logoEN
ޚަބަރު

ގުޅިފަޅު ގޯތިތަކުގެ އާ ރަޖިސްޓްރީ ދޫކުރުމަށް އެޕޮއިންޓްމަންޓަށް ހުޅުވާލައިފި

މުހައްމަދު މޫސާމުހައްމަދު މޫސާ

01 ޖުލައި 2025 - 18:30

ގުޅިފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ގެނައި ބަދަލާ އެކު، ކުރިން ގޯތިތަކަށް ހަދައިދީފައިވާ ރަޖިސްޓްރީތައް ބާތިލްކޮށް، އަލަށް ހަދާ ރަޖިސްޓްރީ ހޯދުމަށް މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން މިއަދުން ފެށިގެން އެޕޮއިންޓްމަންޓަށް ހުޅުވާލައިފި އެވެ.

ގުޅިފަޅު ލޭންޑްޔޫޒް ޕްލޭން ބަދަލުކުރުމަށް ނިންމާފައިވަނީ، ގިރާވަރު ފަޅުން ގޯތި ލިބުނު ފަރާތްތަކަށް، މިހާރު ގުޅިފަޅުން ހިއްކާފައިވާ ސަރަހައްދުން ގޯތި ލިބޭ ގޮތަށް ހަމަޖެއްސުމަށްޓަކަ އެވެ. މި ބަދަލާ ގުޅިގެން ކުރީގެ ރަޖިސްޓްރީތައް ބާތިލްކޮށް، ގޯތި ލިބޭ ސަރަހައްދުތައް އަލުން ކަނޑައެޅުމަށް ގުރުއަތު ނެގުންވެސް ވަނީ ކުރިއަށް ގެންގޮސްފަ އެވެ.

މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ، މި އާ ބަދަލާ އެއްގޮތަށް، ގޯތި ލިބިފައިވާ ފަރާތްތަކަށް "ބަންޑާރަ ގޯތީގެ ރަޖިސްޓްރީ" އާއި "ބަންޑާރަ ގޯތީގެ އެއްބަސްވުން" ދޫކުރުން ކުރިއަށް ދާނީ "ހިޔާވެހި ޕޯޓަލް" މެދުވެރިކޮށް، އެޕޮއިންޓްމަންޓް އުސޫލުން ކަމަށެވެ. މިއަދުން ފެށިގެން "ހިޔާވެހި ޕޯޓަލް" މެދުވެރިކޮށް އެޕޮއިންޓްމަންޓަށް އެދި ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ. ކޮންމެ ދުވަހަކަށް ވެސް ދޫކުރާނީ ވަކި އަދަދެއްގެ އެޕޮއިންޓްމަންޓްތަކެކެވެ.

ގޯތީގެ ރަޖިސްޓްރީ އާއި އެއްބަސްވުން ދޫކުރުން އަންނަ ހަފްތާގެ ހޯމަ ދުވަހުގެ ހެނދުނު 9:30 އިން ފެށިގެން ކުރިއަށް ދާނެ ކަމަށް މިނިސްޓްރީން ވަނީ ހާމަކޮށްފަ އެވެ.

އެޕޮއިންޓްމަންޓްއަށް އެދޭއިރު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:

އެޕޮއިންޓްމަންޓްއަށް އެދި ހިޔާވެހި ޕޯޓަލް މެދުވެރިކޮށް ހުށަހަޅަންޖެހޭ ލިޔެކިޔުންތަކުގެ ތެރޭގައި، އައު "ބަންޑާރަ ގޯތި ދޫކުރުމުގެ އެއްބަސްވުން" ގައި ހެކިވެރިއެއްގެ ގޮތުގައި ސޮއިކުރުމަށް ޙާޟިރުވާނެ އެއް ފަރާތުގެ އައިޑީ ކާޑު ކޮޕީ ހިމެނެ އެވެ.

އަދި، ގޯތި ލިބޭ ފަރާތް ނުވަތަ ފަރާތްތަކުގެ ބަދަލުގައި އެހެން ފަރާތެއް ފޮނުވަން ބޭނުންވާނަމަ، "ހިޔާވެހި ޕޯޓަލް" ގައި ހިމަނާފައިވާ ޕަވަރ އޮފް އެޓަރނީ އާއި، ބަދަލުގައި ޙާޟިރުވާ ފަރާތުގެ އައި.ޑީ.ކާޑުގެ ކޮޕީ ހުށަހަޅަން ޖެހެ އެވެ. (މި ޕަވަރ އޮފް އެޓަރނީ ބަލައިގަނެވޭނީ، ނޮޓަރައިޒްކުރެވިފައިވާ ޕަވަރ އޮފް އެޓަރނީ އާއި ނޮޓަރީ ސެޓްފިކެޓް ހުށަހެޅުމުންނެވެ.)

