ތިނަދޫ ސިޓީ ކައުންސިލުގެ އޮޑިޓުގައި މުސާރައާއި ފައިސާގެ އޮޅުވާލުންތަކާ ގުޅޭ ގިނަ މައްސަލަތަކެއް!

ތިނަދޫ ސިޓީ ކައުންސިލުގެ މެންބަރުން
.jpg&w=3840&q=75)
12 ޖުލައި 2025 - 06:27
ތިނަދޫ ސިޓީ ކައުންސިލުން ކުރި ރަސްމީ ދަތުރުތަކުގެ ރަސީދުތައް ހުށަހަޅާފައިނުވުން ފަދަ ފައިސާގެ މުޢާމަލާތްތަކާ ގުޅޭ ގިނަ މައްސަލަތަކެއް، އޮޑިޓާ ޖެނެރަލްގެ އޮފީހުން ކުރި އޮޑިޓު ރިޕޯޓުގައި ފާހަގަކޮށްފިއެވެ.
ތިނަދޫ ސިޓީ ކައުންސިލުން 2023 ވަނަ އަހަރު ފާސްކުރި ބަޖެޓާ ގުޅޭ ކޮމްޕްލަޔަންސް އޮޑިޓު ރިޕޯޓެއް އޮޑިޓާ ޖެނެރަލްގެ އޮފީހުން ވަނީ ނެރެފައެވެ. އެ އޮޑިޓު ރިޕޯޓުގައި އެ ކައުންސިލަށް ލިބެންޖެހޭ ފައިސާގެ މުޢާމަލާތްތަކާ ގުޅޭ ގިނަ މައްސަލަތަކެއް ފާހަގަކޮށްފައިވެއެވެ.
އެގޮތުން ދައުލަތުގެ މާލިއްޔަތު ޤަވާއިދާ އެއްގޮތަށް ލިބެންޖެހޭ ފައިސާގެ ރަޖިސްޓްރީގައި ހިމަނާފައިވާ ޢަދަދު ސައްޚަ ނުވުމާއި، ލިބެންޖެހޭ ފައިސާ ހޯދުމަށް ޤަވާއިދުގައި ބަޔާންކޮށްފައިވާ ފިޔަވަޅުތައް އަޅާފައިނުވާކަން އެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. އެގޮތުން 31 ޑިސެމްބަރު 2023ގެ ނިޔަލަށް އެ ކައުންސިލަށް 7.07 މިލިއަން ރުފިޔާ ލިބެން ޖެހޭނެ ކަމަށް އެ ކައުންސިލުގެ ފައިސާގެ ރަޖިސްޓްރީން ދެއްކި ނަމަވެސް، ތިނަދޫ ސިޓީ ކައުންސިލުން އޮޑިޓަށް ދިން ރަޖިސްޓްރީގެ ބިލުތަކުން ދައްކާ ގޮތުން، 2023 ވަނަ އަހަރުގެ ނިޔަލަށް ކައުންސިލަށް ލިބިފައިވަނީ 3.06 މިލިއަން ރުފިޔާއެވެ.
ތިނަދޫ ސިޓީއަކަށް ބަދަލުވުމާ ގުޅިގެން، އެ ސިޓީގެ ކައުންސިލަރުން އަލުން ހުވާކުރެއްވި ދުވަހު ފޮޓޯއަކަށް ހުއްޓިގެން -- ފޮޓޯ: ތިނަދޫ ސިޓީ ކައުންސިލް
އެހެންކަމުން އެ އަދަދަކީ ކައުންސިލަށް ލިބެންޖެހޭ ކަމަށް ސައްޚަ ރަޖިސްޓްރީން ދައްކާ އަދަދަށް ވުރެ ގާތްގަޑަކަށް 2.23 މިލިއަން ރުފިޔާ މަދު އަދަދެއްކަން އެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
އެކި ފަރާތްތަކުން އެ ކައުންސިލަށް ދޭން ޖެހޭ ފައިސާގެ ގޮތުގައި ރަޖިސްޓްރީގައި ހިމަނާފައިވާ ޢަދަދުތައް ހިސާބުކޮށްފައިވާ ގޮތުގެ ތަފްސީލު ހުސްވި އަހަރުގެ ޖުލައި މަހުގެ ނިޔަލަށް ވެސް އޮޑިޓަށް ހުށަހަޅާފައިނުވާކަމަށް ވެސް އެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވ.
