ހުއްދަ ނެތި ހިންގާ އެވިއޭޝަން ސެކިއުރިޓީ ކޯސްތަކުގެ ސެޓްފިކެޓް ބަލައި ނުގަންނާނެ: ދިފާއީ ވުޒާރާ
9 ޖުލައި 2025 - 10:22

ހުއްދަތައް ނުނަގާ ހިންގާ އޭވިއޭޝަން ސެކިއުރިޓީ ކޯސްތައް ބަލައި ނުގަންނާނެ ކަމަށް ދިފާއީ ވުޒާރާއިން ބުނެފިއެވެ.
ޑާސާއިން އާންމުކޮށްފައިވާ އެ ވުޒާރާގެ ސާކިއުލާގައި ބުނީ އޭވިއޭޝަން ސެކިއުރިޓީ ތަމްރީން ޕްރޮގްރާމްތަކާއި ޚިލާފަށް މުވައްޒަފުންނަށް ތަމްރީންތައް ހިންގޭ ކަމުގެ ޝަކުވާތައް ވުޒާރާއާ ހަމައަށް އައިސްފައިވާކަމަށެވެ.

ދިވެހިރާއްޖޭގެ މަދަނީ ވައިގެ ދަތުރުފަތުރުގެ ސިޔާސަތުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން "ނޭޝަނަލް ސިވިލް އޭވިއޭޝަން ސެކިއުރިޓީ ޕްރޮގްރާމް" (NCASP) ގައި ޝާމިލްވާ ފަރާތްތަކަށް ބޭނުންވާ ތަމްރީންތައް ފޯރުކޮށްދިނުމުގެ ސިޔާސަތު ވުޒާރާއިން އެކުލަވާލާފައިވާކަން ފާހަގަކޮށް ދިވެހިރާއްޖޭގައި އޭވިއޭޝަން ސެކިއުރިޓީ ތަމްރީންތައް ފޯރުކޮށްދޭ މަރުކަޒުތަކާއި މުދައްރިބުންނަކީ ވުޒާރާގެ ހުއްދަ ލިބިފައިވާ ފަރާތްތަކެއް ކަމުގައި ވާންވާނެކަމަށް ދިފާއީ ވުޒާރާގެ ސްޓޭޓް މިނިސްޓަރ މުޢާޒް ހަލީމް ސޮއިކުރައްވާ ނެރެފައިވާ ސާކިއުލާގައި ބުނެފައިވެއެވެ.
ވުޒާރާއިން އެކުލަވާލާފައިވާ އޭވިއޭޝަން ސެކިއުރިޓީ ޕޮލިސީގައި ބަޔާންކޮށްފައިވާގޮތަށް ތަމްރީން ފޯރުކޮށްދިނުމުގައި ޝާމިލްވާ ފަރާތްތަކުން ނޭޝަނަލް ސިވިލް އޭވިއޭޝަން ސެކިއުރިޓީ ޕްރޮގްރާމް ގައި ބަޔާންކޮށްފައިވާ ގޮތާއި އެއްގޮތަށް އަމަލުކުރަމުންދާކަން ޔަޤީންކުރުމަށް އެއަރޕޯޓް އޮޕަރޭޓަރުނާި، ލޯކަލް އެއަރކްރާފްޓް އޮޕަރޭޓަރުނާއި ސިވިލް އޭވިއޭޝަން އޮތޯރިޓީއާއި މަތީ ތަޢުލީމާއި، ތަމްރީނު ދޭ މަރުކަޒުތަކަށައި އޭވިއޭޝަން ސެކިއުރިޓީ ތަމްރީނު ދޭ މަރުކަޒުތަކާއި، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ އިތުރުން މޯލްޑިވްސް ޕޮލިސް ސަރވިސްއަށް އެ ވުޒާރާއިން ވަނީ އަންގާފައެވެ.
ދިވެހިރާއްޖޭ މަދަނީ އުދުހުމުގެ ދާއިރާގެ ހިމެނޭ ތަންތަނުގެ ސަލާމަތާއި ރައްކާތެރިކަމުގެ ޤަވާއިދާއި އުސޫލްތައް ހަދާ، ޑިރެކްޓޮރޭޓް އޮފް އޭވިއޭޝަން ސެކިއުރިޓީ އެޑްމިނިސްޓްރޭޝަން (ޑާސާ) އޮންނަނީ، ދިފާއީ ވުޒާރާގެ ދަށުގައެވެ.