ދަރަނީގެ މައްސަލަތައް ހައްލު ކުރުމަށް ބައިނަލްއަޤުވާމީ އެހީތެރިކަން މުޙިއްމު - ނައިބު ރައީސް
3 ޖުލައި 2025 - 15:10

ކުދި އަދި މެދުފަންތީގެ ޤައުމުތަކަށް ދިމާވެފައިވާ ދަރަނީގެ މައްސަލަތައް ހައްލު ކުރުމަށް ބައިނަލްއަޤުވާމީ އެހީތެރިކަން މުޙިއްމު ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބު މި ފަދައިން ވިދާޅުވީ، ފައިނޭންސިންގ ފޮރ ޑިވެލޮޕްމަންޓްގެ ހަތަރުވަނަ ބައިނަލްއަޤުވާމީ ކޮންފަރެންސް (އެފްއެފްޑީ4) ގައި ބޭއްވި މަލްޓި-ސްޓޭކްހޯލްޑަރ ރައުންޑްޓޭބަލް 6: "ރިފޯމިންގ ދަ އިންޓަރނޭޝަނަލް ފައިނޭންޝަލް އާކިޓެކްޗަރ އެންޑް އެޑްރެސިންގ ސިސްޓެމިކް އިޝޫސް" ގައި ތަޤުރީރު ކުރައްވަމުންނެވެ.
އެގޮތުން އިތުރު ދަރަންޏަކަށް ބަރޯސާނުވެ "ވިލުންތެރިކަން ބިނާކުރުމަށް ދަރަނިން ލުއި ލިބޭ" ނިޒާމެއް ގާއިމުކުރުމަށް ނައިބު ރައީސް ގޮވާލެއްވިއެވެ. މީގެއިތުރުން، ދެފުށްފެންނަ މިންވަރު އިތުރުކުރުމާއި، ބައިނަލްއަޤުވާމީ އެއްބާރުލުން ބޮޑުކުރުމާއި، ސިޑްސް އަށް އިންސާފުވެރި ކްރެޑިޓް ރޭޓިންގްއެއް ޤާއިމުކުރުމަށްވެސް އެމަނިކުފާނު އިލްތިމާސްކުރެއްވިއެވެ.

Ad by Hajj Corporation
ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތައް (ސިޑްސް)، ބައިނަލްއަޤުވާމީ މާލީ މުއައްސަސާތަކުގައި ހަމަހަމަކަމާއެކު ތަމްސީލުކުރޭތޯ ޔަޤީންކުރުމަށް އެގޮތުން ކޯޓާތައް އަދާހަމަކުރުމާއި، ވޯޓުދިނުމުގެ ޙައްޤު އިތުރުކުރުމާއި، ނިންމުންތައް ނިންމުމުގެ ޤަވާޢިދުތައް އިޞްލާޙުކުރުމާއި، ބޯޑުތަކުގައި ބައިވެރިވުން ފުޅާކުރުމާއި، ދެފުށް ފެންނަ ގޮތަށް ކަންކަން ބެލެހެއްޓުމާއި، މާލީ މުއައްސަސާތަކުގެ މެދުގައި އޮންނަންޖެހޭ ގުޅުން ހަރުދަނާކުރުން ހިމެނޭކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.
ޖޫން މަހުގެ 30 އިން ޖުލައި މަހުގެ 3 ވަނަ ދުވަހާ ހަމައަށް ކުރިއަށްދާ އެފްއެފްޑީ4 ގައި ބައިވެރިވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު މިވަގުތު ހުންނެވީ ސްޕެއިންގެ ސެވީލްގައެވެ.