އަންނަ ހަފުތާގައި 4،000 ފްލެޓުގެ އެއްބަސްވުންތަކުގައި ސޮއިކުރަން ފަށަނީ
.jpg&w=96&q=75)
14 ޖުލައި 2025 - 16:34
.webp&w=1920&q=75)
އަންނަ ހަފުތާގައި 4،000 ފްލެޓުގެ އެއްބަސްވުންތަކުގައި ސޮއިކުރަން ފެށުމަށް މަސައްކަތްކުރައްވަމުން އަންނަ ކަމަށް ގެދޮރުވެރިކަމާއި އިމާރަތްކުރުމާއި ބިނާރާ ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.
ވަޒީރު އެފަދައިން ވިދާޅުވީ މިހާރު ކުރިޔަށްދާ ހަވަނަ "އަހާ ފޯރަމުގައި" ގެދޮރުވެރިޔާ ފްލެޓްތަކުގެ އެއްބަސްވުންތަކާ ގުޅޭ ގޮތުން ޢާންމު މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
އެގޮތުން ވަޒީރު ވިދާޅުވީ، މިހާރު އާންމުން ވެރިފައިކުރުމުގެ މަސައްކަތްކުރަނީ ނިމިފައި ހުރި ޓަވަރުތަކަށް އިސްކަންދީގެން ކަމަށާއި، އެ ލިސްޓުތައް މިހާރު ފައިނަލް ވެސް ކުރެވިފައިވާކަމަށެވެ. އެހެން ނަމަވެސް މި ވަގުތުކުރިޔަށްގެންދަނީ އެއްބަސްވުންތައް ހެދުމަށްޓަކައި ބޭނުންވާ އިދާރީ ބައެއް މަސައްކަތްތައް ކަމަށާއި، އެގޮތުން އެޓާނީ ޖެނެރަލްގެ އޮފީހަށް ފޮނުވައިގެން އެ އެއްބަސްވުންތައް ފައިނަލް ކުރުމުގެ މަސައްކަތް މިހާރު ކުރިޔަށްދާ ކަމުގައި ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ 4،000 މީހުންނަށް އެއްބަސްވުންތަކުގައި ސޮއިކުރުމުގެ މަސައްކަތަކީ ވަރަށް ބޮޑު މަސައްކަތެއް ކަމަށާއި، އެ މަސައްކަތްކުރުމަށް ބޭނުންވާ ތަނަކާއި އެތަނަށް ޢާންމުން އެއްވާއިރު އެ މަސައްކަތް ފަސޭހަ ކަމާއެކު ކުރެވޭނެ އިންތިޒާމުތައް ވެސް ހަމަޖައްސަން ޖެހޭ ކަމަށެވެ. އެހެންކަމުން މިހާރު މަސައްކަތްކުރަނީ އެ އިންތިޒާމުތައް ހަމަޖައްސައި، އަންނަ ހަފުތާގެ ތެރޭގައި އެ އެއްބަސްވުންތަކުގައި ސޮއިކުރުމުގެ މަސައްކަތް ފެށުމަށް ކަމަށް ވަޒީރު ވިދާޅުވިއެވެ.
މިހާރު އަޅުގަނޑުމެންނަށް ތަނެއް ކަނޑައެޅި އެތަނުގައި ޓެންޓު ޖެހުމުގެ މަސައްކަތާއި، އަދި އެކަމަށް ބޭނުންވާ އިދާރީ އެހެނިހެން މުވައްޒަފުންނާއި އެހެނިހެން ކަންކަންކުރުމުގެ މަސައްކަތް އެފްޑީސީން އެބަ ކުރައްވާ. އެހެންވީމާ ކުރިންވެސް ދަންނަވާލި ގޮތަށް އަޅުގަނޑުމެންނަށް ޖުލައި މަސް ތެރޭގައި އެގްރީމެންޓް ސޮއިކުރުމުގެ މަސައްކަތް ފެށިގެންދާނެ. އެހެން ނަމަވެސް މި ލަސްތަކެއް ވަނީ ވަރަށް ގިނަ ޢާންމު ރައްޔިތުންމަށް ޅިދުމަތެއްގެ ގޮތުގައި ދެވޭ ކަމަކަށް ވާތީވެ ހަމަ އޮފީހަށް ގެނެސްގެން ސޮއިކުރެވޭނެ ކަމަކަށް ވާތީ ނޫންވެ އެއަށްވާން ޖެހޭ ތައްޔާރީތައް ވުމުގެ މަސައްކަތް މިވަގުތު ކުރިޔަށްދޭ، އަޅުގަނޑަށް ވަރަށް ޔަގީންކަން އެބައޮތް އަންނަ ހަފުތާގެ ތެރޭގައި އެގްރީމެންޓުތަކުގައި ސޮއިކުރެވެން ފެށިގެންދާނެ ކަމަށް- ގެދޮރުވެރިކަމާއި އިމާރަތްކުރުމާއި ބިނާރާ ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބު
ގެދޮރުވެރިޔާގެ ފްލެޓް މަޝްރޫއަކީ މިދިޔަ ސަރުކާރުން، އެ ފްލެޓްތަކުގެ ތެރެއިން 4،000 ފްލެޓް ލިބޭ މީހުންގެ ލިސްޓެއް އެކުލާވާލައި ފައިނަލްކުރި ލިސްޓެއް ހިމެނޭ މަޝްރޫއެކެވެ. އެހެން ނަމަވެސް އެ ލިސްޓާ މެދު ޝަކުވާތައް ގިނަވެ، އެ ލިސްޓުގެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބެލިއެވެ. އެ މައްސަލައިގައި އޭސީސީން ހައުސިން މިނިސްޓްރީގައި އެދުނީ، ގެދޮރުވެރިޔާގެ ދަށުން ލިބޭ ފުރަތަމަ ފްލެޓް ލިބޭ 4،000 މީހުންގެ ލިސްޓުތައް ރީއިވެލުއޭޓްކުރުމަށެވެ.
އެއާއެކު އެ ލިސްޓުތައް ރީއިވެލުއޭޓްކޮށް ޢާންމުކުރި ލިސްޓަށް، ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ޢާންމުންނަށް ވުޒާރާގެ ފަރާތުން ދިނެވެ. އެ ފުރުސަތުގައި އެ ލިސްޓަށް 8،000 އަށްވުރެ ގިނަ ޝަކުވާ ލިބިފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ ޕޯޓަލް މެދުވެރިކޮށް ޖުމްލަ ހުށަހެޅި ޖުމްލަ 5،236 ޝަކުވާ އާއި އީމެއިލް މެދުވެރިކޮށް ހުށަހެޅި 2،840 ޝަކުވާގެ އިތުރުން، ސިޓީ މެދުވެރިކޮށް ހުށަހެޅި 526 ޝަކުވާއެވެ.
އެއާއެކު ދާއިމީ ލިސްޓު މި މަހުގެ ތެރޭގައި ޢާންމުކުރާނެކަން މީގެ ކުރިން ވަޒީރު މުއްތަލިބު ފާހަގަކުރެއްވިއެވެ.