މީގެ އިތުރުން، މިނިސްޓްރީއާއި، ގޯތި ލިބޭ ފަރާތާ ދެމެދު ކުރިން ސޮއިކޮށްފައިވާ "ބަންޑާރަ ގޯތި ދޫކުރުމުގެ އެއްބަސްވުން" ގެ ކޮޕީ އާއި، މިނިސްޓްރީއިން ގޯތި ލިބޭ ފަރާތަށް ކުރިން ދޫކޮށްފައިވާ "ބަންޑާރަ ގޯތީގެ ރަޖިސްޓަރީ" ގެ ކޮޕީވެސް ހުށަހަޅަން ޖެހެ އެވެ.

ލިޔެކިޔުންތައް ހަވާލުކުރާނެ ގޮތް:

ގޯތި ލިބޭ ފަރާތުން "ހިޔާވެހި ޕޯޓަލް" އިން އެޕޮއިންޓްމަންޓްއަށް އެދި އިޚްތިޔާރުކޮށްފައިވާ ތާރީޚާއި ގަޑިއަށް ރިޢާޔަތްކޮށް، މިނިސްޓްރީއިން އަންގާ ތަނަށް ވަޑައިގަތުމުން އައު "ބަންޑާރަ ގޯތީގެ އެއްބަސްވުން" އަދި "ބަންޑާރަ ގޯތީގެ ރަޖިސްޓްރީ" ޙަވާލުކުރެވޭނެ އެވެ.

އެޕޮއިންޓްމަންޓް ހަމަޖެހިފައިވާ ގަޑީގެ ފަސް މިނިޓް ފަހުން ޙާޟިރުވާ ފަރާތްތަކާއި، ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ފުރިހަމަނުކޮށް ޙާޟިރުވާ ފަރާތްތަކަށް އެދުވަހު ހަމަޖައްސާފައިވާ އެޕޮއިންޓްމަންޓް ކެންސަލްކުރެވިގެންދާނެ ކަމަށް މިނިސްޓްރީން ވަނީ އަންގާފަ އެވެ. އެފަދަ ހާލަތެއްގައި އެފަރާތަށް އަލުން އެހެން ތާރީޚަކާއި ގަޑިއަކަށް އެޕޮއިންޓްމަންޓްއަށް އެދުމުގެ ފުރުޞަތު ލިބިގެންދާނެ އެވެ.

އެޕޮއިންޓްމަންޓް ހަމަޖެހުމުން ހުށަހަޅަންޖެހޭ އަސްލު ލިޔެކިޔުންތައް:

އެޕޮއިންޓްމަންޓް ހަމަޖެހިފައިވާ ތާރީޚާއި ގަޑީގައި މިނިސްޓްރީއިން އަންގާ ތަނަށް ވަޑައިގަންނަވާއިރު، ގޯތި ލިބިފައިވާ ފަރާތް ނުވަތަ ފަރާތްތަކުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ އަސްލު ގެންނަން ޖެހެ އެވެ.

ޕަވަރ އޮފް އެޓަރނީގެ ދަށުން ޙާޟިރުވާ ފަރާތެއްނަމަ، ޕަވަރ އޮފް އެޓަރނީގެ އަސްލު އަދި ޕަވަރ އޮފް އެޓަރނީ ލިބިފައިވާ ފަރާތުގެ އައިޑީ ކާޑުގެ އަސްލު ގެންނަން ޖެހެ އެވެ. (މި ޕަވަރ އޮފް އެޓަރނީ ބަލައިގަނެވޭނީ، ނޮޓަރައިޒްކުރެވިފައިވާ ޕަވަރ އޮފް އެޓަރނީގެ އަސްލު އަދި ނޮޓަރީ ސެޓްފިކޭޓްގެ އަސްލު ހިފައިގެން ވަޑައިގަތުމުންނެވެ.)

މީގެ އިތުރުން، މިނިސްޓްރީއާއި، ގޯތި ލިބޭ ފަރާތާ ދެމެދު ކުރިން ސޮއިކޮށްފައިވާ "ބަންޑާރަ ގޯތި ދޫކުރުމުގެ އެއްބަސްވުން" ގެ އަސްލު އަދި މިނިސްޓްރީއިން ގޯތި ލިބޭ ފަރާތަށް ކުރިން ދޫކޮށްފައިވާ "ބަންޑާރަ ގޯތީގެ ރަޖިސްޓަރީ" ގެ އަސްލުވެސް ގެންނަން ޖެހެ އެވެ.

އެޕޮއިންޓްމަންޓްއަށް އެދި ހުށަހަޅާ ފަރާތްތަކަށް "ހިޔާވެހި ޕޯޓަލް" މެދުވެރިކޮށް އަދި އެފަރާތްތަކުގެ ފޯނު ނަންބަރަށް އެސް.އެމް.އެސްގެ ޒަރިއްޔާއިން "ބަންޑާރަ ގޯތީގެ ރަޖިސްޓްރީ" އާއި "ބަންޑާރަ ގޯތީގެ އެއްބަސްވުން" އާއި ޙަވާލުވުމަށް ހާޟިރުވާންޖެހޭ ގަޑި އަދި ތަން އަންގާނެ ކަމަށް މިނިސްޓްރީން ވަނީ މައުލޫމާތު ދީފަ އެވެ.

ކޮމެންޓް

871x217_placeholder