ހަފްތާއަކަށް ބ. އަތޮޅުގައި އާރްޓީއެލްގެ ހިދުމަތް ހިލޭ ދޭނެ
23 ޖުލައި 2025 - 17:02

މި މަހުގެ 28 ވަނަ ދުވަހުން ފެށިގެން އޮގަސްޓް މަހުގެ 03 ވަނަ ދުވަހުގެ ނިޔަލަށް ބ. އަތޮޅުގައި އަލަށް ފަށާ އާރްޓީއެލްގެ ހިދުމަތުން ހިލޭ ދަތުރު ކުރެވޭނެކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާ އިން ބުނެފިއެވެ.
އެ ވުޒާރާއިން ބުނެފައި ވަނީ އަހުލުވެރި ކުރުމުގެ ދަތުރުތަކަށް ފަހު، 2025 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 04 ވަނަ ދުވަހުން ފެށިގެން، އާރްޓީއެލް ފެރީގެ ދަތުރުތަކަށް އަގު ނަގާނެކަމަށެވެ. ޓިކެޓް ބަލާލައްވަން ބޭނުންވާ ބޭފުޅުންނަށް އޮގަސްޓް މަހުގެ 01 ވަނަ ދުވަހުން ފެށިގެން، އާރްޓީއެލްގެ ވެބްސައިޓާއި މޯބައިލް އެޕް މެދުވެރިކޮށް ފަސޭހަކަމާއެކު ޓިކެޓް ބައްލަވައިގަތުމުގެ އިންތިޒާމް ވަނީ ހަމަޖެހިފަކަން ވެސް އެ ވުޒާރާއިން ވަނީ ފާހަގަކުރައްވާފައެވެ.

Ad by Hajj Corporation
މީގެ އިތުރުން މިޕްރޮޖެކްޓްގެ ދަށުން ޒޯން 2 ގައި ހިމެނޭ ޅ. އިތޮޅު، ނ. އަތޮޅު އަދި ރ. އަތޮޅުގައި މިހާރުވެސް މި ހިދުމަތް ފޯރުކޮށްދެމުންދާއިރު، ބ. އަތޮޅުގައި މި ހިދުމަތް ފެށުމާއެކު، ޒޯން 2 ގެ އަތޮޅުތެރޭގެ ހިދުމަތް ފުރިހަމަވާނެ ކަމަށް އެއިދާއިރާއިން ވަނީ ބުނެފައެވެ. އަދި ކުރިއަށް އޮތް ތަނުގައި ޒޯން 2 ގައި ހިމެނޭ 4 އަތޮޅު ގުޅާލުމުގެ މަސައްކަތް ކުރިއަށްދާނެއެވެ.
ބ. އަތޮޅުގައި މި ހިދުމަތް ފެށުމާއެކު، ރާއްޖޭގެ 11 އަތޮޅެއްގައި އާރްޓީއެލް ފެރީގެ ހިދުމަތް ކުރިއަށްދާނެއެވެ. މިއީ ރާއްޖޭގެ ރަށްތައް ދަތުރުފަތުރުގެ ނިޒާމަކުން ގުޅުވާލުމަށްޓަކައި ސަރުކާރުން ކުރިއަށް ގެންދާ މުހިންމު މަޝްރޫއެކެވެ.
ރާއްޖޭ ޓްރަންސްޕޯޓް ލިންކް (އާރްޓީއެލް) ފެރީގެ ހިދުމަތް ފޯރުކޮށްދިނުމަށް ސަރުކާރުން ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕަނީ (އެމްޓީސީސީ) އާއެވެ. މި މަޝްރޫއުއާއެކު މުޅި ރާއްޖެ 3 ފިޔަވައްސަކަށް ބަހާލައިގެން 6 ޒޯން އަކަށް ރާއްޖޭގެ އަތޮޅުތައް ބަހާލައިގެން ކުރިއަށް ގެންދާ ގައުމީ ދަތުރުފަތުރުގެ މަޝްރޫއެކެވެ. މި މަޝްރޫއުގެ މައިގަނޑު މަގްސަދަކީ ރައްޔިތުންނަށް ލުއިފަސޭހަ ކަމާއެކު ކުޑަ އަގެއްގައި އަރާމުގައި ކަނޑުމަގުން ދަތުރުފަތުރު ކުރެވޭނެގޮތް މަގުފަހި ކުރުމާއި އިގްތިސާދީ އަދި އިޖްއިމާއީ ގޮތުންވެސް ފައިދާހުރި ނިޒާމެއް ގާއިމް ކުރުންކަން އެ އިދާރާއިން ވަނީ ފާހަގަކުރައްވާފައެވެ.