އުއްމީދެއްގައި ހޭދަކުރި 10 އަހަރަަށް ނިމުން؛ ރައީސް އެންގެވީ ތިިއްތި އަށް ވަޒީފާ ހަމަޖެއްސުމަށް
21 ޖުލައި 2025 - 10:12

ޑައުންސިންޑްރޯމް އަކީ ބައްޔެއް ނޫނެވެ. އެއީ ބައްޔެއް ކަމަށް ދެކިގެންވެސް ނުވާނެއެވެ.
ނ.މާފަރު ފިނިރޯޅި ޙަސަން ސިރާޖް (ތިއްތި) އަކީ މުޅި ރަށުގެ ފަޚުރެވެ. އެތައް ބައެއްގެ އުފާވެރިކަމެވެ. ތިއްތިގެ ބައިވެރިވުމެއް ނެތި ރަށުގައި އެއްވެސް އިޖްތިމާޢީ ހަރަކާތެއް ނުހިނގާނެއެވެ. ނުވެސް ހިންގޭނެއެވެ. ކަމެއްގައި ބަޔަކު ބައިވެރި ނުކުރިޔަސް، އަމިއްލަ އިސްނެގުމާއެކު އެކަމެއްގެ ތެރެއަށް ގޮސް ވަންނާނެއެވެ. ތިއްތިގެ އެހީތެރިކަން ދޭނެވެ.

Ad by Hajj Corporation
ރަށުގައި ކުޅިވަރެއް ކުޅުނަސް، މުބާރާތެއް ބޭއްވިޔަސް، ދަރުހެއް ދިނަސް، ކޯހެއް ހިންގިޔަސް، ތިއްތި ނެތި އެކަމެއް ކުރިއަކަށް ނުގެންދެވޭނެ އެވެ.
ތިއްތި
މިއަދާ ހަމައަށްވެސް ތިއްތިގެ އޮތީ އެންމެ ކަންބޮޑުވުމެކެވެ. ވަޒީފާއެއް ހޯދުމަށް ކުރި މަސައްކަތުން އަލިމަގެއް ފެނިފައި ނެތުމެވެ. ރައީސް ޔާމީންގެ ވެރިކަމުގައިވެސް ރައީސް ސޯލިހުގެ ވެރިކަމުގައިވެސް މި މަސައްކަތް އެކި ގޮތްގޮތަށް ކުރެވިފައިވެއެވެ.
ރިޔާސީ އިންތިހާބުގައި ރައީސް ޑރ މުޢިއްޒު މާފަރަށް ކުރެއްވި ދަތުރުގައިވެސް ތިއްތި އެދުނީ މާފަރު ފެނަކަ އޮފީހުން ވަޒީފާއެއް ދިނުމަށެވެ. ޖެހިގެން އައި މަޖިލިސް އިންތިހާބުގައި ސަރުކާރުގެ ޓިކެޓުގައި ވާދަ ކުރެއްވި ހުސްނީ މުބާރިކްގެ އަރިހުންވެސް ތިއްތި އެދުނީ ވަޒީފާ ހަމަޖައްސައިދިނުމަށެވެ.
ތިއްތިގެ މި އެދުމަށް ރައީސް އެ ދުވަހުވެސް ދެއްވީ އުއްމީދެވެ. މެންބަރުގެ ހައިޞިއްޔަތުން ޙުސްނީވެސް ދިނީ ކަށަވަރު ކަމެވެ. ތިއްތިއަށް ވަޒީފާއެއް ދޭނެ ކަމުގެ ޔަޤީންކަމެވެ.
ނ.އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި ރައީސް ޑރ މުޙައްމަދު މުޢިއްޒު މިއަދު އެންމެ ފުރަތަމަ ވަޑައިގަތީ މާފަރަށެވެ. މާފަރުން ފުރާވަޑައިގެންނެވުމަށް ރައީސް ޑރ މުޢިއްޒު، މާފަރު ބަނދަރުގައި ހުންނަވަނިކޮށް ތިއްތިގެ ވަޒީފާއާ ގުޅޭ ހުށަހެޅުން ހުށަހަޅައިފިއެވެ. މި ވާހަކަ ތަފްސީލްކޮށް ރައީސް އަށް ދެންނެވީ ދާއިރާގެ މެމްބަރު ޙުސްނީއެވެ.
ހަމަ އެވަގުތު ފެނަކަ އެމްޑީއަށް އިޝާރާތް ކުރައްވާ ރައީސް ދެންނެވީ ވީ އެންމެ އަވަހަކަށް ތިއްތިގެ ވަޒީފާ ހަމަޖައްސައިދެއްވުމަަށެވެ. އެއްވެސް ކުއްޖަކު ބާކީ ނުކުރާނެ ކަމަށް ރައީސް ވެވަޑައިގެންނެވި ވަޢުދާއެކު މުޅި އާއިލާއަށްވެސް އެ ދެއްވީ އުއްމީދެވެ. މުޅި ރަށަށް އެ ގެނެސްދެއްވީ އުފާވެރިކަމެވެ.
ތިއްތިގެ އާއިލާއާ ރަށުގެ ރައްޔިތުންގެ ޝުކުރު އޮތީ މިކަމުގައި އެހީތެރިވި އެންމެންނަށެވެ. ވަކީން ޚާއްޞަކޮށް ރައީސް ޑރ މުޙައްމަދު މުޢިއްޒަށާއި ދާއިރާގެ މެމްބަރު ޙުސްނީ މުބާރިކަށެވެ.