logoEN
ޚަބަރު

ތިލަމާލެ ބްރިޖް މަޝްރޫޢުގެ ޕައިލިންގ މަސައްކަތް ނިންމާލައިފި

ހުސައިން ވަސީމްހުސައިން ވަސީމް

05 ޖުލައި 2025 - 10:34

ތިލަމާލެ ބްރިޖް މަޝްރޫޢުގެ އެންމެ ބޮޑު ގޮންޖެހުމެއްގެ ގޮތުގައި ފާހަގަކުރެވުނު ޕައިލިންގ މަސައްކަތް ކާމިޔާބުކަމާއެކު ނިންމާލެވިފައިވާ ކަމަށް މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑރ. ޢަބްދުالله މުއްޠަލިބް ވިދާޅުވެއްޖެއެވެ.

ވަޒީރު މުއްތަލިބް ވިދާޅުވީ މަޝްރޫޢުގެ 60.84 އިންސައްތަ ނިމިފައިވާ ކަމަށެވެ. ތިލަމާލެ ބްރިޖް މަޝްރޫޢުގެ 68 ތަނަކުން ޖުމްލަ 263 ޕައިލް ޖެހުމުގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށާ މީގެތެރޭގައި އެއްގަމާއި ކަނޑު ސަރަޙައްދުތަކުގައި ޖެހި ޕައިލްތައް ހިމެނޭ ކަމަށް ވަޒީރު ވިދާޅޫވި އެވެ.

ޕައިލިންގ މަސައްކަތަކީ ބްރިޖްގެ ބިންގާ އެޅުމުގެ މަސައްކަތް ކަމަށްވާއިރު، މިއީ މަޝްރޫޢުގެ އެންމެ މުހިންމު އަދި އެންމެ ގޮންޖެހުން ބޮޑު މަރުޙަލާކަމަށް ފާހަގަކުރެވެއެވެ. މި މަރުޙަލާ ކާމިޔާބުކަމާއެކު ނިންމާލެވުމަކީ ބްރިޖް މަޝްރޫޢުގެ މަސައްކަތް އިތުރަށް ބާރު މިނުގައި ކުރިއަށް ގެންދިޔުމަށް ލިބުނު ބޮޑު ހިތްވަރެއް ކަމަށް މަސައްކަތް ކުރާ ފަރާތްތަކުން ވަނީ ބުނެފައެވެ. ތިލަމާލެ ބްރިޖަކީ މާލެ ސަރަހައްދުގެ ތަރައްޤީއަށް އެޅޭ އެންމެ މުހިންމު އެއް ފިޔަވަޅު ކަމުގައި ވާއިރު، މި ބްރިޖު ނިމުމުން މާލެ ސަރަހައްދުގެ ދަތުރުފަތުރުގެ ނިޒާމަށް ފާހަގަކުރެވޭ ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

މުޅި މަޝްރޫޢު ނިމޭނެކަމަށް ލަފާކޮށްފައިވަނީ 2026 ވަނަ އަހަރުގެ ސެޕްޓެމްބަރުމަހުގެ 30 ވަނަ ދުވަހަށެވެ.މި މަޝްރޫއުގެ ދަށުން ޤާއިމްކުރާ 3 ބުރިޖާއި، ކޯސްވޭ އަދި މަގުތަކުގެ ނެޓްވޯކުގެ ދިގުމިނުގައި 6.7 ކިލޯމީޓަރު ހުންނާނެއެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ސަރުކާރުގެ އުމްރާނީ ތަރައްގީގެ އެންމެ ބިޔަ މަޝްރޫއު ކަމަށްވާ ތިލަމާލެ ބްރިޖުގެ މަސައްކަތް އިންޑިއާގެ އެފްކޮންސް އިންފްރާސްޓްރަކްޗާއާ ހަވާލުކޮށް 5 އަހަރުގެ ތެރޭގައި ނިންމަން ތާވަލުކުރިނަމަވެސް އެ ސަރުކާރު ނިމިގެން ދިޔައިރުވެސް މަސައްކަތް ނިިމިފައެއްނުވެއެވެ.

ބުރިޖުގެ މަސައްކަތް ބާރު ސްޕީޑުގައި ހިނގައިގަތީ މި ސަރުކާރު އައި ފަހުންނެވެ.

އިންޑިއާގެ ލޯނު އެހީގައި ހިންގާ އެ މަޝްރޫއަށް 500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ) ހަރަދުވެ އެވެ. އެއީ އިންޑިއާގެ އެގްޒިމް ބޭންކުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ދޭ 400 މިލިއަން ޑޮލަރާއި އިންޑިއާގެ ސަރުކާރުން ހިލޭ އެހީގެ ގޮތުގައި ދޭ 100 މިލިއަން ޑޮލަރެވެ.

ކޮމެންޓް

871x217_placeholder