މީޑިޔާ ކައުންސިލްގެ ފަނޑިޔާރުންގެ ޕޫލަށް ނަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި
13 ޖުލައި 2025 - 11:31

"12 ވަނަ ނޫސްވެރިކަމުގެ އިނާމު" ގެ ފަނޑިޔާރުންގެ ޕޫލަށް ނަން ހުށަހެޅުމުގެ ފުރުޞަތު މޯލްޑިވްސް މީޑިޔާ ކައުންސިލުން ހުޅުވާލައިފިއެވެ.
މީޑިއާ ނުވަތަ ޖާރނަލިޒަމް ނުވަތަ ސޯޝަލް ސައިންސްގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުން ދަށްވެގެން ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، ސަރުކާރުގައި، ނުވަތަ ޕަބްލިކް ނުވަތަ ޕްރައިވެޓް ސެކްޓަރގައި، ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމްޢިއްޔާ ނުވަތަ ޖަމާޢަތެއްގައި މަދުވެގެން 3 އަހަރުދުވަހު މަސައްކަތްކޮށް، ފަނޑިޔާރުކަމުގެ މަޤާމަށް ކަނޑައަޅާފައިވާ މަޤާމުގެ މަސައްކަތާގުޅޭ ތަޖުރިބާ ލިބިފައިވާ އެންމެހާ ފަރާތްތަކަށް މި ޕޫލުގައި ބައިވެރިވުމަށް އެދި ހުށަހެޅޭނެކަމަށް މީޑިޔާ ކައުންސިލުން ކޮށްފައިވާ އިޢުލާނެއްގައި ބުނެފައިވެއެވެ.

Ad by Hajj Corporation
12 ވަނަ ނޫސްވެރިކަމުގެ އިނާމުގެ އެވޯޑަށް ކުރިމަތިލާ ފަރާތްތަކުގެ އެޕްލިކޭޝަންތައް އިވެލުއޭޓްކުރުމާއި، ފަނޑިޔާރުން މާކުސް ދެއްވުމުގައި ނަޒާހާތްތެރިކަމާއި ތެދުވެރިކަމާއި، ހަމަހަމަކަމާއި އެކު ހަޤީގަތާއި އެއްގޮތައް އިންސާފުވެރިކަމާއި އެކު މިންކުރުމާއި، އިނާމަށް އެދި ހުށަހަޅާފައިވާ ފޯމުތަކާއި ލިއުންތައް ކައުންސިލުން ކަނޑައަޅާ މުއްދަތެއްގެ ތެރޭގައި ނިންމުމާއި، އިނާމަށް ހުށަހެޅި ފަރާތްތަކުގެ ހުށަހެޅުންތައް އިވެލުއޭޓްކޮށް ނިމޭތާ 10 ދުވަސް ތެރޭގައި "ފަނޑިޔާރުންގެ ރިޕޯޓް" ކައުންސިލަށް ހުށަހެޅުމަކީ ފަނޑިޔާރުންގެ ޒިންމާއާއި މަސްޢޫލިއްޔަތުގެ ގޮތުގައި އިޢުލާނުގައި ވަނީ ހިމަނާފައެވެ.
ފަނޑިޔާރުންގެ ޕޫލުގައި ހިމެނުމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅަންޖެހެނީ (21 ޖުލައި 2025) ވާ ހޯމަ ދުވަހުގެ (13:00) ގެ ކުރިން، އިއުލާނާއެކު އާންމުކޮށްފައިވާ އޮންލައިން ފޯމު https://bit.ly/3XfLI2t މެދުވެރިކޮށެވެ.