ގޯލްޑްކަޕް 2025ގެ ފުރަތަމަ ކޮލިފައިން މުބާރާތް ލާމުއަތޮޅުން ފެށުމަށް ނިންމައިފި
9 ޖުލައި 2025 - 15:26

90 ޕްލަސްއިން އިސްނަގައިގެން ބާއްވާ ގޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ކޮލިފައިން މެޗުތަކުގެ ތެރެއިން އެންމެ ފުރަތަމަ މުބާރާތް ހައްދުންމަތީގައި ބޭއްވުމަށް ނިންމައިފިއެވެ. މި މުބާރާތް އަންނަ އޯގަސްޓް މަހުގެ އެއްވަނަ ދުވަހު ފެށުމަށް ނިންމައި، 90 ޕްލަސްއިން ވަނީ ލ. އަތޮޅު ކައުންސިލާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.
90 ޕްލަސްގެ ކޯ ފައުންޑަރ އަހުމަދު ޝާޒްލީ ވިދާޅުވި ގޮތުގައި، 90 ޕްލަސްގެ ހުށަހެޅުމަށް އެންމެ ފުރަތަމަ އިޖާބަދިނީ ލ. އަތޮޅު ކައުންސިލުންނެވެ.
ލ. އަތޮޅު ކައުންސިލްގެ ރައީސް އިސްމާއިލް އަލީ ވިދާޅުވި ގޮތުގައި، މިހާތަނަށް ކޮލިފައިންގައި ވާދަކުރުމަށް 8 ޓީމަކުން ކުރިމަތިލާފައިވެއެވެ. އޭގެތެރޭގައި ގަމުން ނިކުންނަ ހަތަރު ޓީމު ހިމެނެއެވެ. ނަމަވެސް ކޮންމެ ރަށަކަށްވެސް ލިބޭނީ އެއް ޓީމު ނެރުމުގެ ފުރުސަތެވެ.
މިއަހަރު މާލޭގައި ބާއްވާ ގޯލްޑްކަޕް ފުޓްބޯޅަ މުބާރާތް ކުރިޔަށްދާނީ ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ބައިވެރިވުމާއެކުގައެވެ. މި މުބާރާތް ބާއްވާނީ އެފްއޭއެމްގެ ކަލަންޑަރު ނިކުތީމަ އޮފް ސީޒަނާއި ދިމާކޮށް މުބާރާތުގެ ފައިނަލް ރައުންޑް މާލޭގައެވެ.
90 ޕްލަސް ގޯލްޑްކަޕްގެ މިއަހަރުގެ ކޮންސެޕްޓްގައި އޮތީ ހުރިހާ އަތޮޅެއްގައި ކޮލިފައިން މުބާރާތް ކުޅުމަށްފަހު، ކޮންމެ އަތޮޅެއްގެ ޗެމްޕިއަން ޓީމަށް މާލޭގައި ކުޅޭ ފައިނަލް ބުރުން ފުރުސަތު ދިނުމަށެވެ. މިގޮތުން މިދިޔަ އަހަރު ކުޅުނު ޓީމުތަކުގެ ތެރެއިން ގަދަ 8 ޓީމާއި ސިޓީތަކުގެ ޓީމުތަކާއެކު ޖުމްލަ 28 ޓީމަށް މިއަހަރުގެ ފައިނަލް ބުރުގައި މާލޭގައި ކުޅުމުގެ ފުރުސަތު ލިބިގެންދާނެއެވެ.