މިއީ ލާމަރުކަޒީ ނިޒާމާއި ރައްޔިތުންގެ ބާރުވެރިކަން އިތުރުވާނެ ޒަޢާމަތެއް - އާދަމް ޝަރީފް
24 ޖުލައި 2025 - 10:57

ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ޒަޢާމަތުގައި ލާމަރުކަޒީ ނިޒާމާއި ރައްޔިތުން ބާރުވެރިކަން އިތުރުވާނެކަމުގެ ޔަޤީންކަން އެބައޮތް ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ނ. އަތޮޅަށް ކުރެއްވި ދަތުރުފުޅާ ގުޅޭގޮތުން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ. އެމަނިކުފާނުގެ މި ދަތުރުފުޅުގައި ވަޒީރު އާދަމް ޝަރީފް އުމަރު ބައިވެރިވެވަޑައިގެންނެވިއެވެ.
މިއީ، ލާމަރުކަޒީ އުޞޫލުން އިދާރީ ދާއިރާތައް ހިންގުމާއި ރައްޔިތުންނާ ގާތުން، ރައްޔިތުން ބޭނުންވާގޮތަށް ވެރިކަން ކުރެއްވުމަށް ބާރުއަޅުއްވާ މިންވަރު ހާމަވާކަމެއްކަންވެސް ވަޒީރު ފާހަގަކުރެއްވިއެވެ. އަދި ކުރިމަގުގައި ސަރުކާރުން ހިންގާ މަޝްރޫޢުތައް ރާވައި ހިންގުމުގައި ރައްޔިތުންގެ މަޝްވަރާއާއި ޚިޔާލު ހޯދުމުގެ މަފުހޫމަށް އިތުރަށް ސަމާލުވުމަށް އިތުރަށް ހިތްވަރު ލިބިގެންދިޔަ ކަމަށްވެސް ވަޒީރު އާދަމް ޝަރީފު އުމަރު ވިދާޅުވިއެވެ.

Ad by Hajj Corporation
ނ. އަތޮޅަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުރެއްވި ދަތުރުފުޅުގައި އެންމެ ބޮޑަށް ފާހަގަ ކުރެވުނު އެއްކަމަކީ ރައްޔިތުން އެދޭގޮތަށް ސަރުކާރުގެ އެކި މުއައްސަސާތަކުން ރަށްރަށުގައި ހިންގުމަށް ރޭވިފައި ހުރި މަޝްރޫޢުތަކަށް ރައްޔިތުން އެދޭގޮތަށް ބަދަލުގެނެސްދެއްވައި، ރައްޔިތުން ބޭނުންވާގޮތަށް ކަންކަން ތަރުތީބުކޮށް، ރާވައި، ހިންގުމަށް އެމަނިކުފާނު ބާރު އަޅުއްވާ މިންވަރުކަންވެސް ވަޒީރު ފާހަގަ ކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި އެ އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ވަޑައިގެންނެވިއެވެ. އަދި ރަށުގެ ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކާ ބައްދަލުކުރައްވައި ރަށުގެތަރައްގީއަށް ރަށުގެ ރައްޔިތުން ބޭނުންވާ ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރެއްވިއެވެ.