ތިރީހުން އަށަކަށް: މިއީ ހަމަ އަސްލުވެސް އިންގިލާބެއް!
.jpg&w=96&q=75)
22 ޖުލައި 2025 - 12:40

ވެރިރަށް މާލެ ސަރަޙައްދަށް ވަރަށް ބޯކޮށް ވިއްސާރަ ކުރާ ދުވަސްކޮޅެކެވެ. ފްލައިޓުން ފައިބައިގެން ބަހުން ގިމަތައަށް އައީ ކޮންމެވެސް ވަރަކަށް ތެމިގެންނެވެ. ހޫނު ދުވަސްވަރެކެވެ. ފްލައިޓް އޮތް އޭޕްރަންގެ ސަރަޙައްދަށް ދިޔައިރު މުޅި މީހާ ދާހިއްލާ ފޯވެއްޖެއެވެ. މި ވާހަކަތައް މާޒީވެ ދިޔުމަށް މާ ގިނަ ދުވަހެއް ނެތެވެ.
"ތިރީހުން އަށަކަށް" އިންގިލާބަކަށް ވަނީ މިހެންވެއެވެ. މި ފާހަގަކުރި، ބޯޓުން ފައިބައިގެން އޭޕްރަން މަތީ ދެކޮޅަށް ދުވެ، ނުވަތަ ބަހުގައި ދަތުރުކުރި ޒަމާން ފަސްދޭން އުޅޭތީއެވެ. ބޭރުން އަންނަ ވައިޑް ބޮޑީތައް ފަދަ ބޮޑު ބޯޓެއް ނަމަ، އެ ބޯޓުން ފައިބައިގެން ޓާމިނަލާ ހަމައަށް ދިޔުމަށް ހޭދަވާ 30 މިނެޓު، އެންމެ 8 މިނެޓަށް ބަދަލުވާން އުޅޭތީއެވެ. ފެނަކު، އިރަކު އަދި އަތްވަކު ނުޖެހި، ފިނިކަމާއި ތާޒާކަންމަތީ ގިމަތައަށް ވަދެ ފޮށިތަންމަތި ހިފައިގެން ގަމަތައިން ނުކުމެ، މަންޒިލަށް މިސްރާބު ޖެހުމުގެ ފުރުސަތު ލިބޭނެތީއެވެ.
މި ދައްކަނީ ވެލާނާ ބައިނަލްއަގުވާމީ ވައިގެބަނދަރަށް ގެނެވޭ އައު ބާބުގެ ވާހަކައެވެ. އަހަރަކު 7.5 މިލިއަން މީހުންނަށް ޚިދުމަތްދެވޭ ފެންވަރަށް، ޒަމާނީ ޚިދުމަތްތަކާއެކު ތަރައްގީކުރާ ބިޔަ ބޮޑު ބައިނަލްއަގުވާމީ ޓާމިނަލުގެ ވާހަކައެވެ. ޖާގައިގެ ގޮތުން ތަނަވަސް، ޚިދުމަތުގެ ގޮތުން ފުރިހަމަ ބިމެއް، މި ރާއްޖޭގައި އެ ނޫނީ ނެތޭ ބުނުމަކުން ދޮގަކަށް ނުވާނެއެވެ. އެތަން ހަމަ ލޮލުން ފެނި، އަތުން ހިފި މީހެއްގެ ޙައިސިއްޔަތުން އެތަނަށް ފުރަތަމަ ވެސް ވަދެވުމުން، އާޝޯޚުވީއެވެ.
ވެލާނާ ބައިނަލްއަގުވާމީ އެއާޕޯޓުގެ އައު ޓާމިނަލުގެ ހިތްގައިމު މަންޒަރުތައް -- މެންދުރު ފޮޓޯ: ހުސައިން ޝައްމާޚް
ތަނުގެ އަސްލު ހައިބަތު ފެނުނީ އެ ގިމަތައިގެ "ޑިޕާޗާ"އަށް ވަނުމުންނެވެ. ރާއްޖޭގެ ކަނޑުގެ ރާޅުތައް ސިފަވާފަދަ ސީލިންގެ ޑިޒައިނާއި، ބިންމަތީގައި ސާލެއް ހެން އެކި ކުލަތަކުން ޖަރީވެފައި ހުރި ރީތި ޑިޒައިންތަކެވެ. "ސަނީ ސައިޑް އޮފް ލައިފް" އެތަނުން ހަމަގައިމު ވެސް ސިފަވެއެވެ. 47 ޗެކިން ކައުންޓަރުގެ އިތުރުން، މުޅިން ތަފާތުކަމެއް އެތަނުން ފާހަގަވިއެވެ. މެދުގައި ވަކިން ހަ ޗެކިން ކައުންޓަރުތަކެއް ހުއްޓެވެ. ކައިރިއަށް ގޮަސް ރަނގަޅަށް ކިޔާލިއިރު، އެއީ "ސެލްފް ސާވިސް ޗެކިން" ކައުންޓަރުތައް ކަން އެނގުނެވެ. ހައްތަހާ ވެސް ޢާންމުންނަަށް ލުއި ފަސޭހަ ކުރުމަށް، ޤާއިމްކުރެވިފައިވާ މުހިންމު ޚިދުމަތްތަކެވެ.
