ދިއްދޫ ކަފް: ޑިފެންޑިން ޗެންޕިއަން ރިއަލް ޓީ ފަސޭހަކަމާއެކު ބީއެކްސްގެ މައްޗަށް ކުރިހޯދައިފި
18 ޖުލައި 2025 - 05:55

ފޯރިގަދަ ރަސްމިއްޔާތަކަށްފަހު ހ.އ ދިއްދޫ ކައުންސިލުގެ ފުޓްބޯޅަ މުބާރަތް ރޭގައި ފަށައިފިއެވެ. ރޭގައި ދިއްދޫ ފުޓުބޯޅަ ދަނޑުގައި ކުޅެވުނު މިމުބާރާތުގެ ޝަރަފުވެރި މެހެމާނަކީ ހ.އ އަތޮޅު ކައުންސިލުގެ ރައީސް މޫސާ ޝަފީޤުއެވެ.
މިމުބާރާތް ރޭގައި ފެށިގެންދިޔައީ ދިދަނެގުމުގެ ރަސްމިއްޔާތަކުންނެވެ. މިމުބާރާތުގެ މަޤުސަދަކީ ދިއްދޫގައި ކުޅިވަރުގެ ރޫޙު އާލަކޮށް ދިރުވައި، ހާއްސަކޮށް ޒުވާނުންނަށް ކުޅިވަރުގައި ފަހިފުރުސަތުތަކެއް ހޯދައިދިނުންކަމުގައި ކައުންސިލުން ވަނީ ބުނެފައެވެ. މިއަހަރުގެ މިމުބާރާތުގައި ޖުމްލަ 7 ޓީމަކުން ވަނީ ބައިވެރިވެފައެވެ.
މުބާރާތް ހުޅުވުމުގެ ގޮތުން ރޭގައި ބައްދަލުކޮށްފައިވަނީ އެންމެ ފަހުގެ ދެ އަހަރުގެ ޗެންޕިއަން ރިއަލް ޓީ އާއި ބީއެކްސް ސްޕޯރޓްސް ކުލަބެވެ. މިމެޗު ފެށިގެންދިޔައީވެސް ބީއެކްސް އަށް ލިބުނު ހުސް ފުރުސަތަކުންނެވެ. މެޗުގެ ފުރަތަމަ ގޯލު ޖަހައިދިނީ 15 ވަނަ މިނެޓުގައި ރިއަލްޓީގެ ބޭރުކުޅުންތެރިޔާ ލާރބީއެވެ. އަދި މެޗުގެ 25 ވަނަ މިނެޓުގައި ރިއަލްޓީގެ ބޭރުކުޅުންތެރިޔާ ބޯޑު ވަނީ މެޗުގެ ދެވަނަ ގޯލުޖަހާފައެވެ. އަދި މެޗުގެ 33 ވަނަ މިނެޓުގައި ރިއަލްޓީގެ ބޭރުކުޅުންތެރިޔާ ޖެރީ ވަނީ ހިލޭޖެހުމަކުން ރިއަލްޓީގެ ތިންވަނަ ގޯލުޖަހާފައެވެ.
ރިއަލްޓީގެ 4 ވަނަ ގޯލުޖަހާފައިވަނީ މެޗުގެ 65 ވަނަ މިނެޓުގައި ކެޕްޓަން ސިފައްޓީ އޭރިޔާބޭރުން ޖެހި ރީތިގޯލަކުންނެވެ. އަދި އޭގެ މިނެޓެއްފަހުން މެޗުގެ 5 ވަނަ ގޯލުޖެހީވެސް ފުރަތަމަ ގޯލުޖެހި ލާރބީއެވެ. މެޗުގެ ފަހުގޯލުވެސް ކާމިޔާބުކޮށްދިނީ ރިއަލްޓީގެ ކެޕްޓަން ޝިފައްޓީއެވެ. މެޗު ނިމުނީ 6-0 އިންނެވެ.
މިމުބާރާތުގައި މިއަދު ހަވީރު ޓީނޭޖް އާއި ބްލެކް ޒީނޯ ވާދަކުރާއިރު، މިރޭ ހީވެސްނުވޭ އާއި އައްސޭރި ނިކުންނާނެއެވެ. މިމުބާރާތުގެ ހުރިހާ މެޗެއްވެސް މެންދުރު ޓީވީއިން ލައިވްކުރާނެއެވެ.