ދިވެހި ވަޠަނީ ޚިދުމަތުގެ ތަމްރީން ޕްރޮގްރާމަށް 1244 ޒުވާނުން ކުރިމަތިލައިފި
8 ޖުލައި 2025 - 13:13
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިސްނަންގަވައިގެން ދިވެހިރާއްޖޭގައި މުޅިން އަލަށް ފައްޓަވާ މޯލްޑިވްސް ނޭޝަނަލް ސާވިސްގެ ތަމްރީނުގެ ފުރަތަމަ ބުރަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި 1244 ޒުވާނުން ކުރިމަތިލާފައިވާކަމަށް ދިފާއީ ވުޒާރާއިން ބުނެފިއެވެ.
ދިވެހި ވަތަނީ ޚިދުމަތުގެ ތަމްރީން ޕްރޮގްރާމް ފުރިހަމަކުރުމަށް ކުރިމަތިލާފައިވާ ޒުވާނުންގެ ތެރެއިން ޖިސްމާނީ އަދި ސިއްހީ ދުޅަހެޔޮކަން ހުރިހާ ފަރާތްތަކަށްވެސް ތަމްރީން ފުރިހަމަކުރުމުގެ ފުރުސަތު ދިނުމަށް ސަރުކާރުން ހަމަޖައްސައިފައިވާކަން އެ އިދާރާއިން ވަނީ ފާހަގަކޮށްފައެވެ.

މިގޮތުން، ދިވެހި ވަަތަނީ ޚިދުމަތަށް މިހާރު ކުރިމަތިލާފައިވާ ފަރާތްތައް ތަމްރީނަށް ނަގާނީ އެޕްލައިކޮށްފައިވާ ތަރުތީބުން ލިސްޓް ތަރުތީބު ކުރުމަށްފަހު، އެ ތަރުތީބަށް ބަލައިގެންނެވެ. ތަމްރީނުގެ އެއް ބުރު ނިމުމާއެކު ލަސްނުވެ އަނެއް ބުރުގެ ތަމްރީނު ފެށޭނެކަން ވެސް އެ އިދާރާއިން ވަނީ ފާހަގަކުރައްވަފައެވެ.
ދިވެހި ވަތަނީ ހިދުމަތުގެ ތަމްރީނަށް އެޕްލައިކޮށްފައިވާ ކޮންމެ ޒުވާނަކަށްވެސް ތަމްރީނުން ޖާގަ ލިބިފައިވާގޮތާ ގުޅޭގޮތުން މައުލޫމާތު ހިއްސާކުރާނީ ދިފާއީ ވުޒާރާއިންނެވެ. އަދި، ތަމްރީނުގެ ފުރަތަމް ބުރަށް ޝޯޓްލިސްޓު ކުރެވިފައިވާ ފަރާތްތަކާއި، ފުރަތަމަ ބުރުގެ ރިޒާވް ކެެންޑިޑޭޓުންގެ ގޮތުގައި ޝޯޓްލިސްޓު ކުރެވިފައިވާ ފަރާތްތަކަށް ސިލެކްޝަން ޕްރޮސެސްއާގުޅޭ މައުލޫމާތު ވެސް ހިއްސާ ކުރެވިގެން ދާނެއެވެ.