logoEN
ދުނިޔެ

ޔުރޭނިއަމް ފައްކާކުރުން އަލުން ފަށަން އީރާނަށް ބޭނުން ވަނީ މަދު ދުވަސްކޮޅެއް: އައިއޭއީއޭ

މުހައްމަދު މޫސާމުހައްމަދު މޫސާ

01 ޖުލައި 2025 - 15:48

ޓެހެރާން، އީރާން: އެމެރިކާއިން އީރާނުގެ ނިއުކްލިއަރ ވަސީލަތްތަކަށް ދެވުނު ހަމަލާތަކުން ބޮޑެތި ގެއްލުންތަކެއް ލިބިފައިވީ ނަމަވެސް، އެ ޤައުމަށް "މަދު މަސްތަކެއްގެ ތެރޭގައި" ނުވަތަ އެއަށްވުރެ ކުރު މުއްދަތެއްގައި ޔުރޭނިއަމް ފައްކާކުރުމުގެ ޤާބިލުކަން އަލުން ހާސިލު ކުރެވޭނެ ކަމަށް އިންޓަނޭޝަނަލް އެޓޮމިކް އެނަރޖީ އޭޖެންސީ (އައިއޭއީއޭ) ގެ ޑިރެކްޓަރ ޖެނެރަލް ރަފައެލް ގްރޮސީ ވިދާޅުވެއްޖެއެވެ.

އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވި ގޮތަށް، އެމެރިކާގެ ހަމަލާތަކުން އީރާނުގެ ނިއުކްލިއަރ ވަސީލަތްތައް މުޅިން ނައްތާލެވިފައި ނުވާކަމަށްވެސް ގްރޮސީ ވަނީ ފާހަގަކުރައްވާފައެވެ.

ސީބީއެސް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި ގްރޮސީ ވިދާޅުވީ، ޖޫން 13 ވަނަ ދުވަހު އިޒްރޭލުން ދިން ފުޅާދާއިރާގެ ހަމަލާތަކާއި، އެމެރިކާއިން ފަހުން ދިން ބޮމުގެ ހަމަލާތަކުގައި އީރާނުގެ ތިން ނިއުކްލިއަރ ސަރަޙައްދަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ. ނަމަވެސް، އެއްވެސް ވަސީލަތެއް "މުޅިން" ނައްތާލެވިފައިނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"ތެދުތެދަށް ބުނަންޏާ، ހުރިހާ އެއްޗެއް ނެތިގެން ގޮސް އެތާ އެއްވެސް އެއްޗެއް ނެތް ކަމަކަށް ބުނެވޭކަށް ނެތް،" ގްރޮސީ ވިދާޅުވިއެވެ.

"އެމީހުންނަށް [އީރާނަށް] މަދު މަސްތަކެއްގެ ތެރޭގައި، ސެންޓްރިފިއުޖްތަކެއް ދައުރުވަމުން ގޮސް އެންރިޗްޑް ޔުރޭނިއަމް އުފެއްދުމުގެ ޤާބިލުކަން ލިބިދާނެ، ނުވަތަ އެއަށްވުރެ ކުރު މުއްދަތެއްގައިވެސް... އީރާނުގައި އެކަމުގެ ޤާބިލުކަން އެބަހުރި: ސިނާޢީ އަދި ޓެކްނޮލޮޖީގެ ޤާބިލުކަން." ގްރޮސީ އިތުރަށް ވިދާޅުވިއެވެ.

އައިއޭއީއޭގެ ޑިރެކްޓަރ ޖެނެރަލްގެ މި ވާހަކަފުޅަށް ތާއީދު ލިބިފައިވަނީ އެމެރިކާގެ އިންޓެލިޖެންސް އިދާރާއިން ކުރި ފަރުދީ ދިރާސާއަކުންނެވެ. އެ ދިރާސާއިން ދައްކާގޮތުގައި ބޮމުގެ ހަމަލާތަކުން އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމަށް ފަސްޖެހިފައިވަނީ މަދު މަސްތަކަކަށެވެ. ރޮއިޓަރސްއަށް މަޢުލޫމާތު ދިން އެއް ފަރާތުން ލަފާކުރާ ގޮތުގައި މި ޕްރޮގްރާމް އަލުން ފެށުމަށް 1-2 މަސް ހޭދަވެދާނެއެވެ.

މިދިޔަ ޖޫން މަހުގެ 13 ވަނަ ދުވަހު އިޒްރޭލުން ވަނީ އީރާނަށް ފުޅާ ދާއިރާއެއްގައި ހަމަލާ ދީފައެވެ.

ކޮމެންޓް

871x217_placeholder