މާފަރުގެ ހުރިހާ ގެއަކަށް ފެން ދޫކޮށް ޚިދުމަތް ފަށައިފި
6 ޖުލައި 2025 - 11:52

ނ.މާފަރުގައި ޤާއިމުކޮށްފައިވާ ފެނުގެ ޚިދުމަތް ރަސްމީކޮށް މިއަދު ފަށައިފިއެވެ.
މިކަމާ ގުޅޭގޮތުން، މި ޚިދުމަތް ބަލަހައްޓާ ފެނަކަ ކޯޕަރޭޝަނުން ބުނެފައިވަނީ، މިއަދުން ފެށިގެން މާފަރުގެ ހުރިހާ ގޭބީސީއަކަށްވެސް ފެނުގެ ޚިދުމަތް ލިބޭނެ ކަމަށާއި، އެގޮތުން ކޮންމެ މަހަކުވެސް 5 ތަނުގެ ފެން ކޮންމެ ގޭބީސީއަކަށްވެސް ހިލޭ ބޭނުންކުރެވޭނެ ކަމަށެވެ. ހިލޭ ފެން ލިބޭނެ އިންތިޒާމު މި ވަގުތަށް ހަމަޖައްސާފައިވީ ނަމަވެސް ފެން ބޭނުން ކުރުމުގައި ސަމާލުވުމަށްވެސް އެ ކުންފުނިން ވަނީ އިލްތިމާޞްކޮށްފައެވެ.

Ad by Hajj Corporation
މާފަރުގައި ހުރި ގޭބީސީތަކުގެ ތެރެއިން އިތުރަށް މި ޚިދުމަތަށް އެދެން ބޭނުންވާ ފަރާތްތަކަށްވެސް މިހާރު އެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ. އެގޮތުން މާފަރު ފެނަކަ ބްރާންޗަށް ފޯމު ހުށަހަޅާ ތަރުތީބަށް ބަލައި، މި ޚިދުމަތް ދެމުން ގެންދާނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.
މާފަރުގައި ޤާއިމުކޮށްގައިވާ އާރުއޯ ޕްލާންޓް އޮފީސް
36 ރަށުގެ ފެނާއި ނަރުދަމާ ނިޒާމް ޤާއިމްކުރުމަށްޓަކައި 22 މިލިޔަނަށް ވުރެ ގިނަ ރުފިޔާއަށް ޕްލޭނިން މިނިސްޓްރީން ބަޔަކާ ހަވާލުކޮށްފައިވަނީ 2019 ވަނަ އަހަރުގެ ސެޕްޓެމްބަރ މަސް ތެރޭގައެވެ. މި 36 ރަށުގެ ތެރޭގައި މާފަރު ހިމެނެއެވެ. ނަމަވެސް މި މަޝްރޫޢު ނިނިމި ދިގުލައިގެން ގޮސް، އެންމެ ފަހުން، ރައީސް ޑރ މުޙައްމަދު މުޙައްމަދު މުޢިއްޒުގެ ވެރިކަން ފެށުނު އިރުވެސް މި މަސައްކަތް ވަނީ މުޅިންހެން ނިންމާނުލެވިއެވެ.
ރައީސް ޑރ މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ގެންދަވަނީ ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ފެނާ ނަރުދަމާ ނިޒާމް ޤާއިމްކުރުމުގެ މަސައްކަތް ކުރައްވަމުންނެވެ. މިގޮތުން މީގެ ކުރިންވެސްވަނީ ރަށްތަކުގައި ފެނާ ނަރުދަމާ ނިޒާމް ޤާއިމްކުރުމަށް ކުންފުނިތަކާ ހަވާލުކޮށްފައެވެ. މި ޚިދުމަތް މާފަރުގައި މިއަދު ފެށިގެން ދިއުމާއެކު މިއީ ރައްޔިތުންނަށް ލިބިގެން ދިޔަ ވަރަށް ބޮޑު ލުއި ފަސޭހައެވެ.