logo
E-Platinum
ޚަބަރު

އެސްޑީއެފް މެނޭޖުކުރުމުގައި ކުރީ ސަރުކާރުތަކުގެ ބޮޑެތި އިހުމާލުތަކެއް

އާމިނަތު ޝަފާ
14 ޖުލައި 2025 - 05:22
ފިނޭންސް މިނިސްޓްރީ// ފޮޓޯ؛ މިހާރު
ފިނޭންސް މިނިސްޓްރީ// ފޮޓޯ؛ މިހާރު

ދައުލަތުގެ ބޭރުގެ ދަރަނި އަނބުރާ ދެއްކުމުގެ ގާބިލުކަމާއި ޔަގީންކަން ދެމެހެއްޓުމާއި ދަރަނި އަދާކުރުމަށް ބޭނުންވާ ބޭރު ފައިސާ ޖަމާކޮށް ބެލެހެއްޓުމަށް އުފައްދާފައިވާ ސޮވްރިން ޑިވެލޮޕްމަންޓް ފަންޑު މެނޭޖުކޮށް ބެލެހެއްޓުމުގައި ފާއިތުވި 2 ދައުރުވެސް އިހުމާލުވެފައިވާކަމަށް އޮޑިޓާ ޖެނެރަލް އޮފީހުން ބުނެފިއެވެ.

އޮޑިޓް އޮފީހުން ބުނީ މިފަދަ ފަންޑެއް ގާއިމުކޮށް މެނޭޖުކުރުމާ ގުޅޭ އުސޫލުތައް ހިމެނޭ ގާނޫނީ އޮނިގަނޑެއް މިވަގުތު ރާއްޖޭގައި ނެތްކަމަށެވެ. މީގެ އިތުރުން ފަންޑު ހިންގާނެ ގޮތުގެ އުސޫލުތައް ސާފުކޮށް ބަޔާންކުރެވިފައި ނެތުމާއި، އެ ފަންޑުގެ ރިސްކް މެނޭޖުކުރާނެ ގޮތުގެ އޮނިގަނޑެއް ނެތުމާއި، އިންވެސްޓުކުރުމުގައި ގެންގުޅޭނެ ސިޔާސަތުތައް އެކަށައަޅާފައިނުވުމަކީ ފަންޑު މެނޭޖުކުރުމުގައި ޖަވާބުދާރީވުން ނެތި އެ ފަންޑުގެ ފައިސާ މެނޭޖުކުރުން ބަލިކަށިވި ސަބަބެއްކަމަށެވެ.

ނަމަވެސް 2023 ވަނަ އަހަރުގެ މާޗުމަހުގެ ވަނަ ދުވަހު މާލިއްޔަތު ގާނޫނަށް ގެނެވުނު 7 ވަނަ އިސްލާހާއެކު އެސްޑީއެފްއަށް ގާނޫނީ ހައިސިއްޔަތު ލިބި، އެ އިސްލާހުގެ ދަށުން މާލިއްޔަތު ގަވާއިދުގައި ފުރަތަމަ ފަހަރަށް އެ ފަންޑާ ގުޅިގެން ފިނޭންސް މިނިސްޓްރީން އުފުލަންޖެހޭ ޒިންމާތައް ބަޔާންކުރެވި، އިންވެސްޓުކުރުމާ ގުޅޭ ސިޔާސަތުތައް އެކުލެވޭ ކަރުދާހެއް "އިންވެސްޓެމެންޓު ޕޮލިސީ ސްޓޭޓްމެންޓު"ގެ ނަމުގައި 2023 ވަނަ އަހަރުގެ ސެޕްޓެންބަރު މަަހު އެކުލަވައިލެވުނުކަން ވަނީ ފާހަގަކޮށްފައެވެ.

އިންވެސްޓުކުރުމާ ގުޅޭ އުސޫލު އެކުލެވޭ ކަރުދާހެއް 21 ސެޕްޓެންބަރު 2023 ގައި އެއިރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ބަލައިގެންނެވި ނަމަވެސް އެ ކަރުދާސް އާއްމުކޮށްފައިނުވާކަމަށް އޮޑިޓާ ޖެނެރަލް އޮފީހުން މައުލޫމާތުދެއެވެ.

އޮޑިޓް އޮފީހުން ބުނީ 31 ޑިސެންބަރު 2023 ވަނަ ދުވަހާ ހަމައަށް އެސްޑީއެފްގެ ފައިސާގެ 88 އިންސައްތަ އިންވެސްޓުކޮށްފައިވަނީ ސަރުކާރުގެ ސެކިއުރިޓީސްއަށްކަމަށާއިސަރުކާރުގެ ޑޮލަރު ޓްރެޝަރީ ބޮންޑުތަކަށް އެސްޑީއެފުން 138.74 މިލިއަން ޑޮލަރު އަދި ދިވެހި ރުފިޔާ ބޮންޑުތަކަށް 4.4 ބިލިއަން ރުފިޔާަ އިންވެސްޓުކޮށްފައިވާކަމަށެވެ.  

