މާދަމާއިން ފެށިގެން މޯލްޑިވިއަންގެ ފްލައިޓުތަކުގައި ޕަވަ ބޭންކް ބޭނުންކުރުން މަނާވާނެ
.jpg&w=96&q=75)
5 ޖުލައި 2025 - 07:30

ޤައުމީ އެއާލައިން، މޯލްޑިވިއަން އިން ދަތުރުކުރާ ފަސިންޖަރުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް މޯލްޑިވިއަންގެ ބޯޓުތަކުގައި ޕަވަ ބޭންކް ބޭނުންކުރުން މަނާކުރަން އެ ކުންފުނިން ނިންމައިފިއެވެ.
މޯލްޑިވިއަން ހިންގާ އައިލެންޑް އެވިއޭޝަނުން އިއްޔެ ނެރުނު ނޫސްބަޔާނެއްގައި ބުނީ، އެ ކުންފުނީގެ އެ ނިންމުމަކީ އިންޓަނޭޝަނަލް ސިވިލް އެވިއޭޝަން އޯގަނައިޒޭޝަން (އައިކާއޯ) އާއި އިންޓަނޭޝަނަލް އެއާ ޓްރާންސްޕޯޓް އެސޯސިއޭޝަން (އަޔާޓާ) އަދި ޔޫރަޕިއަން ޔޫނިއަން އޭވިއޭޝަން ސޭފްޓީ އޭޖެންސީގެ މިންގަނޑުތަކާ އެއްގޮތް ވުމަށް އަޅަން ނިންމި ފިޔަވަޅެއް ކަމަށެވެ.
އެ ކުންފުނިން ބުނި ގޮތުގައި، މި އުސޫލަށް އަމަލުކުރަން ފަށާނީ މާދަމާއިން ފެށިގެންނެވެ. އެ އެއާލައިނުން އަބަދުވެސް އިސްކުރަނީ ފަސިންޖަރުންގެ ރައްކާތެރިކަން ކަމަށް ވެސް އެ ބަޔާނުގައި މޯލްޑިވިއަން އިން ބުންޏެވެ.
މޯލްޑިވިއަނުން ބުނީ މި އާ އުސޫލުގެ ދަށުން އެ އެއާލައިންގެ ދަތުރުތަކުގައި ކޮންމެ ފަސިންޖަރަކަށް ގެންދެވޭނީ ގިނަވެގެން ދެ ޕަވަ ބޭންކް ކަމަށާއި، ޕަވަ ބޭންކުގެ ކެޕޭސިޓީ 100 ވޮޓްއަވާއަށް ވުރެ އިތުރުވެގެން ނުވާނެ ކަމަށެވެ. އަދި ޕަވަ ބޭންކް ގެންދިޔަ ނަމަވެސް، ބޯޓު ތެރޭގައި ނުވަތަ ދަތުރުމަތީގައި ޕަވަ ބޭންކް ބޭނުންކުރުމަކީ މަނާ ކަމެއް ކަމަށް މޯލްޑިވިއަނުން އެ ބަޔާނުގައި ބުންޏެވެ
މީގެ އިތުރުން، އެ ކުންފުނިން ނެރުނު އުސޫލުގައި އިތުރު މުހިންމު ފިޔަވަޅުތަކެއް ވެސް ވަނީ އަޅާފައެވެ. އެގޮތުން، ބޯޓަށް އެރުމަށް ފަހު ޕަވަ ބޭންކް އޮންނަން ވާނީ ފަސިންޖަރުގެ އަތުގައި ނުވަތަ ސީޓުގެ ޖީބުގައި ނުވަތަ ސީޓުގެ ދަށުގައި ކަމަށާއި، ޕަވަ ބޭންކް ލަގެޖަށް ދޫކޮށްލުމާއި ބޯޓުގެ އޯވަ-ހެޑް ކެބިންއަށް ލުން މަނާވާނެ ކަމަށް ވެސް އެ އުސޫލުގައި ފާހަގަކޮށްފައިވެއެވެ.
އަދި ބޯޓު ތެރޭގައި ޕަވަ ބޭންކް ބޭނުންކޮށްގެން އެހެން ޑިވައިސްތައް ޗާޖުކުރުމާއި ޕަވަ ބޭންކް ރީ-ޗާޖުކުރުން ވެސް މަނާވާނެ ކަމަށާއި، ޕަވަ ބޭންކުގެ ކަރަންޓު ކޮޅު ހާމައަށް ނުވަތަ ކަރަންޓު މައްސަލައެއް ދިމަވެދާނެ ގޮތަކަށް ވެސް ބާއްވައިގެން ނުވާނެ ކަމަށް އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
އަދި ދަތުރުކުރާއިރު ގެންދާ ޕަވަ ބޭންކަކީ އދ. ގެ ކަރަންޓު ސާމާނުގެ މިންގަނޑުތަކަށް ފެތޭ ޕަވާ ބޭންކަކަށް ވާން ޖެހޭނެ ކަމަށް ވެސް އެ އުސޫލުގައި ބުންޏެވެ.