logoEN
ކުޅިވަރު

ބްރެންޓްފޯޑްގެ ކެޕްޓަން ނޯގާޑް އާރސެނަލް އަށް

ނޯގާޑް އަކީ މިސީޒަނުގައި އާރސެނަލް ގެ މެދުތެރެއަށް ގެންނަ ދެވަނަ ކުޅުންތެރިޔާ

ނޯގާޑް އަކީ މިސީޒަނުގައި އާރސެނަލް ގެ މެދުތެރެއަށް ގެންނަ ދެވަނަ ކުޅުންތެރިޔާ

އަބްދުﷲ ޣާނިމްއަބްދުﷲ ޣާނިމް

08 ޖުލައި 2025 - 11:11

އާރސެނަލްއިން ބްރެންޓްފޯޑްގެ ޑެންމާކް މިޑްފީލްޑަރު ކްރިސްޓިއަން ނޯގާޑް ސޮއި ހޯދުމާއި ގާތުގައިވާކަމަށް ރިޕޯރޓްތައް ބުނަންފަށައިފިއެވެ. 31 އަހަރުގެ މި ކުޅުންތެރިޔާގެ އަގަކީ 10 މިލިއަން ޕައުންޑަށެވެ. އަދި އިތުރު 2 މިލިއަން ޕައުންޑް އެޑް-އޮންގެ ގޮތުގައި ހިމެނެއެވެ.

ދި އެތްލެޓިކްއިން ހާމަކުރި ގޮތުގައި ނޯގާޑް ވަނީ މެޑިކަލް ޓެސްޓް ފުރިހަމަކޮށްފައެވެ. އަދި މި ހަފްތާ ނިމުމުގެ ކުރިން އޭނާ އާރސެނަލްގެ ކުޅުންތެރިއެއްގެ ގޮތުގައި އިއުލާންކުރެވޭނެ ކަމަށް ބެލެވެއެވެ.

ޑެންމާކުގެ ގައުމީ ޓީމުގެ މި ކުޅުންތެރިޔާއަކީ ތަޖުރިބާކާރު އަދި ފެންވަރު ރަނގަޅު ކުޅުންތެރިއެކެވެ. ނޯގާޑްގެ ހުނަރުތަކުގެ ތެރޭގައި ފަހަތުން ކުރިއަށް ބޯޅަ ގެންދިއުމާއި، ބޯޅަ ކުރިއަށް ގެންދިއުމުގެ ސްޕީޑް ބެލެހެއްޓުން ހިމެނެއެވެ.

ނޯގާޑްއަކީ ހޯލްޑިންގ މިޑްފީލްޑަރެކެވެ. އޭނާގެ ޑިފެންސިވް ހުނަރުތަކުގެ ތެރޭގައި އިންޓަރސެޕްޝަންތަކާއި ރަނގަޅު ޕޮޒިޝަނިންގ ހިމެނެއެވެ. އަދި ވަރުގަދަ ޓެކްލްތަކާއި ޓެކްޓިކަލް ފައުލްތައް ހެދުމަށްވެސް ފަސްޖެހުމެއް ނެތް ކުޅުންތެރިއެކެވެ.

ރިއަލް ސޮސިއެޑާޑްގެ ސްޕެއިން އިންޓަނޭޝަނަލް މާޓިން ޒުބިމެންޑީއާއެކު ނޯގާޑް ސޮއިކުރުވުމަކީ އާސެނަލްގެ ކުޅުމުގެ ސްޓައިލަށް އަންނަ ބަދަލެއްގެ އިޝާރާތެއް ކަމަށް ބެލެވެއެވެ. މި ދެ ކުޅުންތެރިންނަކީވެސް ބޯޅަ ކުރިއަށް ގެންދިއުމުގައި މޮޅު ދެ ކުޅުންތެރިންނެވެ. މިކަމުން ޑެކްލަން ރައިސްއާއި މާޓިން އޯޑެގާޑްގެ ބޯޅަ ކޮންޓްރޯލްކުރުމުގެ ހުނަރު އިތުރަށް ފާހަގަކުރެވިގެންދާނެއެވެ.

ޕްރިމިއަރ ލީގުގެ ތަޖުރިބާ ހުރި ނޯގާޑްގެ ސަބަބުން، ޒުބިމެންޑީ ލަންޑަނުގެ ދިރިއުޅުމަށް އަހުލުވެރިވަންދެން ޓީމަށް ވަރަށް ބޮޑު ބާރަކަށް ވެގެންދާނެއެވެ. އަދި އޭނާގެ ސޮއިކުރުމާއެކު އާސެނަލްގެ މިޑްފީލްޑް އިތުރަށް ވަރުގަދަވެގެންދާނެ ކަމަށް ގަބޫލުކުރެވެއެވެ.

ކޮމެންޓް

871x217_placeholder