logoEN
ޚަބަރު

އައު ޓާމިނަލްގައި ގަޑިއިރެއް ތެރޭ 1،200 ލަގެޖް ސްކްރީން ކުރެވޭނެ

އާމިނަތު ސަފާއާމިނަތު ސަފާ

06 ޖުލައި 2025 - 10:59

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލުގައި ބޭނުންކުރާ ބެގޭޖް ހޭންޑްލިން ސިސްޓަމްއިން ގަޑިއިރެއް ތެރޭ 1200 ދާގީނާ، މިނެޓެއްގެތެރޭ 20 ދާގީނާ ސްކްރީން ކުރެވޭނެ ކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޑެޓު، އެމްއޭސީއެލުން ބުނެފިއެވެ.

އެމްއޭސީއެލް އިން ބުނީ ސަލާމަތީ ކަންކަން އިތުރަށް ކަށަވަރުކުރަން ތިން ލެވަލްއަކަށް ދާގީނާ ސްކްރީން ކުރާނެ ކަމަށާއި، މުޅި ސިސްޓަމްގެ 80 އިންސައްތަ ނުވަތަ 90 އިންސައްތަ މަސައްކަތް ކުރިއަށްދާނީ އޮޓަމެޓިކްކޮށްކަމަށެވެ.

މީގެ އިތުރުން އާ ޓާމިނަލާއެކު ފުރަތަމަ ފަހަރަށް ބެގޭޖް ޗެކިންއަށް ތްރީ-ޑީ ސްކްރީނިން މެޝިން ބޭނުންކުރަން ފަށަން ނިންމާފައިވާ ކަމަށާއި އާ ޓާމިނަލުގައި ބޭނުންކުރާ ބެގޭޖް ހޭންޑްލިން ސިސްޓަމްއަކީ މެލޭޝިއާގެ ކުއަލަ ލަމްޕޫރު އިންޓަނޭޝަނަލް އެއާޕޯޓް އަދި ސިންގަޕޫރުގެ ޗަންގީ އެއާޕޯޓުގައި ބޭނުންކުރާ ފަދަ ސިސްޓަމެއް ކަމަށް އެމްއޭސީއެލުން މައުލޫމާތުދެއެވެ. މިހާރު ދާގީނާ ސްކްރީން ކުރުމުގައި ގޮންޖެހުންތަކެއް ހުރިކަން ފާހަގަކުރަމުން އެމްއޭސީއެލްއިން ބުނީ ޗެކިން ކައުންޓަރަށް ދިއުމުގެ ކުރިން ޓާމިނަލް ބޭރުގައި ދިގު ކިއުއެއް ހަދަން ޖެހުމުގެ ސަބަބުންނާއި ދާގީނާ ސްކޭން ކުރަން ޖެހުމުން ފަސިންޖަރުންގެ ވަގުތު ގެއްލި، ބުރަތަކެއް އުފުލަން ޖެހޭކަމަށެވެ. އަދި އެންމެން ކުރިމަތީގައި ދާގީނާ ސްކޭން ކުރަން ޖެހުމާއި ދާގީނާ ހުޅުވަން ޖެހުމުން ފަސިންޖަރުންގެ ޕްރައިވަސީ ގެއްލުމާއި ދާގީނާ ސްކޭން ކުރުމުގައި އެންމެ ސެކިއުރިޓީ މަރުހަލާއެއް އޮތުމުން ގޮންޖެހުންތަކެއް ކުރިމަތިވާކަން ފާހަގަކޮށްފައިވެއެވެ.

އާ ޓާމިނަލް އާއެކު ދާގީނާ ސްކްރީން ކުރުމަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށާއި އެގޮތުން މިހާރު ބޭނުން ކުރަމުން އަންނަ ޓާމިނަލާ ހިލާފަށް އާ ޓާމިނަލުގައި ޗެކިން ކައުންޓަރުތަކަށް ދިއުމުގެ ކުރިން ދާގީނާ ސްކޭން ކުރަން ނުޖެހޭނެ ކަމަށާއި، ޓާމިނަލަށް ވަނުމުގެ ކުރިން ޓިކެޓު ދައްކާލުމަށްފަހު ވަގުތުން ޗެކިން ކައުންޓަރަށް ދެވޭނެ ކަމަށް އެމްއޭސީއެލްއިން ބުނެއެވެ.

އާ ޓާމިނަލުގައި 47 ޗެކިން ކައުންޓަރާއި ސެލްފް ޗެކިންގެ ހަ ކިއޮކްސް ހުންނާނެއެެވެ. އަދި ޗެކިން އޭރިއާގެ ޖާގަ ތަނަވަސްވާނެ ކަމަށާއި މީގެ ސަބަބުން ޓާމިނަލް ތެރޭގައި ތޮއްޖެހުން ކުޑަވެ، ހިދުމަތް އަވަސްވާނެ ކަމަށް އެމްއޭސީއެލުން ވަނީ ބުނެފައެވެ.

ކޮމެންޓް

871x217_placeholder