ގދ. ތިނަދޫގައި ހިނގި އެކްސިޑެންޓުގައި އަނިޔާވި އަންހެން މީހާ މަރުވެއްޖެ
10 ޖުލައި 2025 - 14:09

ގދ. ތިނަދޫގައި ހިނގި އެކްސިޑެންޓުގައި އަނިޔާވި އަންހެން މީހާ މަރުވެއްޖެ އެވެ.
އެ އެކްސިޑެންޓް ހިނގީ މިދިޔަ އޭޕްރީލް މަހުގެ 27ގަ އެވެ. ކާރަކާއި ސައިކަލެއް ޖެހިގެނެވެ. އަނިޔާވީ ސައިކަލު ދުއްވަން އިން 31 އަހަރުގެ ދިވެހި އަންހެނަކަށެވެ.

Ad by Hajj Corporation
ހަމަ އެ ދުވަހުގެ ރޭ އޭނާ އިތުރު ފަރުވާއަށް މާލެ ގެނެސްފައިވެ އެވެ. އެ އަންހެން މީހާގެ ސިކުނޑީގެ އޮޕަރޭޝަނެއް ކުރުމަށް ފަހު، އިންފެކްޝަން އުފެދިގެން އިތުރަށް މިދިޔަ މޭ މަހު ހާލު ގޯސްވެސްވި އެވެ. އެ އެކްސިޑެންޓާ ގުޅިގެން ކާރު ދުއްވަން އިން މީހާ ފުލުހަށް ހާޒިރުކޮށް ސުވާލުކޮށްފައިވާ ކަމަށް ފުލުހުން ކުރިން ބުނެފައިވެ އެވެ
މިއަދުގެ ވަގުތެއްގައި އެ އަންހެންމީހާ ނިޔާވެފައިވާއިރު، މައްޔިތާގެ މައްޗަށް ކަށުނަމާދު ކުރާނީ މިރޭ އިޝާ ނަމާދަށްފަހު، އާސަހަރާ މިސްކިތުގަ އެވެ.
އެ އެކްސިޑެންޓުވި ކާރު ދުއްވަން އިން މީހާ ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް، ސުވާލުކޮށްފައިވާއިރު، އެ މައްސަލައާ ގުޅޭ އިތުރު ތަފުސީލު ފުލުހުން އަދި ހާމައެއް ނުކުރެ އެވެ.


