logo
E-Platinum
ރިޕޯޓް

''އާ ޓާމިނަލް ފިނިހަކަ ދުވެލިން ރޮކެޓް ދުވެއްޔަށް ބަދަލުކޮށް ނިންމައި ހުޅުވާލެދެނީ އިގްތިސޯދީ އައު ބާބެއް''

މުހައްމަދު މޫސާމުހައްމަދު މޫސާ
18 ޖުލައި 2025 - 14:00
''އާ ޓާމިނަލް ފިނިހަކަ ދުވެލިން ރޮކެޓް ދުވެއްޔަށް ބަދަލުކޮށް ނިންމައި އިގްތިސޯދީ އައު ބާބަކަށް''

ދިވެހިރާއްޖޭގެ މައި ދޮރާށި ކަމުގައިވާ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވިއައިއޭ)ގެ އާ ޓާމިނަލްގެ މަސައްކަތް ނިމި، އެތަން ހުޅުވުމުގެ މަރުހަލާއަށް ވަނީ ވާސިލްވެފައެވެ. މިއީ ރާއްޖޭގެ އިޤްތިޞާދީ ތަރައްޤީގެ އައު ބާބެއްގެ ފެށުމެވެ. ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އެންމެ އިސްކަމެއް ދެއްވި މި މަޝްރޫޢަކީ، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް އައު ހަކަތައެއް ގެނެސްދޭނެ މަޝްރޫޢެކެވެ.

އިދިކޮޅުން ޚާއްޞަގޮތެއްގައި އިދިކޮޅު އެމްޑީޕީ އަށް މިއީ ބޭކާރު މަސައްކަތެއްކަމަށް ހީވެ، އެގޮތަށް ވާހަކަ ދެއްކި ނަމަވެސް އަދި އެ ގޮތަށް ޢަމަލުކޮށް ބާރު ލިބޭ ކޮންމެފަހަރަކު މައި ދޮރޯށި ވިއްކާލުމުގެ ނިޔަތްލީ ނަމަވެސް، ރައީސް މުޙައްމަދު މުޢިއްޒުގެ ''ފުރަތަމަ ޤައުމާއި ރައްޔިތުން'' ސިޔާސަތުގެ ދަށުން މި އެއާޕޯޓް ދެކެނީ ޤައުމީ ފަޚުރެއްގެ ގޮތުގައެވެ.

ފަސްމަންޒަރު

ވެލާނާ އިންޓަނޭޝަލް އެއަރޕޯޓުގައި މިހާރު ތަރައްޤީކުރަމުންދާ އައު އިންޓަރނޭޝަނަލް ޓަރމިނަލުގެ މަސައްކަތް ފެށީ 2017 ވަނަ އަހަރުއެވެ.   ޒަމާނީ ވަޞީލަތްތަކާއެކު ތަރައްޤީކުރާ ބައިނަލްއަޤުވާމީ ފެންވަރުގެ މި ޓަރމިނަލަކީ ރާއްޖޭގެ އިޤުތިޞާދަށް އެތައް ގޮތަކުން ފައިދާކުރާނެ ޢުމްރާނީ ތަރައްޤީގެ ބިޔަ މަޝްރޫޢެއްކަމަށް ދެކިގެންނެވެ. އެއީ ރައީސް ޔާމީންގެ ވެރިކަން ނިމެން ގާތްދޮށްވެފައި ވަނިކޮށެވެ. ޤައުމުގައި އިންތިހާ ސިޔާސީ ހަލަބޮލިކަން އޮތް ދުވަސްވަރެކެވެ. އެ މަސައްކަތަށް އަހަރެއްހާ ދުވަސްވީއިރު ދެން ފެށުނީ އެމްޑީޕީގެ ވެރިކަމެކެވެ. 2018 ވަނަ އަހަރު ފެށުނު އެ ވެރިކަން 2023 ވަނަ އަހަރު ނިމިގެން ދިޔައިރުވެސް ޓާމިނަލްގެ މަސައްކަތް ފުރިހަމައެއް ނުކުރެވުނެވެ. އެމްޑީޕީގެ ސަރުކާރުގައި މި މަޝްރޫޢު ފަހަތަށް ސޮއްސާލައި، ހިނގަމުން އައީ ފިނިހަކަ ސްޕީޑްގައެވެ. މި މަޝްރޫޢު ފުރިހަމަކުރުމުގެ ނަމުގައި 300 މިލިއަން ރުފިޔާގެ ލޯނެއްނަގައި ''އެޔަށް ހެދިގޮތެއް ހެދުން'' ފިޔަވައި މާބޮޑުކަމެއް އެމްޑީޕީން ނުކުރެއެވެ. އެއީ މާ މުހިންމު މަޝްރޫޢޫއެއްކަމަށް އެބައިމީހުން ނުދެކެމަކީ އެކަން ނުވެ ދިޔަ އެއް ސަބަބެވެ. އެކަން މިހާރު އެދައްކަވާ ވާހަކަތަކުން ވަކީން ބޮޑަށް ސާފުވާނެއެވެ.

