އެއާޕޯޓްގެ މުވައްޒަފުންނަށް ހިތްވަރުދިނުމުގެ ގޮތުން ދެކުމާދިއުމުގެ ހަރަކާތްތަކެއް
24 ޖުލައި 2025 - 07:55

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ މުވައްޒަފުންނަށް ހިއްވަރު ދިނުމުގެ ގޮތުން އެކި ކުންފުނިތަކުން ދެކުމާދިއުމުގެ ހަރަކާތްތަކެއް ފަށައިފި އެވެ.
ބޮޑެތި މަސައްކަތް ނިމުނީމާ އެކަމަށް ތަރުހީބު ދިނުމުގެ ގޮތުން ގިނަބަޔަކު އެއްވެގެން ހިފައިގެންދާ ހަދިޔާއަށް ކިޔަނީ ދެކުމެވެ. އެޒާތުގެ ހަދިޔާ ހިފައިގެން އެއްތާކަށް ދިޔުމަށް ކިޔަނީ ދެކުމާދިއުމެވެ. މިއީ ރާއްޖޭގެ އެކި ހިސާބުތަކުގައި މިހާރުވެސް ކުރަމުން އަންނަ ކަމެކެވެ. ދެކުމާ ގެންދިޔުމުގެ ބޮޑު މިންވަރަކީ އާއްމުގޮތެއްގައި ފަރިވަޅެވެ. އެންމެ ކުޑަ މިންވަރަކީ ކުބުހެވެ. ކުބުހަކީ އުނދުނުގައި ފިހެއުޅޭ ބޯކިބާޒާތުގެ ފޮނި އެއްޗެކެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އައު ޓަމިނަލް ހުޅުވުމާސް ތައްޔާރުވަމުން އަންނަ އިރު އެއާޕޯޓްގެ މުވައްޒަފުން ކުރަމުން އަންނަ ބުރަމަސައްކަތް ފަހަގަކޮށް އެ މުވައްޒަފުންނަށް ހިއްވަރުދިނުމުގެ ގޮތުން ބައެއް ކުންފުނިތަކުން ވަނީ މިހާރު ކުރިއަށްދާ “ދެކުމާދިއުން” ސީރީޒްގައި ބައިވެރިވެ، އެ ޓާމިނަލްގައި މަސައްކަތް ކުރަމުން އަންނަ މުވައްޒަފުންނަށް ހިއްވަރުދީ އަގުވަޒަންކޮށްފަ އެވެ.
އާ ޓާމިނަލް ރަސްމީކޮށް ހުޅުވުމަށް ތައްޔާރުވަމުން އަންނަ އިރު ހިންގާ ހަރަކާތްތަކުގެ ތެރެއިން އިންތިޒާމްކުރާ “ދެކުމާދިއުން” ސީރީޒްގައި އެކި މުއައްސަސާތަކާއި ސްޓޭކްހޯލްޑަރުން ވަނީ ޓާމިނަލް މަޝްރޫއުގައި ބައިވެރިވާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ޓީމުން ކުރި މަސައްކަތްތައް ފާހަގަކޮށް އެކަމަށް ޝުކުރުއަދާކޮށްފައެވެ.
ދިވެހިރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރޭ މުނާސަބަތާ ދިމާކޮށް އައު ޓަރމިނަލް ހުޅުވުމަށްޓަކައި ވާންޖެހޭ ހުރިހާ ތައްޔާރީތަކެއް ިހާރު އަންނީ ވަމުންނެވެ.
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ އައު ޓަރމިނަލް މަޝްރޫޢު ނިންމައި، އޮޕަރޭޝަން ފެށުން ވެގެންދާނީ ދިވެހިރާއްޖޭގެ އިޤްތިޞާދަށް ލިބޭ ވަރަށް ބޮޑު ކުރިއެރުމަކަށެވެ. ވަކީން ޚާއްޞަކޮށް ފަތުރުވެރިކަމުގެ ދާއިރާއަށް ގިނަ ދޮރުތަކެއް ހުޅުވިގެންދާނެކަމެކެވެ. މި އެއަރޕޯޓަކީ ދިވެހި އިޤްތިޞާދުގެ އެންމެ މުހިންމު އެސެޓެވެ.އަދި އެތަނަށް އަންނަ ކޮންމެ ކުރިއެރުމަކީ ދިވެހި ހުރިހާ ރައްޔިތުންނަށް ލިބޭ ކުރިއެރުމެކެވެ. އެއަރޕޯޓަކީ ހުރިހާ ރައްޔިތުންގެ ކުރިއެރުމާއި، ލާބަޔާއި މަންފާއާ ގުޅިފައި އޮތް ތަނެކެވެ.
އާ ޓާމިނަލް ހުޅުވުމަށް ވަމުން އަންނަ ތައްޔާރީތަކުގެ ތެރެއިން މިހާރު ކުރިއަށް ދަނީ ސިލްސިލާ ޓްރަޔަލްތަކެކެވެ. އެމްއޭސީއެލްގެ މުވައްޒަފުންނާއެކު ކުރިއަށް ގެންދާ މި ޓްރަޔަލްތަކުގައި އާ ޓާމިނަލްގައި ބޭނުންކުރާ ހުރިހާ ސިސްޓަމްތަކާއި މެޝިނަރީޒްތަކުގެ އެންމެ ފަހުގެ ޓެސްޓުތައް ދަނީ ހަދަމުންނެވެ.
އޭގެ އިތުރުން އަލިފާނުގެ ހާދިސާއެއް މެދުވެރިވެއްޖެ ހާލަތެއްގައި އަމަލުކުރާނެ ގޮތުގެ އެކްސަސައިޒެއްވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.