މީގެ އިތުރުން، ތިނަދޫ ސިޓީ ކައުންސިލުން ކޮށްފައިވާ ރަސްމީ ދަތުރުތަކާއި ގުޅޭ ބައެއް ބިލުތަކާއި، އެ ދަތުރުތަކުގެ ރިޕޯޓު ވެސް ހުށަހަޅާފައިނުވާ ކަމަށާއި، އެ އަހަރު އެ ކައުންސިލުން ކުރި ބައެއް ދަތުރުތަކުގައި މާލިއްޔަތު ޤަވާއިދާއި އަދި ފިނޭންސް މިނިސްޓްރީން ކަނޑައަޅާފައިވާ އުސޫލުތަކާ ޚިލާފަށް ދަތުރު އެލަވެންސް ދީފައިވާ ކަމަށް ވެސް އެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
އެގޮތުން ކައުންސިލުތަކުން ލޯކަލް ޓޫރިޒަމް ޤާއިމްކުރެވިފައިވާ ރަށްތަކަށް ކުރާ ދަތުރުތަކުގައި ދުވާލެއްގެ މައްޗަށް ހުރުމުގެ ޚަރަދުގެ ގޮތުގައި ދެވޭނީ 500 ރުފިޔާކަމުގައި ހިމަނާފައިވީ ނަމަވެސް، އެ ކައުންސިލުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީން ކ. އަތޮޅަށް ކުރި ތަޖުރިބާ ދަތުރުގައި ދުވާލެއްގެ މައްޗަށް ހުރުމުގެ ޚަރަދުގެ ގޮތުގައި 700 ރުފިޔާ އަދި އއ. އަތޮޅަށް ކުރި ދަތުރުގައި 1،500 ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށް އެ ރިޕޯޓުގައި ބުންޏެވެ.
ތިނަދޫ ސިޓީ
އަދި ދަތުރުތަކަށް ހުރުމުގެ ޚަރަދުތައް ކުރީ ފިނޭންސް މިނިސްޓްރީގެ ހުއްދަ ނުހޯދައިކަމާއި، އެ ދަތުރުތަކަށް އިތުރަށް 49،800އެއްހާ ރުފިޔާ ޚަރަދުކޮށްފައިވުމުގެ އިތުރުން، ކައުންސިލުގެ ދަތުރުތަކާ ގުޅިގެން ކުރި އެހެނިހެން ޚަރަދުތަކަށް ކޮށްފައިވާ ފައިސާގެ ތެރެއިން 59،300 ރުފިޔާގެ ބިލުތަކުގެ ރަސީދުތައް ވެސް ހިމަނާފައިނުވާ ކަން އެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
އަދި ދައުލަތުގެ އާމްދަނީ ފައިސާގެ ގޮތުގައި ބަލައިގަނެފައިވާ ފައިސާގެ ތެރެއިން 175،859 ރުފިޔާ، ޕަބްލިކް ބޭންކް އެކައުންޓަށް ޖަމާކޮށްފައިނުވާ ކަމާއި، ޤަވާއިދާ ޚިލާފަށް ބިޑް ކޮމެޓީ އާއި ބިޑް އިވެލުއޭޝަން ކޮމެޓީގެ މެންބަރުންނަށް އެލަވެންސްގެ ގޮތުގައި 148،750 ރުފިޔާ ދީފައިވާކަމަށް ވެސް އެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
އޭގެ އިތުރުން، ކައުންސިލުގެ ހަތަރުވަނަ ދައުރުގެ މެންބަރުންނަށް، ސިޓީ ކައުންސިލަކަށް ބަދަލުވުމުގެ ކުރިން ، ސިޓީ ކައުންސިލު މެންބަރުންގެ މުސާރައިގެ ރޭޓުގައި 118،210 ރުފިޔާ ދީފައިވާކަން ވެސް އެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. އެ ފައިސާގެ ތެރެއިން މިވަގުތާ ހަމައަށް 3 މެންބަރަކު، އެމީހުންނަށް އިތުރަށް ދީފައިވާ ފައިސާގެ އަދަދު އަނބުރާ ކައުންސިލަށް ދެއްކި ނަމަަވެސް، އަނެއް ހަތަރު މެންބަރުން ކައުންސިލަށް ދައްކަންޖެހޭ 70،024 ރުފިޔާ މިހާތަނަށް ވެސް ކައުންސިލަށް ދައްކާފައިނުވާ ކަމަށް އެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
އެހެންކަމުން ދައުލަތުން ގެއްލުނު އެ ފައިސާތައް ހޯދުމަށް އެ ރިޕޯޓުގައި ވަނީ އެދިފައެވެ.