އައު ސަރުކާރުގެ އެންމެ އިސް އަމާޒެއް އައު ޓާމިނަލް ނިންމަން

ރައީސް ޑރ. މުޙައްމަދު މުޢިއްޒަށް ރާއްޖޭގެ ވެރިކަން ލިބިވަޑައިގަތުމުން  ޓްރާންސިޝަން މަރުޙަލާގައި އެންމެ ފުރަތަމަ ވެސް ޒިޔާރަތްކުރެއްވި ތަނަކީ، ރާއްޖޭގެ މައި ދޮރާށި، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ)އެވެ. އެދުވަހު އެމަނިކުފާނު ވިދާޅުވީ އެއީ އެންމެ މުހިންމު މަޝްރޫޢު ކަމަށެވެ. އެމަނިކުފާނު އެދުވަހު އިޝާރާތްކުރެއްވީ އެ އެއާޕޯޓްގައި ހަދަމުން އަންނަ އައު ޓާމިނަލަށެވެ. އެދުވަހު އެމަނިކުފާނުގެ ޕްރޮފެޝަނަލް ބެކްގްރައުންޑުން، އިންޖިނިއަރިންގ ބެކްގްރައުންޑްގެ އެހީގައި އެތަން ބެއްލެވިއެވެ. އެއަށްފަހު ވެރިކަން ފެށުމާއެކު އެންމެ އިސްކަމެއް ދެއްވީ ފިނިހަކަ ދުވެލީގައި އޮތް މަސައްކަތް ރޮކެޓް ސްޕީޑްގައި ނިންމެވުމަށެވެ.

''ދެން އަޅުގަނޑަށް އެނގޭ ކަމަކީ، އަޅުގަނޑު އެންމެ ފުރަތަމަ ދިޔަ ތަނަކީ މިތަން. އެއަރޕޯޓް އިނގޭތޯ. އެއަރޕޯޓުގެ މަސައްކަތް ދާގޮތް ބަލަންވެގެން. ޓްރާންސިޝަން މަރުޙަލާގެ ތެރޭގައި އެއީ. އަޅުގަނޑު ދިޔައިން. އެންމެ ފުރަތަމަ އަދި އަޅުގަނޑު އެތަނުގައި އިންޓަރވިޔު ދެމުންވެސް ދެންނެވިން. މިއީ އަޅުގަނޑުމެންގެ ސަރުކާރުގެ އެންމެ މުހިންމު މަޝްރޫޢޭ. އެންމެ މުހިންމު މަޝްރޫޢޭ. އެ މަޝްރޫޢު ނިންމުމުގެ ކަންތަކަށޭ އެންމެ އިސްކަމެއް ދެނީ. ދެން އަޅުގަނޑުމެން ބޭނުންވި ތާރީޚަކަށް ފުރަތަމަ ނުނިމުނު. އަޅުގަނޑުމެން ބޭނުންވީ މިދިޔަ އަހަރުގެ އޮކްޓޫބަރަށް ނިންމަން ދޮގެއްތޯ. ދެން އެކި ޗެލެންޖަސް ދިމާވެ، މި އަހަރުގެ މިނިވަންދުވަހަށް މި ނިންމުނީ.'' އަންގާރަ ދުވަހު އޮތް ރައްޔިތުންނާ އެކު" ސިލްސިލާ ޕޮޑްކާސްޓްގެ 8 ވަނަ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވެފަވެއެވެ.

Dr. Muizzu-VIA

ރައީސް ވީއައިއޭގެ އައު ޓާމިނަލްގެ މަސައްކަތްތައް ބައްލަވާލައްވަނީ، ފޮޓޯ: ރައީސް އޮފީސް

 

ކްރެޑިޓާއި މެދު ސުވާލެއްނެތް، މަޝްރޫޢު ނިންމުމުގެ މޭސްތިރިއަކީ ރައީސް މުޢިއްޒު

ރާއްޖޭގެ ތަރައްޤީގައި ކޮންމެ ވެރިކަމެއްގައިވެސް ކުރެވިފައިވާ މަސައްކަތްތައް ފާހަގަކުރުމަކީ ނެތްކަމެއްނޫނެވެ.

