ކާވާ ޗެންޕިއަންސް ލީގު: ތާވަލުގެ ފުލަށްގޮސް ސިފައިންނާއި އެޗްޑީސީގެ އަމިއްލަ ބާރު ގެއްލިއްޖެ
20 ޖުލައި 2025 - 08:08

ރާއްޖޭގައި މިހާރު ކުރިއަށްދާ ސެންޓްރަލް އޭޝިއާ ވޮލީބޯލް އެސޯސިއޭޝަން (ކާވާ) މެންސް ޗެމްޕިއަންސް ލީގު 2025 ގައި ދިވެހިރާއްޖޭގެ ދެ ޓީމު ކަމަށްވާ ދިވެހި ސިފައިންގެ ކްލަބް އާއި ކްލަބް އެޗްޑީސީ މިހާތަނަށް ކުޅުނު ހުރިހާ މެޗަކުން ބަލިވެ، ފައިނަލަށް ދިޔުމުގެ އަމިއްލަ ބާރު ގެއްލިއްޖެއެވެ. މި ދެ ޓީމުން ވެސް މިހާތަނަށް ތިންމެޗު ކުޅެފައެވެ.
އެޗްޑީސީ އިން އިއްޔެ ހަވީރު ކުޅުނު މެޗުގައި ޒައިކް ވޮލީބޯލް ކްލަބާ ދެކޮޅަށް ނުކުތް އިރު، އެ މެޗުން ބަލިވެފައިވަނީ ސީދާ ތިން ސެޓުންނެވެ. މި މެޗުގައި ޓީމުގެ ކެޕްޓަން އިސްމާއިލް ސާޖިދު (ކުޑަކާއްޓޭ) ވެސް މެޗުގެ ބޮޑުބައިގައި ފެނިގެން ދިޔައީ ބެންޗުންނެވެ. މެޗުގެ ސެޓުތައް ނިމުނީ 25-11، 25-22 އަދި 25-13 އިންނެވެ.

Ad by Hajj Corporation
ހަމަ އެހެންމެ، ރޭ ކުޅުނު މެޗުގައި ސިފައިންގެ މައްޗަށް ސްރީލަންކާ ޕޯޓްސް އޮތޯރިޓީން ވަނީ 3-1 ސެޓުން މޮޅުވެފައެވެ. ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ސެޓުތައް ނިމުނީ 25-20، 25-23، 20-25 އަދި 25-23 އިންނެވެ.
މި މުބާރާތުގައި މިހާތަނަށް އެޗްޑީސީން ކުޅުނު ދެ މެޗުގައި، ފުރަތަމަ މެޗުން ކިރްގިސްތާންގެ ބަޝިކްއާ ދެކޮޅަށް ކުޅެ ސީދާ ތިން ސެޓުން ބަލިވިއިރު، ދެވަނަ މެޗުގައި ހެލްޕް ނޭޕާލް ސްޕޯޓްސް ކްލަބްއާ ދެކޮޅަށް ކުޅެ 3-1 ސެޓުން ބަލިވެފައިވެއެވެ. އަދި ސިފައިންގެ ފަރާތުން ކުޅުނު ފުރަތަމަ މެޗުގައި ހެލްޕް ނޭޕާލް ސްޕޯޓްސް ކްލަބާ ދެކޮޅަށް ކުޅެ 3-2 ސެޓުން ބަލިވިއިރު، ދެވަނަ މެޗުގައި ޒައިކްއާ ދެކޮޅަށް ކުޅެ ސީދާ ތިން ސެޓުން ބަލިވެފައިވެއެވެ.
މި މުބާރާތުގެ ހަތަރުވަނަ މެޗުގައި އަންނަ ހޯމަ ދުވަހު ހަވީރު ސިފައިން ނުކުންނާނީ ބަޝިކްއާ ދެކޮޅަށެވެ. އަދި އެ ދުވަހުގެ ރޭ އެޗްޑީސީން ނުކުންނާނީ ސްރީލަންކާ ޕޯޓްސް އޮތޯރިޓީއާ ދެކޮޅަށެވެ.