ކޮންމެ ފަންތިއެއްގެ ރައްޔިތަކަށް ވެސް ބޯހިޔާވަހިކަމުގެ ފުރުސަތު ހޯދައިދިނުމަކީ އަމާޒެއް: ވަޒީރު
.jpg&w=96&q=75)
19 ޖުލައި 2025 - 06:36

ރާއްޖޭގެ ކޮންމެ ފަންތިއެއްގެ ރައްޔިތަކަށްވެސް ބޯހިޔާވަހިކަމުގެ ފުރުޞަތު ހޯދައިދިނުމަކީ އަމާޒެއް ކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ.
ދ. ކުޑަހުވަދޫގައި އާރްސީސީން ޢިމާރަތްކުރާ ގެދޮރުވެރިކަމުގެ މަޝްރޫއުގެ ބިންގާ އެޅުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، އަަތްފޯރާ ފަށުގައި ގެދޮރުވެރިކަން ލިބޭ ފަދަ މަޝްރޫއެއްގެ ދަށުން، ޕްރައިވެޓް ސެކްޓާގެ ކުންފުންޏަކުން މާލެ އޭރިއާ ނޫން ސަރަޙައްދެއްގައި އެފަދަ މަޝްރޫއެއް ހިންގުމަކީ ލިބޭ ޝަރަފެއް ކަމަށާއި، މާލެ ސަރަހައްދުން ބޭރުގައި ބޯހިޔާވަހިކަން ފުޅާކުރުމަށް ފުރުޞަތުދީ ކޮންމެ ރައްޔިތަކަށް ބޯހިޔާވަހިކަން ފަހިވާނެގޮތް ހެދުމަކީ ސަރުކާރުގެ މުހިންމު ތަސައްވުރެއް ވެސް ކަމަށެވެ.
އަދި ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގައި ޕްރައިވެޓް ސެކްޓާގެ މުހިންމުކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ، ސަރުކާރުގެ ސިޔާސަތަކީ ކޮންމެ ރައްޔިތަކަށް ބޯހިޔާވަހިކަމުގެ ފުރުސަތު ހޯދައިދިނުންކަމަށްވާއިރު، ފުދުންތެރި ފަރާތްތަކާއި އަމިއްލަ ފުއްދުންތެރިކަން ނެތް ފަރާތްތަކަށް ވެސް ޚާއްސަ ގެދޮރުވެރިކަމުގެ ގިނަ މަޝްރޫއު މިހާރު ވެސް ހިންގަމުންދާ ކަމަށެވެ.
އެގޮތުން ސަރުކާރުން ހިންގާ ސޯޝަލް ހައުސިންގެ ތެރެއިން ފުއްދުންތެރިކަން ނެތް ފަރާތްތަކަށް ގެދޮރުވެރިކަން ފޯރުކޮށްދެވޭ ކަމަށާއި، ޢާމްދަނީގެ ތެރެއިން ފުުދުންތެރިކަން ލިބިފައިވާ ފަރާތްތަކަށް ޕްރައިވެޓް ސެކްޓާއާ ގުޅިގެން ކުރިޔަށްގެންދާ ގެދޮރުވެރިކަމުގެ މަޝްރޫޢުތަކުގެ ތެރެއިން ގެދޮރުވެރިކަން ލިބުމުގެ ފުރުސަތު އޮތްކަމަށް ވަޒީރު ވިދާޅުވިއެވެ.
އަދި އެއަށް ވުރެ ބޮޑު ޢާމްދަނީއެއް ލިބޭ ފަރާތްތަކަށް ށް ލަގްޒަރީ ފެންވަރުގައި އަޅައި ޕްރޮޖެކްޓުގެ ތެރެއިން ހައުސިންގ ޔުނިޓުތައް ގަތުމުގެ ފުރުސަތު ވެސް މިހާރު ލިބޭކަން ވަޒީރު ފާހަގަކުރެއްވިއެވެ.
އެގޮތުން ސަރުކާރުން އިއުލާންކޮށްފައިވާ 65،000 ހައުސިން ޔުނިޓަށް އިޝާރަތްކުރައްވަމުން ވަޒީރު ވިދާޅުވީ، ސަރުކާރުން އިއުލާންކޮށްފައިވާ 65،000 ހައުސިން ޔުނިޓްގެ މާނައަކީ ހަމައެކަނި ސޯޝަލް ހައުސިން އެޅުމެއް ނޫންކަމަށާއި، އެފަދަ މަޝްރޫއެއް ހިންގުމަކީ ރާއްޖެ ފަދަ ކުޑަ ދައުލަތަކުން ކުރަންޖެހޭ ބޮޑު ޚަރަދެއް ކަމަށެވެ.
އަދި ރާއްޖޭގައި މީހުން ދިރިއުޅޭ 187 ރަށް އޮންނައިރު 50އަށްވުރެ ގިނަ ރަށުގައި 500 މީހުން ހަމަނުވާއިރު ވެސް، އެފަދަ ކޮންމެ ރަށެއްގައި ސަރުކާރުން ކުރަންޖެހޭ ޚަރަދު އެއީ ދަރަނި ނަގައިގެންނޫނީ ނުކުރެވޭ ވަރުގެ ޚަރަދުތަކެއްކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.