ތިނަދޫ ސިޓީ ކައުންސިލުގެ ފައިސާގެ މުޢާމަލާތްތަކާ ގުޅޭ ގިނަ މައްސަލަތަކެއް ހުރި އޮޑިޓު ރިޕޯޓެއް ޢާންމުކޮށްފައިވާއިރު، އެ ކައުންސިލުގެ ޔަރު ސަޢުދު ޢަލީއާއި ޑެޕިއުޓީ މޭޔަރު ނަޞްރުﷲ ޢަލީ ސަސްޕެންޑްކޮށް ކައުންސިލަރުންނަށް ފިޔަވަޅު އަޅަން ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ)އިން ވަނީ މިދިޔަ މަހު ނިންމާފައެވެ.
އެގޮތުން އޭރު އެލްޖީއޭއިން ބުނި ގޮތުގައި އެ ފިޔަވަޅު އަޅާފައިވަނީ ތިނަދޫ ކައުންސިލާ ގުޅޭގޮތުން ހުށަހެޅިފައިވާ މައްސަލަތަކާ ގުޅިގެން ކުރިއަށް ގެންދިޔަ އިންކްއަރީއަށްފަހުގައެވެ.
އެ މައްސަލައާ ގުޅިގެން ތިނަދޫ ސިޓީ ކައުންސިލުގެ މޭޔަރު ސައުދު ޢަލީ، މުސާރައާއި އިނާޔަތް ނުލިބޭގޮތަށް 3 މަސްދުވަހުގެ މުއްދަތަށް މަގާމުގެ މަސްއޫލިއްޔަތުން ވަގުތީ ގޮތުން އެއްކިބާކުރުމަށް ނިންމިއިރު ޑެޕިއުޓީ މޭޔަރު ނަސްރުﷲ ޢަލީ، މުސާރައާއި އިނާޔަތް ނުލިބޭގޮތަށް އެއް މަސްދުވަހުގެ މުއްދަތަށް މަގާމުގެ މަސްއޫލިއްޔަތުން ވަގުތީ ގޮތުން ވަނީ އެއްކިބާކޮށްފައެވެ.
އެކަމާ ގުޅިގެން އެ ނިންމުން ގޯސްކަމަށް ކަނޑައަޅައިދިނުމަށް މޭޔަރު ސައުދު އަދި ޑެޕިއުޓީ މޭޔަރު ނަސްރު ވަނީ އެ މައްސަލަ ސިވިލް ކޯޓަށް ވެސް ހުށަހަޅާފައެވެ.
އިތުރު ލިޔުންތައް

ގޯތިތަކުގެ ވިނަ ނޮޅާ ސާފުކުރުމަށް ތިނަދޫ ކައުންސިލުން ދިނީ 7 ދުވަސް
10 މަސް ކުރިން
ތިނަދޫ ކޯލްޑް ސްޓޯރޭޖް އަންނަ އަހަރަށް ނިންމަނީ
10 މަސް ކުރިން.png&w=3840&q=75)
ތިނަދޫ ސިޓީގެ މައްސަލަ ކޯޓަށް ހުށަހެޅި ރާގިބް، ނައިބު ވަޒީރުކަމުން ވަކިކުރައްވައިފި
8 މަސް ކުރިން