އަންނަ ޖަނަވަރީ މަހު ވެލިދޫގައި ސީ ޕްލޭން ޕްލެޓްފޯމެއް ޤާއިމުކޮށް ޚިދުމަތް ފަށަނީ

23 ޖުލައި 2025 - 18:35

އަންނަ ޖަނަވަރީ މަހު ނ.ވެލިދޫގައި ސީ ޕްލޭން ޕްލެޓްފޯމެއް ޤާއިމުކުރައްވައި ސީޕްލޭންގެ ޚިދުމަތް ފައްޓަވާނޭކަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިރޭ ޢިއުލާން ކުރަށްވައިފިއެވެ.
އެ މަނިކުފާނު މިކަން އިޢުލާންކުރައްވާފައިވަނީ، ނ.އަތޮޅުގެ މީހުން ދިރިއުޅޭ ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އެ އަތޮޅު ވެލިދޫ އަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ވެލިދޫއިން އެމަނިކުފާނަށް ހޫނު މަރުހަބާއެއް ކިޔާފައިވާއިރު، އެރަށުގެ ރައްޔިތުންނާ މުޚާތަބުކުރަށްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އެ އަތޮޅު ވިހަފަރުގައި ވައިގެބަނދަރު ތަރައްޤީކުރުމުގެ މަސައްކަތް ބާރު ދުވެލީގައި ގޮސް ނިންމާލުމަށް ކަނޑައަޅުއްވާފައިވިޔަސް، ވެލިދޫއަށް ޚާއްޞަކޮށްގެން ސީޕްލޭން ޚިދުމަތް ފައްޓަވާނޭކަމަށެވެ.
މީގެ އިތުރުން، ވެލިދޫގައި ސްޓޭޝަންކޮށްފައި އޮންނަ ގޮތަށް، ސީ އެމްބިއުލާންސެއްގެ ޚިދުމަތްވެސް، އަންނަ އަހަރުގެ ޖަނަވަރީ މަހު ފައްޓަވާނޭކަމުގެ އުފާވެެރި ޚަބަރު އެމަނިކުފާނު ދެއްވިއެވެ.
ވެލިދޫގެ ތަރައްޤީއަށްޓަކައި ކުރައްވަމުން ގެންދަވާ އިތުރު މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން ރައީސް ވަނީ، މިއަދު ވެލިދޫގައި ހޮސްޕިޓާ އިމާރާތްކުރުމުގެ މަސައްކަތާއި ކޮމިއުނިޓީ ބޭސްޑް ރިހެބިލިޓޭޝަން ސެންޓަރުގެ މަސައްކަތާއި، އޮޑިދޯނިފަހަރުގެ މަސައްކަތްތަކަށް ޚާއްޞަކޮށް ހިއްކާ ސަރަޙައްދުގެ މަސައްކަތާއި އަދި ވެލިދޫ ޕޮލިސް ސްޓޭޝަންގެ ބިންގާއެޅިގެންގޮސްފައިވާކަން ފާހަގަކުރަށްވާފައެވެ.
މިރޭގެ ޖަލްސާގައި ރައީސް ވަނީ، ބަނދަރުގައި ހުރި ދަތިތައް ތަފްޞީލުކޮށްދެއްވައި ވެލިދޫގެ 600 ރައްޔިތުންގެ ސޮޔާއެކު މިއަދު އެމަނިކުފާނަށް ހުށަހެޅި ޕެޓިޝަނާ ބެހޭގޮތުންވެސް ވާހަކަފުޅުދައްކަވާފައެވެ. އެގޮތުން، އެ ޕެޓިޝަންގައިވާ ކަންކަން، ކަމާބެހޭ ވުޒާރާއިން ފަންނީގޮތުން ދިރާސާކުރެއްވުމަށްފަހު، ރައްޔިތުން އެދޭ ބަދަލުތައް ގެނެސްދެއްވައިގެން ވެލިދޫ ބަނދަރުން ރައްޔިތުންނަށް ހިތްހަމަޖެހުން ހޯދޭނެ މަގުފަހިކޮށްދެއްވުމަށް މަސައްކަތްކުރައްވާނޭކަމުގެ ޔަޤީންކަން އެ މަނިކުފާނު ދެއްވިއެވެ. މި އަހަރުގެ ބަޖެޓުން އެ މަސައްކަތަށް ޖާގަ ހޯދެން ނެތްނަމަ، އަންނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވައިގެން، މަސައްކަތް ކުރިއަށްގެންދަވާނޭކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
ވެލިދޫ އަށް އަންނަ އަހަރަށް އެ މަނިކުފާނު އިޢުލާންކުރެއްވި އިތުރު މަޝްރޫޢުތަކުގެ ތެރޭގައި، ގެދޮރުވެރިކަމުގެ މަޝްރޫޢަކާއި، ސްކޫލަށް ކްލާސްރޫމާއި ވަޞީލަތްތައް އިތުރުކުރުމުގެ މަޝްރޫޢެއް ހިމެނެއެވެ. އަދި ވެލިދޫގައި ފުޓްސަލް ދަނޑަކާއި، އެކި ކަހަލަ ކުޅިވަރު ކުޅޭ ކޯޓެއް ބިނާކުރުމުގެ މަސައްކަތްތައް ކުރިއަށްގެންދިއުމަށް މި އަހަރުގެ ސެޕްޓެމްބަރު މަހު ސޮއިކުރައްވާނޭކަމަށްވެސް އެ މަނިކުފާނު ވިދާޅުވިއެވެ.
ރައްޔިތުންގެ ޙާލަތު ގާތުން ބައްލަވައި ރައްޔިތުން އެދޭ ގޮތަށް ޚިދުމަތްތައް ފުރިހަމަކޮށްދެއްވުމަކީ މި ސަރުކާރުގެ ސިޔާސަތުކަން، މިރޭވެސް، ރައީސް މުޢިއްޒު ވަނީ ތަކުރާރުކުރައްވާފައެވެ.