މިނިވަން މުއައްސަސާތަކަށް އަތްބާނައި ދައުލަތް ލޫޓްވާލީ އެމްޑީޕީން، ޕެޗް އަޅަން މިފެށީ އަޅުގަނޑުމެން: މެމްބަރު ހުސެން
19 ޖުލައި 2025 - 09:04

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ މިއަދު މި ސަރުކާރަށް ނިސްބަތްކޮށް ވައްކަމާއި ކޮރަޕްޝަނާއި ނުފޯޒު ފޯރުވާ ވާހަކަ ދެއްކުމުން ރައްޔިތުންގެ ގާތަށް އަންނަނީ ހިނިކަމަށާއި، އެމްޑީޕީން ދިޔައީ މުޅި ދައުލަތް ލޫޓްވާލާފައި ކަމަށް ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ހުސެން ޝަރީފް ވިދާޅުވެއްޖެއެވެ.
މެންދުރު ޓީވީން ގެނެސްދިން ''ޖަވާބު ދާރީ''ގެ ރޭގެ އެޕިސޯޑުގައި ޕްރެޒެންޓަރ އައިމިނަތު ޝަފާ ކުރިމަތިކުރި ސުވާލުތަކަށް ޖަވާބުދެއްވަމުން ދެއްކެވި ވާހަކާގައި ހުސެން ވިދާޅުވީ، ޝަރުޢީ ދާއިރާ އަށް ނުފޯޒު ފޯރުވުމުގެ ސަގާފަތަކީ ވެސް އެމްޑީޕީން މި ޤައުމަށް ތަޢާރަފްކުރި ކަމެއްކަމަށެވެ.

Ad by Hajj Corporation
މިގޮތުން އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި، އެއިރުގެ ރައީސް މުހައްމަދު ނަޝީދުގެ އަމުރަށް ސިފައިން ޢަބުދުﷲ ޤާޟީ ހައްޔަރުކޮށް ޖަލުގޮޅީގައި ބެހެއްޓި ހާދިސާ ހުސެން ވަނީ ހަނދާންކޮށްދީފައެވެ. އަދި އެ ހިސާބުން އެ ސަގާފަތް އުފެދުނުކަމަށާއި، މިފަދަ ހުރިހާ ނުރަނގަޅުކަމެއްގެ ފެށުން އައީ އެމްޑީޕީގެ ކިބައިންކަން ހުސެން ވަނީ ސިފަކޮށްފައެވެ.
ހުސެން ވިދާޅުވިގޮތުގައި، މި ސަރުކާރުގެ މަޤްޞަދަކީ ޝަރުޢީ ދާއިރާއަކީ މިނިވަން، ނުފޫޒުން އެއްކިބާވެފައިވާ ތަނަކަށް ހެދުމެވެ. އެހެންކަމުން އެ މަސައްކަތް ކުރިއަށްދާއިރު، ވަކި ތަންކޮޅެއް ނަގައިގެން އެއީ ނުފޫޒު ފޯރުވުންކަމަށް މާނަ ނުކުރެވޭނެކަމަށާއި، ބަލަން ޖެހޭނީ އެކަމެއްގެ ފަސްފަހަތާއި، އެކަމެއް ކުރި މަޤްޞަދާއި އެއިން ނުކުންނާނެ އާޚިރު ނަތީޖާކަމަށް ހުސެން ވިދާޅުވިއެވެ. އަދި މި ސަރުކާރުން އަޅަމުން އަންނަ ފިޔަވަޅުތަކަކީ ހެޔޮ ނިޔަތުގައި ކަންކަން ރަނގަޅުކުރުމަށް ކުރަމުން އަންނަކަންކަން ވެސް ހުސެން ފާހަގަކުރެއްވިއެވެ.
މެމްބަރު ހުސައިން ޝަރީފް -- .jpg&w=3840&q=75)
ހުސެން ވިދާޅުވިގޮތުގައި އެމްޑީޕީން އަންނަނީ މި ސަރުކާރަށް ވައްކަމާއި ކޮރަޕްޝަނާއި ނުފޫޒު ފޯރުވުމުގެ ތުހުމަތު އެއްވެސް އަސްލެއްނެތް ގޮތުގައި ކުރަމުންނެވެ. ނަމަވެސް އެކަން ކުރީ އެމްޑީޕީގެ ވެރިކަންތަކުގައި އެމީހުންކަމުން އެމްޑީޕީން މިހާރު އެވާހަކަ ދެއްކުމުން ރައްޔިތުންގެ ގާތަށް އަންނަނީ ހިނިކަމަށް ހުސެން ވިދާޅުވިއެވެ.
''އިސްލާހް ކުރަން ފަށާތަނުން ކޮންމެވެސް އަމިއްލަ އެޖެންޑާ އަކަށް، ދައްކާ ވާހަކަ ދިމައެއްނުވޭ، މިއަދު އެމްޑީޕީން އަޑަށް ބާރުލާފައި އަރާ ކޮންމެ މަޖިލީހެއްގައި ވައްކަމާއި، ފަނޑިޔާރުގެއާއި، ގައުމުގެ އިސްތިގުލާލާއި ސިޔާދަތާއި، ހުރިހާ އެއްޗެއްގެ ވާހަކަ ދެއްކީމަ އަޅުގަނޑުމެން ގާތަށް ހިނިއަންނަނީ، ވައްކަމުގެ ވާހަކަ ދައްކާއިރު ވެސް ހީވަނީއަކީ އަދުގެ ސަރުކާރުން މުޅި ދައުލަތް ލޫޓްވާލިކަމަށް ދޭހަވާހެން ވާހަކަ ދައްކަނީ، ވާހަކަ ދައްކާއިރު އަޅުގަނޑުމެންނަށް އިރުއަރާ އޮއްސޭހެން، ދުވާލުހެން އެހެރީ ފެންނަން ކޮށްލާ ހިންގާ ޖަރީމާތައް، އޮޑިޓް ރިޕޯޓްތަކުން ފެންނަންނޫންތޯ އެހެރީ، މިނިވަން މުސަތަގީލް އޮޑިޓަރެކޭ އޮޑިޓްކޮށްފައި އެ ރިޕޯޓް ހިންގަން ތިބީ، ކޮންބަޔެއްތޯ އެއިރު ސަރުކާރު ހިންގަންތިބީ، ކޮންބަޔެއްތޯ މުޅި މިނިވަން މުވައްސަސާތަކަށް އަތްކޮއްޕައިގެން މުޅިދައުލަތު އެއްވެސް މުއައްސަސާއެއް އެސްއޯއީއެއް ނޯންނަވަރަށް ފުނޑާލާފަ އައިސް މިއަދު މި ބުނަނީ އެ މިއަދުގެ ސަރުކާރުންނޭ، އަޅުގަނޑުމެން ޕެޗް އަޅަން މިފެށީ'' ހުސެން ވިދާޅުވެފަވެއެވެ.
ހުސެން ވަނީ އެމްޑީޕީން ކޯޓުތަކަށް އަތް ބާނައި، ފަނޑިޔާރުން ވަކިކޮށް، ހިތުހުރި ގޮތަކަށް ޝަރުޢީ ދާއިރާ އަށް ކަންކޮށްފައިވާކަމަށް ވެސް ވިދާޅުވެފައެވެ.


