ވޯލްޑްކަޕް މެޗުތަކުގެ މޫސުމާއި ގުޅޭ ގިނަ ޝަކުވާތަކެއް، އެއް މެޗެއްގައި 10 ކުޅުންތެރިން ބަދަލުކޮށްދިނުމަށް އެދެފި
3 ޖުލައި 2025 - 05:35

މިހާރު އެމެރިކާގައި ކުރިޔަށްދާ ފީފާ ކުލަބް ވޯލްޑްކަޕާއި ގުޅޭގޮތުން މިފަހަކަށް އައިސް ދަނީ ގިނަ ޝަކުވާތަކެއް ލިބެމުންނެވެ. އަންނަ އަހަރުގެ ފީފާ ވޯލްޑްކަޕްވެސް ބާއްވަން ހަމަޖެހިފައިވާ އެމެރިކާގައި މިމުބާރާތުގައި އެކަނިވެސް މުާސުމާއި ގުޅިގެން 11 މެޗަކަށް ވަނީ އަސަރުކޮށްފައެވެ. މީގެ އިތުރުން އެމެރިކާގައި މެޗުތައް ކުޅޭ ގަޑިތަކާއި، ދަނޑުތަކުގެ ފިނިހޫނުމިނާއި ގުޅޭގޮތުންވެސް ކުޅުންތެރިންނާއި އޮފިޝަލުންގެ ފަރާތުން ބޮޑެތި ޝަކުވާތަކެއް ދަނީ ލިބެމުންނެވެ.
އެގޮތުން ކްލަބް ވޯލްޑް ކަޕްގައި ރިއަލް މެޑްރިޑާ ދެކޮޅަށް ކުޅުނު މެޗުގައި ހޫނުގަދަވުމުގެ ސަބަބުން ޔުވެންޓަސްގެ 10 ކުޅުންތެރިން ބަދަލުވުމަށް އެދުނު ކަމަށް އެ ޓީމުގެ ކޯޗު އިގޯރް ޓުޑޯރް ވަނީ ހާމަކޮށްފައެވެ.
މައިއާމީގެ ހާޑް ރޮކް ސްޓޭޑިއަމްގައި އަންގާރަދުވަހު ކުޅުނު ގަދަ 16 ގެ މެޗު ކުޅުނީ އެމެރިކާ ގަޑިން މެންދުރުފަހު 15:00 ގައެވެ. މެޗު ކުޅުނުއިރު ފިނިހޫނުމިން ހުރީ 30 ޑިގްރީ ސެލްސިއަސްގައެވެ. އަދި ވައިގެ ތެއްކަން ހުރީ 70 ޕަސެންޓުގައެވެ.
މެޗެއްގައި ގިނަވެގެން ބަދަލު ކުރެވޭނީ ފަސް ކުޅުންތެރިންނެވެ. އެކްސްޓްރާ ޓައިމަށް ދާނަމަ އެ އަދަދު ހައަކަށް އިތުރު ކުރެވެއެވެ. މި މެޗުގައި ގޮންޒާލޯ ގާސިއާގެ ލަނޑުން ރިއަލް މެޑްރިޑް ވަނީ 1-0 އިން މެޗު ކާމިޔާބު ކޮށްފައެވެ. އަދި ޓުޑޯރް ވަނީ ހުއްދަ ކުރާ ފަސް ބަދަލު ވެސް ހަދާފައެވެ.
"މެޗު ނިމުނުއިރު 10 ކުޅުންތެރިން ބަދަލުވާން އެދުނު. ވަރުބަލިވެފައި ހުރި މިންވަރު ނުހަނު ބޮޑު. މެޗުގެ ޕްރެޝަރުން ހަކަތަ ހުސްވޭ. ދެން މި ހޫނުގައި ކުޅެން ވަރަށް އުނދަގޫ. އަދި މި ޔުމްކަމުގައި ކުޅުމަކީ ވެސް ވަރަށް ދަތި ކަމެއް،" ޓުޑޯރް ބުންޏެވެ.
އެމެރިކާގެ ބޮޑު ހޫނުގެ ސަބަބުން ކްލަބް ވޯލްޑް ކަޕްގެ ގިނަ މެޗުތަކަށް އަސަރު ކޮށްފައިވެއެވެ. ފީފާގެ ގަވާއިދުތަކުގެ ދަށުން ވެޓް ބަލްބް ގްލޯބް ޓެމްޕަރޭޗަރ (ޑަބްލިއުބީޖީޓީ) 32 ޑިގްރީ ސެލްސިއަސްއަށް ވުރެ މަތިވެއްޖެނަމަ ކޫލިންގ ބްރޭކް ނެގުން ލާޒިމް ކުރެއެވެ. މިހާތަނަށް ކުޅުނު 56 މެޗުގެ ތެރެއިން 33 މެޗުގައި ކޫލިންގ ބްރޭކް ނަގާފައިވެއެވެ.
ކުޅުންތެރިންގެ ޔޫނިއަން ފިފްޕްރޯއިން ބުނާ ގޮތުގައި ޑަބްލިއުބީޖީޓީ 28 ޑިގްރީއަށް ވުރެ މަތިވުމުން ކޫލިންގ ބްރޭކް ނަގަން ޖެހޭނެ އެވެ. އަދި 32 ޑިގްރީއަށް ވުރެ މަތިވެއްޖެނަމަ މެޗު ފަސްކުރަން ޖެހޭނެ އެވެ. އަންނަ އަހަރުގެ ވޯލްޑް ކަޕް ބޭއްވުމަށް ހަމަޖެހިފައިވަނީ އެމެރިކާގައެވެ.