logoEN
ޚަބަރު

ރައީސް މުއިއްޒުގެ އަމާޒަކީ ރައްޔިތުންނަށް ދޭ ޓައިމްލައިންއާ އެއްގޮތަށް މަޝްރޫއުތައް ނިންމުން: ސައީދު

އާމިނަތު ސަފާއާމިނަތު ސަފާ

08 ޖުލައި 2025 - 07:14

ތަރައްގީގެ މަޝްރޫއުތައް ކަނޑައެޅިފައިވާ ޓައިމްލައިންއާ އެއްގޮތަށް ނިންމުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހާއްސަ އިސްކަމެއްދެއްވާކަމަށް އިގްތިސާދީ ތަރައްގީއާ ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީކުރުމުގެ މަސައްކަތް ނިންމާ ހިދުމަތް ރަސްމީކޮށް އިފްތިތާހުކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ ވެރިކަމާ ހަވާލުވިއިރު އިގްތިސާދީ ހާލަތު އޮތީ ހުއްޓުމަކަށް އައިސްފައިކަމަށާއި އެހާލަތުގައިވެސް ރައީސް މުއިއްޒު އިސްކުރެއްވީ ކެތްތެރިކަމާއި ހިކުމަތްތެރިކަންކަމަށެވެ. އަދި އިގްތިސާދީ އަނދަވަޅުން އަރައިގަތުމަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިންވެސް ތަރައްގީގެ ބޮޑެތި މަޝްރޫއުތަކަށް ހުއްޓުމެއް އަޔަ ނުދެއްވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

"ވެލާނާ އެއާޕޯޓުގެ އައު ޓާމިނަލްވެސް ހުޅުވިގެން އެ ދަނީ. އިތުރަށް ނެގޯޝިއޭޓް ނުކުރެވޭވަރަށް ކަނޑައެޅި ތާރީހުގައި މަޝްރޫއުތައް ނިންމަމުން އެދަނީ. ފަތުރުވެރިކަމުގެ ދާއިރާ ސިންދަފާތުކުރުމަށް ރައީސް ކުރައްވާ މަސައްކަތްޕުޅަށް ޝުކުރު ދަންނަވަން މި ފުރުސަތުގައިވެސް".

މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީކުރުމުގެ މަސައްކަތް ނިންމާ ޚިދުމަތް ރަސްމީކޮށް އިފްތިތާހުކޮށްފައިވާއިރު މާފަރު އެއާޕޯޓު ތަރައްގީކުރުމުގެ ފުރަތަމަ މަރުހަލާގެ އެއްބަސްވުމުގައި ސޮއިކުރެވުނީ 2018 ވަނަ އަހަރުގެ ޖަނަވަރީމަހުގައެވެ، އަމަލީ މަސައްކަތް ނިންމައި އެކެއް ޑިސެންބަރު 2019 ގައި އެއާޕޯޓު އޮޕަރޭޝަނަށް ގެނެވުނުއިރު ފުރަތަމަ މަރުހަލާއަށް އަބޫދާބީ ފަންޑް ފޯ ޑިވެލޮޕްމެންޓުން 49 މިލިއަން ޑޮލަރު ހަރަދުކުރިއެވެ.

އަދި ދެވަނަ މަރުހަލާގެ މަސައްކަތް 8 ޑިސެންބަރު 2022 ގައި ފަށާފައިވާއިރު އެ މަރުހަލާގައި އެއާޕޯޓުގެ ރަންވޭ ބޮޑުކޮށް ވައިޑްބޮޑީ މަތިންދާބޯޓަށް ޖެއްސޭ މިންވަރަށް ރަންވޭ ފުޅާކުރިއެވެ. އަދި މީގެ އިތުރުން އެއާފީލްޑުގެ ލައިޓް ސިސްޓަމް އަދާހަމަކޮށް ޖުމްލަ 27 މިލިއަން ޑޮލަރު މަސައްކަތްތަކަށް ހަރަދުކުރެވިފައިވެއެވެ.

މީގެ އިތުރުން ވަޒީރު ފާހަގަކުރެއްވި ގޮތަށް މި މަހު 26 ގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އައު ޓާމިނަލް ހުޅުވިގެންދާއިރު 78،000 އަކަމީޓަރުގެ ބޮޑުމިނުގައި ބިނާކުރެވިފައިވާ މި ޓާމިނަލަކީ އަހަރަކު 7.5 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދެވޭނެ ގޮތަށް ޑިޒައިންކޮށްފައިވާ ޒަމާނީ ޓާމިނަލެކެވެ. މިއީ މިހާރު ބޭނުންކުރަމުންދާ ޓާމިނަލަށްވުރެ އެތައް ގުނައެއް ބޮޑު، ފެންވަރު ރަނގަޅު ޓާމިނަލެކެވެ.

އާ ޓާމިނަލްގައި ހިމެނޭނީ 6 އެއިރޯ ބްރިޖް، 47 ޗެކްއިން ކައުންޓަރު، ސެލްފް ސާވިސް ކިއޮސްކްތައް، އޮޓޯމެޓިކް ބެގޭޖް ހެންޑްލިން ސިސްޓަމް އަދި އެޑްވާންސް ސެކިއުރިޓީ ސްކްރީނިން ސިސްޓަމެވެ. މީގެ އިތުރުން ޑިއުޓީ ފްރީ ފިހާރަތަކާއި، ރެސްޓޯރަންޓްތަކާއި ކެފޭތައް ވެސް ޓާމިނަލްގައި ގާއިމުކުރެވޭނެއެވެ. އައު ޓާމިނަލާއެކު އިތުރު 2000 އެއްހައި ވަޒީފާ އުފެދޭނެކަމަށްވެސް އެމްއޭސީއެލްއިން ލަފާކުރެއެވެ.

މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައެވެ. ނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި މި މަޝްރޫއުގެ މަސައްކަތުގެ ދުވެލި މަޑުޖެހި ރައީސް ޑރ. މުއިއްޒު ވެރިކަމަށް އައިއިރު ނިމިފައިވަނީ މަޝްރޫއުގެ 54 އިންސައްތައެވެ.

މަޝްރޫއު ނިންމުމަށް ސައުދީ ފަންޑުން 100 މިލިއަން ޑޮލަރާއި، އަބޫ ދާބީ ފަންޑް ފޯ ޑިވެލޮޕްމެންޓުން 80 މިލިއަން ޑޮލަރު ލިބިފައިވާއިރު މި ދެ ފަންޑުން ޖުމްލަ 180 މިލިއަން ޑޮލަރު، ނުވަތަ 2.7 ބިލިއަން ރުފިޔާ ލިބިފައިވެއެވެ.

ކޮމެންޓް

871x217_placeholder