މި އަހަރާއި އަންނަ އަހަރަކީ ބޮޑެތި އަދަދުތަކުން ދަރަނި އަދާކުރަންޖެހޭ ދެ އަހަރަށްވާއިރު ސަރުކާރުގެ ސެކިއުރިޓީސްއަށް އެސްޑީއެފުގެ ފައިސާއިން އިންވެސްޓުކޮށްފައި ހުރުމަކީ ދަރަނި އަދާކުރަންޖެހޭ މުއްދަތުގައި އެ ފަންޑުގެ ބޭނުން ހިފުމަށް ހުރަސްއެޅޭނެކަމެއްކަމަށް އޮޑިޓް އޮފީހުން ވަނީ ފާހަގަކޮށްފައެވެ.

އެސްޑީއެފުން އެޗްޑީސީއަށް 206،137،231 (ދުއިސަައްތަ ހަމިލިއަން އެއްލައްކަ ތިރީސް ހަތްހާސް ދުއިސައްތަ އެއްތިރީސް) ރުފިޔާގެ ލޯނެއްދީފައިވާއިރު ލޯނުގެ އަސާސީ އަދަދު ދެއްކުން 2030 ވަނަ އަހަރާ ހަމައަށް ފަސްކޮށްފައިވެއެވެ. 2025 ވަނަ އަހަރާއި 2026 ވަނަ އަހަރު އަނބުރާ ދައްކަންޖެހޭ ލޯނުތަކެއް ދެއްކުން އެގޮތަށް ފަސްކުރުމަކީ ދައުލަތުގެ ދަރަނި އަދާކުރުމުގެ އަމާޒު ހާސިލުކުރުމަށް ހުރަސްއެޅޭނެ ކަންކަމުގައި އޮޑިޓު އޮފީހުން ފާހަގަކުރިއެވެ. 

އެސްޑީއެފްގައި 2018 ވަނަ އަހަރު ފަންޑުގެ 94 އިންސައްތަ ހުރީ ޑޮލަރުން ނަމަވެސް 2019 ވަނަ އަހަރު އެ އަދަދު 30 އިންސައްތަ އަށް އަދި 2020 ގައި 21 އިންސައްތަ އަށް އަދި 2021 ގައި 15 އިންސައްތައަށް ވެއްޓުނުކަން އޮޑިޓު ރިޕޯޓުން ވަނީ ފާހަގަވެފައެވެ. އަދި 2023 ވަނަ އަހަރު ނިމުނުއިރު ފަންޑުގެ ފައިސާއިން ޑޮލަރުން ހުރީ އެންމެ 35 އިންސައްތަކަމަށް ރިޕޯޓުގައިވެއެވެ.

ސޮވްރިން ޑިވެލޮޕްމަންޓް ފަންޑުގެ މަގުސަދުތަކުގެ ތެރޭގައި ދައުލަތުގެ ބޭރުގެ ދަރަނި އަނބުރާ ދެއްކުމުގެ ގާބިލުކަމާއި ޔަގީންކަން ދެމެހެއްޓުމާއި ދަރަނި އަދާކުރުމަށް ބޭނުންވާ ބޭރު ފައިސާ ޖަމާކޮށް ބެލެހެއްޓުމާއި ގައުމަށް ދިމާވާ އިގުތިސާދީ ކާރިސާގެ ހާލަތްތަކުގައި ކޮންމެހެން ބޭނުންވާ މިންވަރަށް ފައިސާ ހަމަޖެއްސުން ހިމެނެ އެވެ.

ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ނިމުނުއިރު އެސްޑީއެފް ފަންޑުގައި 200 މިލިއަން ޑޮލަރާ ގާތްކުރާ ވަރަށް ޑޮލަރު ހުއްޓެވެ. އެކަމަކު ރައީސް ސާލިހު ސަރުކާރު ނިމުނުއިރު ފަންޑުގެ ބޮޑު ބަޔަކީ ރުފިޔާ އެވެ. އެ ފަންޑަށް އެމްޑީޕީ ސަރުކާރުން ބަރާބަކަށް ފައިސާ ޖަމާ ކުރިނަމަ އައު ސަރުކާރު ހަވާލުވީިއިރު ބިލިއަނެއްހާ ޑޮލަރު މި ފަންޑުގައި ހުންނާނެ އެވެ.

ސޮވްރިން ޑިވެލޮޕްމަންޓް ފަންޑަށް ޤާނޫނީ ބާރުވެރިކަން ދިނުމަށް މި ސަރުކާރުންވަނީ ސޮވްރިން ޑިވެލޮޕްމަންޓް ފަންޑުގެ ބިލުވެސް މަޖިލީހަށް ހުށަހަޅާފައެވެ.

 

Regional Airports
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކަސްޓަމްސްއަށް ލިބެންޖެހޭ 477 މިލިއަން ރުފިޔާ ނުލިބި އޮތްކަން އޮޑިޓް ރިޕޯޓުން ދައްކައިފިޚަބަރު | 13 ދުވަސް ކުރިންމިއަހަރުގެ މިހާތަނަށް ލައްކައަކަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފި ޚަބަރު | 14 ދުވަސް ކުރިންއެސްޑީއެފް މެނޭޖުކުރުމުގައި ކުރީ ސަރުކާރުތަކުގެ ބޮޑެތި އިހުމާލުތަކެއްޚަބަރު | 17 ދުވަސް ކުރިންއާމްދަނީ ބޮޑުތަނުން އިތުރުވެ 18.6 ބިލިއަން ރުފިޔާއަށްޚަބަރު | 20 ދުވަސް ކުރިން