ރައީސް މުޢިއްޒު ޤަބޫލުފުޅުކުރަށްވާ ގޮތުގައި ރާއްޖޭގެ ތަރައްޤީގައި ކޮންމެ ވެރިކަމެއްގައިވެސް ކުރެވުނު މަސައްކަތްތަކަށް އިންސާފުވެރިކަމާއެކު ކްރެޑިޓް ދޭންޖެހެއެވެ. އާ ޓަރމިނަލްގެ މަސައްކަތް ފެށުނީ ރައީސް ޔާމީންގެ ވެރިކަމުގައިކަމާއި، އަދި ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ވެރިކަމުގައި އިތުރު މަސައްކަތްތައް ކުރެވިކަން އެމަނިކުފާނު ވަނީ ފާހަގަކުރަށްވާފައެވެ. މިހާރުގެ ސަރުކާރުން ދޮޅު އަހަރުތެރޭ އެ މަސައްކަތް ވަނީ ނިންމާލާފައެވެ.

ރައީސް މުޢިއްޒުގެ ސަރުކާރުގެ އެންމެ މުހިންމު ކަންދިން އެއް މަޝްރޫޢު، އެއަރޕޯޓް ޓަރމިނަލްގެ މަޝްރޫޢުގެ މަސައްކަތް މިހާރުގެ ސަރުކާރާ ހަވާލުވިއިރު ނިމިފައި އޮތީ 54 ޕަސެންޓްވަރެވެ. އެއީ ދެ ވެރިކަމެއްގެ މަސައްކަތުންވީ ވަރެކެވެ. ރައީސް މުުޢިއްޒުގެ ސަރުކާރުގެ މަސައްކަތުން ބާކީ 46 ޕަސެންޓް އެންމެ ދޮޅު އަހަރުން ނިންމާލުމުން ރައީސް މުޢިއްޒުގެ ސަރުކާރުން މިކަމަށް ދެއްވި އަހައްމިއްޔަތު ސާފުވެއެވެ.

މި ސަރުކާރާއި ހަވާލުވިއިރު، އާ ޓާމިނަލް އިމާރާތުގެ ސްޓްރަކްޗަރ ނިމި، ބޭރުން ޕްލޭޓް ކުރެވިފައި ވީނަމަވެސް، އެތެރޭގެ ގިނަ މަސައްކަތްތައް ހުރީ ނުނިމިއެވެ. އަދި ޓަރމިނަލް އޮޕަރޭޝަނަލް ކުރުމަށް މުހިންމު އެތައް މަސައްކަތެއް ހުރީ ނުފެށިއެވެ. ހެޑް އޮފް ސްޓޭންޑް މަގު ހެދުމާއި، ޑިއުޓީ ފްރީ އަދި ކޮމާޝަލް އޭރިއާގެ މަސައްކަތްތައް ހުރީ އެއްވެސް ފަރާތަކާ ހަވާލުނުކުރެވިއެވެ. ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ ސަރުކާރުން މި މަސައްކަތްތައް ބަޔަކާ ހަވާލުކޮށް، މުޅި މަސައްކަތް ރޮކެޓް ސްޕީޑަށް ޖައްސައި ޖުލައި 26 ގައި ހުޅުވުމަށް ބޭނުންވާ މިންވަރަށް މަޝްރޫޢު އެ ވަނީ ނިންމާލާފައެވެ. އަދި އަންނަ ސެޕްޓެންބަރު މަހުގެ ތެރޭގައި މުޅި މަޝްރޫޢު ނިންމުމަށް ވަނީ އަމާޒު ހިފާފައެވެ.

އެހެންކަމުން އާ ޓާމިނަލް ނިންމުމުގެ މޭސްތިރިއަކީ ރައީސް މުޢިއްޒު ކަމާމެދު ސުވާލެއްނެތެވެ. އެ ކްރެޑިޓް އެމަނިކުފާނަށް ހައްގުކަން މި މިންވަރުން ވެސް ކަށަވަރުވެއެވެ.

