިނަލަކީ ރާއްޖޭގެ އިޤުތިޞާދަށް އެތައް ގޮތަކުން ފައިދާކުރާނެ ޢުމްރާނީ ތަރައްޤީގެ ބިޔަ މަޝްރޫޢެކެވެ.