logoEN
ޚަބަރު

ދުންފަތުގެ ވިޔަފާރިކުރުމުގެ ލައިސަންސް ނެގުމަށް އެޗްޕީއޭއިން އަލުން ހަނދާންކޮށްދީފި

މުހައްމަދު މޫސާމުހައްމަދު މޫސާ

02 ޖުލައި 2025 - 05:35

ދުންފަތް ކޮންޓްރޯލް ކުރުމުމާ ގުޅޭ އާންމު ގަވާއިދުގެ ދަށުން ރާއްޖޭގައި ދުންފަތުގެ ބާވަތްތައް ވިއްކާ ފަރާތްތަކުން ނަގަންޖެހޭ ލައިސަންސް ނެގުމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މިއަދު އަލުން ހަނދާންކޮށްދީފިއެވެ.

މި ލައިސަންސް ނެގުމަށް ދީފައިވާ މުއްދަތު މި ޖުލައި މަހުގެ 17 ވަނަ ދުވަހަށް ހަމަވާނެ ކަމަށްވެސް އެޗްޕީއޭއިން ބުނެއެވެ.

ރާއްޖެއަށް ދުންފަތުގެ ބާވަތްތައް އިމްޕޯޓްކުރުމާއި، ރީ-އެކްސްޕޯޓް ކުރުމާއި އަދި ރާއްޖޭގައި ވިއްކުމަށް ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ޤާނޫނާއި އެ ޤާނޫނުގެ ދަށުން ހަދާފައިވާ ދުންފަތް ކޮންޓްރޯލް ކުރުމުމާ ގުޅޭ އާންމު ގަވާއިދުގެ ދަށުން ވަކި ލައިސަންސެއް ނަގަންޖެހެއެވެ.

ދުންފަތުގެ ވިޔަފާރިކުރާ ފަރާތްތަކުން މި ގަވާއިދުގެ ދަށުން ނަގަންޖެހޭ ލައިސަންސް ނެގުމުގެ ފުރުސަތު 2025 އޭޕްރީލް 17 އިން ފެށިގެން ހުޅުވާލައި، އެ ހުއްދަ ނެގުމުގެ ފުރުސަތު ތިން މަސް ދުވަހުގެ މުއްދަތަކަށް އެޗްޕީއޭއިން ކުރިން ވަނީ ދީފައެވެ. އެ މުއްދަތު މި ޖުލައި މަހުގެ 17 އަށް ހަމާވާނެތީ، މި މުއްދަތުގެ ތެރޭގައި ދުންފަތުގެ ވިޔަފާރިކުރާ ފަރާތްތަކުން ލައިސަންސް ނެގުމުގެ ކަންކަން ފުރިހަމަކުރުމަށް އެޗްޕީއޭއިން މިއަދު ވަނީ އަނެއްކާވެސް ހަނދާންކޮށްދީފައެވެ. 2025 ޖުލައި 17 ގެ ފަހުން މި ލައިސަންސް ނެތި ދުންފަތުގެ ވިޔަފާރިކުރުމަކީ މަނާކަމެއްކަން ވެސް އެޗްޕީއޭ އިން ވަނީ ހަނދާންކޮށްދީފައެވެ.

ދުންފަތުގެ އިސްތިއުމާލު ނުކުރާ ޖީލެއް ބިނާކުރުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އަންނަނީ ޚާއްޞަ މަސައްކަތްތަކެއް ކުރަމުންނެވެ. މީގެ ދަށުން ޤާނޫނަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް މިހާރު ޢަމަލުކުރަމުން އަންނައިރު، 2007 ވަނަ އަހަރުން ފެށިގެން އުފަންވާ ކުދިންނަށް ދުންފަތް ބޭނުންކުރުން މަނާކުރުމަށް ޖެނަރޭޝަނަލް ބޭން އެއް ތަޢާރަފްކޮށްފައިވެއެވެ. މީގެ އިތުރުން، ސަރުކާރުން ވަނީ ރާއްޖޭގައި އިލެކްޓްރޯނިކް ސިނގިރޭޓާއި ވޭޕް ކުރުމަށް ބޭނުންކުރާ އާލާތްތައް ވިއްކުމާއި ހިލޭ ބެހުމާއި ބޭނުންކުރުން މިދިޔަ އަހަރުގެ ޑިސެމްބަރު 15 ވަނަ ދުވަހުން ފެށިގެން މަނާކޮށްފައެވެ. އަދި ދުންފަތް ކޮންޓްރޯލުކުރުމާބެހޭ ގާނޫނަށް ގެނެވުނު އިސްލާހާއި އެކު ނޮވެމްބަރު 15 އިން ފެށިގެން ދުންފަތް ގަނެ ވިއްކޭނެ އެންމެ ދަށް އުމުރަކީ 21 އަހަރެވެ. އެ އުމުރު ކުރިން އޮތީ 18 އަހަރުން މައްޗަށެވެ.

މީގެ އިތުރުން އެއްކޮށް ދުންފަތް ހުއްޓާލާ ރަށްރަށުގެ ރައްޔިތުން އިނާޔަތެއް ދިނުމަށް ދިރާސާއެއް ހެދުމުގެ މަސައްކަތް ވަނީ ފަށާފައެވެ.

ކޮމެންޓް

871x217_placeholder