އާ ޓާމިނަލްގެ މަސައްކަތުގެ ދުވެލި އަވަސްކުރުން

ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެ ވަޑައިގަތުމަށްފަހު، އެންމެ ފުރަތަމަ ޒިޔާރަތްކުރެއްވީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށެވެ. މިއީ އެމަނިކުފާނުގެ ވިސްނުންފުޅުގައި މި މަޝްރޫޢުގެ މުހިންމުކަން ހުރި މިންވަރު ދައްކުވައިދޭ ކަމެކެވެ. އިންޖިނިއަރިންގ ދާއިރާގެ ތަޖުރިބާކާރެއްގެ ހައިސިއްޔަތުން، އެމަނިކުފާނު އެދުވަހު ޓާމިނަލްގެ މަސައްކަތްތައް ވަރަށް ބޮޑަށް ދިރާސާކުރެއްވިއެވެ.

big_mLDHo15kRmwkZp6WdYmUWfqIR.jpg

 

ވެރިކަމާ ހަވާލުވެ ވަޑައިގަތުމަށްފަހު، ރައީސް މުޢިއްޒުގެ އެންމެ އިސް އަމާޒަކަށް ވެގެން ދިޔައީ ފިނިހަކަ ދުވެލީގައި ކުރިއަށްދިޔަ މަސައްކަތް އަވަސްކުރުމެވެ. މިކަމުގެ ނަތީޖާއެއްގެ ގޮތުން، މަސައްކަތުގެ ދުވެލި ރޮކެޓް ސްޕީޑަށް އަވަސްވެ، ކަނޑައެޅިފައިވާ މުއްދަތުގައި މަޝްރޫޢު ނިންމުމަށް ވަނީ މަގުފަހިވެފައެވެ.

ޚިދުމަތް ބޮޑުތަނުން އަވަސްވެ، އެތައް ސަތޭކަ ވަޒީފާއަކާއެކު އިޤްތިޞާދީ ކުރިއެރުމުގެ ފެށުން

އާ ޓާމިނަލް ހުޅުވުމާއެކު، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް ލިބޭނެ ކުރިއެރުން ވަރަށް ބޮޑެވެ. ވީއައިއޭގައި މިހާރު ހުރި ޓަރމިނަލުން ޚިދުމަތް ދެވެނީ އަހަރަކު 1.5 މިލިޔަން މީހުންނަށެވެ. ނަމަވެސް ރާއްޖެއަށް އަހަރަކު 2 މިލިޔަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރާއިރު، މިހާރު ހުރި ޓަރމިނަލުން ޚިދުމަތް ދެމުންގެންދަނީ އޯވަރ ކެޕޭސިޓީއެއްގައެވެ. މި މައްސަލައަށް ހައްލު ގެނެސްދޭނީ މިހާރު ހުޅުވުމަށް ތައްޔާރުވަމުންދާ އައު ޓަރމިނަލެވެ. މި ޓަރމިނަލާއެކު އަހަރަކު 7 މިލިޔަން ފަސިންޖަރުންނަށް ޚިދުމަތް ދެވޭނެއެވެ.

މީގެ އިތުރުން ކުރިން ފްލެއިޓެއް ލޭންޑްކޮށް، ޓާމިނަލް އެތެރޭގެ ޕްރޮސީޖަރތައް ނިންމައި، ލަގެޖް ނަގައިގެން ޓެކްސީ ޕޮއިންޓަށް ނުވަތަ ރިސޯޓް ލޯންޗަށް ދިޔުމަށް އާންމުގޮތެއްގައި ދެ ގަޑިއިރަށްވުރެ ގިނަ ވަގުތު ހޭދަވެއެވެ. އައު ޓާމިނަލާއެކު 45 ވަރަކަށް މިނިޓަށް މި ވަގުތު ކުރުވެގެންދާނެއެވެ. މިއީ ގިނަ ބަޔަކަށް ޚިދުމަތް ދިނުމުގެ ފުރުސަތުފަހިވެ، ފަސިންޖަރުންނަށް ވެސް އަރާމުކަން ލިބޭނެކަމެކެވެ. ވަގުތު ސަލާމަތްވެ، ހިތްހަަމަޖެހުން ގެނުވާނެކަމެވެ. ހަމައެހެންމެ، އެއް ފަހަރާ ފްލައިޓްތަކަށް ޚިދުމަތްދެވޭ ނިސްބަތް ތިން ގުނަ ވެގެން ދާނެއެވެ.