ޑިޕާޗާ އިން ވަދެގެން ފުރަތަމަ ފަންގިފިލާއަށް ދިޔައިރު އެންމެ ފުރަތަމަ ވެސް ފެންނަނީ އިމިގްރޭޝަނުގެ ކައުންޓަރުތަކެވެ. އޭގެ ފަހަތަށް، ބިޔަ ބޮޑު އަދި ވެލާނާ އެއާޕޯޓުގެ ރަންވޭގެ ޗާލު މަންޒަރުތައް ފެންނަ ބޯޑިން ގޭޓުތައް ފެނެއެވެ. މުޅި ޖުމްލަ 12 ގޭޓު ހުންނައިރު، އޭގެ ކޮންމެ ގޭޓެއް ކައިރީގައި ރީތީ ޑިޒައިންތަކެއްގެ ގޮނޑިތަކެއް ހުރެއެވެ. ހަމަ މުޅި ގިމަތައާ ގުޅޭ ފަދަ ޒަމާނީ ގޮނޑިތަކެކެވެ.
ވެލާނާ ބައިނަލްއަގުވާމީ އެއާޕޯޓުގެ އައު ޓާމިނަލުގެ ހިތްގައިމު މަންޒަރުތައް -- މެންދުރު ފޮޓޯ: ހުސައިން ޝައްމާޚް
ބޯޑިން ގޭޓުން ވަދެގެން ކުރިޔަށްދިޔައިރު، ވާތް ފަރާތުން ސިޑިއެއް ފެނުނެވެ. އެ ސިޑިއަކީ، އެ ބޯޑިން ގޭޓުތައް ބޭނުންކޮށްގެން ބޭރުން އަންނަ ދަތުރުވެރިން "އެރައިވަލް"އަށް ދާ ސިޑިކަން އެނގުނެވެ. އެރައިވަލްއަށް ވަތްއިރު ފެނުނު މަންޒަރު އަދި މާ ހިތްގައިމެވެ. ރާއްޖޭގެ ރީތިކަމެވެ. މާލޭގެ މަންޒަރުތަކެވެ. ހިތްގައިމު ކަނޑުގެ މަންޒަރުތަކެވެ.
އެރައިވަލް އިން ފޭބުމަށްފަހު، ދަތުރުވެރިންނަށް ބޭނުންވާ އިމިގްރޭޝަނުގެ ކައުންޓަރުތައް ހުރި ތިރީ ފަންގިފިލީއަށް ވަތްއިރު، އެތަން ވެސް ފެނުނީ ހިތްހަމަޖެހޭހާ ރީތިކޮށެވެ. ކައުންޓަރުތަކުން ކުރިޔަށްދިޔައިރު، އެ ދަތުރުވެރިންގެ ލަގެޖުތައް ނަގާ ބެލްޓްތަކުގެ ކައިރިއަށް ދެވުނެވެ. ބޮޑު އެ ސަރަޙައްދުގައި، ޖުމްލަ ފަސް ބެލްޓު އެ ހުރެއެވެ.
ވެލާނާ ބައިނަލްއަގުވާމީ އެއާޕޯޓުގެ އައު ޓާމިނަލުގެ ހިތްގައިމު މަންޒަރުތައް -- މެންދުރު ފޮޓޯ: ހުސައިން ޝައްމާޚް
އެތަނުން ކުރިޔަށް ހިނގާލިއިރު، އެ ނުކުމެވުނީ އެ ޓާމިނަލުގައި ތިބޭ "އެއާޕޯޓު ރެޕުން" ތިބޭ ސަރަޙައްދަށެވެ. ފިނިކޮށް އަދި މޭޒާއި ގޮނޑި ޖެހޭ ގޮތަށް ހުންނަ އެ ސަރަޙައްދުގެ ކަނާތައް ބެލިއިރު، ރިސޯޓުތަކުގެ ޑެސްކްތައް ފެނެއެވެ. ކުޑަކޮށް ކުރިޔަށް ހިނގާލުމުން އެ ނުކުމެވުނީ އެ ގިމަތައިން ބޭރަށެވެ.
އެ ގިމަތައިގެ ރީތިކަމާއި ފުރިހަމަކަމަށް ދޭނެ އިތުރު ތަފްސީލެއް ނެތެވެ. ފުރިހަމައީއެވެ. ރީތީއެވެ. ޗާލީއެވެ. ޒަމާނީއެވެ. "ތިރީހުން އަށަކަށް" އިންގިލާބަކަށް ނުވާ ހަމަ އެއްގޮތެއް ވެސް ނުވިސްނެނީއެވެ.