އެހީ ބަހާ މަރުކަޒު ކައިރީގައި ހިނގި ތޮއްޖެހުމުގެ ހާދިސާއެއްގައި 21 މީހުން މަރުވެއްޖެ
16 ޖުލައި 2025 - 12:39

ދެކުނު ޣައްޒާގައި ހުރި ޖީއެޗްއެފް އެހީ ބަހާ މަރުކަޒުކައިރީގައި ހިނގި ހާދިސާއެއްގައި 21 މީހަކު ޝަހީދުވެއްޖެއެވެ. މީގެ ތެރެއިން ގިނަ މީހުން ޝަހީދުވެފައިވަނީ ތޮއްޖެހުމުގެ ސަބަބުން ކަމަށް ރިޕޯޓުކޮށްފައިވެއެވެ.
ޖީއެޗްއެފްއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ތޮއްޖެހުމުގެ ހާދިސާގައި 19 މީހުން ޝަހީދުވެފައިވާއިރު ވަޅިން ހަމަލާދީގެންވެސް ބަޔަކު ޝަހީދުވެފައިވާކަމަށެވެ. އެމެރިކާއާއި އިސްރާއީލަށް ވާގިވެރިވާ އެ ޖަމިއްޔާއިން ބުނެފައިވަނީ މި ހާދިސާ ހިނގީ ހަމާސްގެ މުޖާހިދުން އެ ސަރަހައްދުގައި ތިބުމުގެ ސަބަބުންކަމަށެވެ. އަދި އެޖަމާއަތުން ވަނީ ހަމާސްގެ މުޖާހިދުންނާއި ފަކަސްތީނުގެ ރައްޔިތުން އެޖަމާއަތަށް ބިރުދެއްކި ކަމަށް ތުހުމަތުކޮށްފައެވެ.
ނަމަވެސް މިއީ އެއްެވެސް ހެއްކެތް ދެއްކުމަކާ ނުލައި އެ ޖަމާއަތުން ބުނާ ވާހަކައެކެވެ.
ޣައްޒާގެ ސިއްޙީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ގިނަ ބަޔަކު ޝަހީދުވީ އެހީ ހޯދަން ދިޔަ މީހުންގެ ތެރެއަށް ކަރުނަގޭސް ޖެހުމުގެ ސަބަބުން ނޭވާ ހާސަވެގެންކަމަށެވެ.
ޣައްޒާ ޢުދުވާން ނިމުމަކަށް ގެނައުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުން ގޮވައިލަމުންދާ ގޮވައިލުމަށް ބީރު ކަންފަތެއް ދިނުމަށް ފަހު ހިންގަމުންދާ ޤަތުލުޢާންމުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު 58,000އަށް އުފުލިފައިވާ ކަމުގައި ޣައްޒާގެ ޞިއްޙީ ދާއިރާގެ މަޞްދަރުތަކުން ހާމަކުރިއެވެ. ނަމަވެސް، ޣައްޒާގެ މީޑިޔާ އޮފީހުން ބުނީ، ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު 61,700އަށްވުރެ އިތުރުވާނެ ކަމުގައެވެ. އޭގެ ތެރޭގައި ގިނައީ ކުށެއް ނެތް ޢާންމުންނާއި މައުސޫމު ކުޑަކުދިންނެވެ.