މިބަލުތަކުގެ ސަބަބުން ރާއްޖޭގެ ރަންބިސްއަޅާ ކުކުޅުކަމަށްވާ ފަތުރުވެރިކަމުގެ ސިނާއަތަށް ބިޔަ ބޫސްޓެއް އަންނާނެވެ. މި ބަދަލާއެކު ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެގެންދާނެކަން ފަތުރުވެރިކަމުގެ ސިނާޢަތުގައި ހަރަކާތްތެރިވާ އެކި ފަރާތްތަކުން ފާހަގަކުރެއެވެ.

މި އިތުރުވުމަކީ އިގްތިސޯދަށް ވަންނަ އާންމުދަނީ އެތައް ގުނައެއް މައްޗަށް ޖެހިގެންދާނެކަމެކެވެ. ޓެކްސްއާއި އެހެނިހެން ޚިދުމަތުން ލިބޭ އާމްދަނީ އަށް ދުޅަހެޔޮ ބަދަލެއް އަންނާނެ ކަމެކެވެ.

އާ ޓާމިނަލް ހުޅުވުމާއެކު، ސީދާ އަދި ނުސީދާގޮތުން އެތައް ހާސް ވަޒީފާގެ ފުރުސަތުތަކެއް އުފެދިގެންދާނެއެވެ. އެއަރޕޯޓުގެ މުވައްޒަފުންގެ އިތުރުން، ފަތުރުވެރިކަމުގެ ދާއިރާގެ އެކި ދާއިރާތަކުގައި އިތުރު ވަޒީފާތައް އުފެދި، ދިވެހި ޒުވާނުންނަށް އާ ފުރުސަތުތަކެއް ހުޅުވިގެންދާނެއެވެ.

ބައިނަލްއަޤްވާމީ ފެންވަރުގެ ޚިދުމަތްތައް

ވީއައިއޭގެ އައު ޓާމިނަލަކީ 78 ހާސް އަކަ މީޓަރުގެ ބޮޑު ޓާމިނަލެކެވެ. މި ޓާމިނަލް ބޭނުންކުރާނީ ހަމައެކަނި ބައިނަލްއަޤުވާމީ ދަތުރުތަކަށެވެ. އެންމެ ޒަމާނީ އެއަރޕޯޓުތަކެކޭ އެއްގޮތަށް، އެއިރޯ ބުރިޖުތައް މި ޓަރމިނަލްގައި ބޭނުންކުރާނެއެވެ.

ހަމައެހެންމެ، އާ ޓާމިނަލްގައި ބައިނަލްއަޤްވާމީ ފެންވަރުގެ ޚިދުމަތްތައް ޤާއިމުކުރެވިފައިވެއެވެ. މީގެ ތެރޭގައި ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ދެވޭ އަވަސް ޚިދުމަތްތަކާއި، ފަސިންޖަރުންގެ ތަޖުރިބާ އިތުރަށް ފުރިހަމަކުރުމަށް ބޭނުންވާ އެންމެހައި ވަސީލަތްތައް ހިމެނެއެވެ.

Screenshot 2025-07-18 192334.png

ވީއައިއޭގެ އައު ޓާމިނަލް، ފޮޓޯ: އެމްއޭސީއެލް

 

ރައީސް މުޢިއްޒުގެ ދުރުވިސްނުންފުޅުގެ ނަތީޖާ

މިއީ ރައީސް މުޢިއްޒު ގެންގުޅޭ ދުރުވިސްނުންފުޅުގެ ނަތީޖާއެވެ. ރައީސުލްޖުމްހޫރިއްޔާ ޤަބޫލުފުޅުކުރައްވަނީ، މާލީގޮތުން ރާއްޖެ ކުރިއަރާނީ އިޤްތިޞާދަށް ފަހިވާ މަސައްކަތްތައް އަވަހަށް ނިންމަވައިގެންކަމަށެވެ.

''އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ އިޤްތިޞާދަށް ވަރަށްބޮޑު ކުރިއެރުމެއް މި ލިބިގެންދަނީ. ޚާއްޞަކޮށް، ފަތުރުވެރިކަމުގެ ދާއިރާއަށް އިރާދަކުރެއްވިއްޔާ ވަރަށްގިނަ ދޮރުތައް މި ހުޅުވިގެންދަނީ. އަދި ޖުމްލަކޮށް ހަމަ އިޤްތިޞާދީ ކުރިއެރުން ހަމަ ވަރަށްބޮޑަށް މަތިވެގެންދާނެ ކަމެއް، މި އެއަރޕޯޓްގެ މި ޓަރމިނަލް ނިމިގެންދިޔުން. އަދި އޭގެއިތުރަށް، އަޅުގަނޑުމެން މި ހަވާލުކޮށްފައި އޮންނާނެ، ބާ ރަންވޭ ރީ-ސަރފޭސް ކުރުންވެސް. ދެން އަދި މިކަހަލަ އެހެން ބައެއް މަސައްކަތްތައްވެސް ކުރެވިގެން އެދަނީ އެއަރޕޯޓުގައި. އެހެންވީމާ، ޖުމްލަކޮށް މި އެއަރޕޯޓަކީ އަޅުގަނޑުމެންގެ އިޤްތިޞާދުގެ ހަމަ އެންމެ މުހިންމު އެސެޓް. އެހެން ނޫންތޯ. އެއީ ދަންނަވަންޏާ، ކީ، ހަމަ އެންމެ ކީ. އެންމެ މުހިންމު ކަންތައް އެއީ އިނގޭތޯ. ދެން އެހެންވީމާ، އެ ތަނަށް އަންނަ ކޮންމެ ކުރިއެރުމަކީ، އަޅުގަނޑުމެންގެ ރައްޔިތުންނަށް ލިބޭ ކުރިއެރުމެއް. ހުރިހާ ރައްޔިތުންގެ ކުރިއެރުމާއި ލާބައާއި މަންފާއާ ގުޅިފައިވާ ތަނެއް އަޅުގަނޑުމެންގެ އެއަރޕޯޓަކީ.'' އަންގާރަ ދުވަހު އޮތް ރައްޔިތުންނާ އެކު" ސިލްސިލާ ޕޮޑްކާސްޓްގެ 8 ވަނަ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވެފަވެއެވެ.

އާ ޓާމިނަލްގެ ހުޅުވުމަކީ ހަމައެކަނި އެއަރޕޯޓެއްގެ ތަރައްޤީއެއް ނޫނެވެ. މިއީ މުޅި ރާއްޖޭގެ އިޤްތިޞާދީ ކުރިމަގަށް އައު މަގެއް ފަހިކޮށްދޭ ކަމެކެވެ. ރައީސް މުޢިއްޒުގެ ހަރުދަނާ ލީޑަރޝިޕްގެ ދަށުން، މި މަޝްރޫޢު އަވަސް ދުވެއްޔެއްގައި ނިންމާލެވި، ރާއްޖޭގެ އިޤްތިޞާދީ ކުރިއެރުމަށް އައު ދޮރެއް ހުޅުވިގެން ދިއުމަކީ، ދިވެހި ރައްޔިތުންނަށް ލިބޭ ވަރަށް ބޮޑު ކުރިއެރުމެކެވެ.

ދިވެހިންގެ ދިގު އިންތިޒާރަކަށް ނިމުން އައިސް، ކުލަގަދަ ރަސްމިއްޔާތަކާއެކު ވީއައިއޭގެ އާ ޓަމިނަލް ހުޅުވަނީ ދިވެހިރާއްޖޭ މިނިވަންކަމަށް 60 އަހަރުފުޅޭ މުނާސަބާގައި، މިމަހުގެ 26ވަނަ ދުވަހުއެވެ. އާ ޕެސެންޖަރ ޓަރމިނަލާއެކު، އަހަކު ޚިދުމަތް ދެވޭ ކެޕޭސިޓީ ގާތްގަނޑަކަށް 5ގުނަ އިތުރުވާނެއެވެ. ދިވެހި އިގްތިސާދުގެ މުޅިން އައު ރަން ޒަމާނެއް ފެށޭނެއެވެ.

Regional Airports
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރައީސް، ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލާ ބައްދަލުކުރައްވައިފިޚަބަރު | 21 ގަޑިއިރު ކުރިންރައީސް، އިނގިރޭސިވިލާތުން އެނބުރި ރާއްޖެ ވަޑައިގެންފިޚަބަރު | ދުވަހެއް ކުރިން''އާ ޓާމިނަލް ފިނިހަކަ ދުވެލިން ރޮކެޓް ދުވެއްޔަށް ބަދަލުކޮށް ނިންމައި އިގްތިސޯދީ އައު ބާބަކަށް''ރިޕޯޓް | 2 ދުވަސް ކުރިންމިހާރުގެ ބައިނަލްއަޤްވާމީ ޓާމިނަލް ޑޮމެސްޓިކް ޓާމިނަލަށް ބަދަލުކުރަނީ ޚަބަރު | 2 ދުވަސް ކުރިން