ރިޝްވަތު ދިން ކަމަށް ބުނެ ޔާމީން ހެއްދެވީ ދޮގު، ޤާނޫނީ ފިޔަވަޅު އަޅަން މައުމޫން ވިސްނަވަނީ
16 އޯގަސްޓު 2025 - 06:35

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމުގެ ވެރިކަމުގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ރިޝްވަތު ދެއްވި ކަމަށް ވިދާޅުވެ ޔާމީން ދެއްކެވި ވާހަކަފުޅަކީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ކަމަށާއި، އެވާހަކަތަކާއި ގުޅިގެން ގާނޫނީ ފިޔަވަޅު އަޅަން ވިސްނަވަމުން އަންނަަ ކަމަށް ޔާމީންގެ ބޭބޭފުޅު އަދި ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމްގެ އޮފީހުން ބުނެފިއެވެ.
މައުމޫންގެ އޮފީހުން ނެރުނު ނޫސްބަޔާނެއްގައި ބުނީ މައުމޫން ހައްޔަރު ކުރަން ޖެހުނީ ސުޕްރީމު ކޯޓުގެ ފަނޑިޔާރުންނަށް ރިޝްވަތުދިނުމުން ކަމަށް ވިދާޅުވެ ޔާމީންގެ ފަރާތުން ދެއްކެވި ވާހަކަތަކަކީ މައުމޫންގެ ނަން ކިލަނބު ކޮށްލުމަށް ދެއްކެވި ވާހަކަތަކެއް ކަމަށެވެ.

Ad by Hajj Corporation
އެ ބަޔާނުގައި ބުނީ، 1 ފެބްރުއަރީ 2018 ގައި ސުޕްރީމު ކޯޓުން ނެރުނު އަމުރާއި މައުމޫނާއި އެއްވެސް ގުޅުމެއް ނެތް ކަމަށާއި، ކޯޓުން އަމުރެއް ހޯދުމުގެ ބޭނުމުގައި ނުވަތަ އެފަދަ އެއްވެސް ނިންމުމެއް ނިންމުމުގައި ފަނޑިޔާރުންނަށް ރިޝްވަތު ދިނުމުގެ ހަޑި މުޑުދާރު އެއްވެސް އަމަލެއް މައުމޫނު ދުވަހަކު ވެސް ކުރައްވާފައި ނުވާނެ ކަމަށެވެ.
ރައީސް ޔާމީންގެ ވެރިކަމުގެ ދުވަސްވަރު ކަމުގައިވިޔަސް އަދި އޭގެ ކުރިންކަމުގައިވިޔަސް އަދި އޭގެ ފަހުން ކަމުގައިވިޔަސް، ދިވެހިރާއްޖޭގެ އެއްވެސް ކޯޓެއްގެ އެއްވެސް ފަނޑިޔާރަކަށް އަދި އެނޫންވެސް ދައުލަތުގެ ކަމަކާއި ހަވާލުވެގެންހުރި އެއްވެސް ފަރާތަކަށް ރައީސް މައުމޫންގެ ފަރާތްޕުޅުން ރިޝްވަތުގެ އެއްވެސް ފައިސާއެއް ނުވަތަ އެހެން އެއްޗެއް ދުވަހަކުވެސް ދީފައެއްނުވާނެ ކަމަށް ވެސް ބަޔާނުގައިވެ އެވެ.
އެބަޔާނުގައި ބުނީ ރައީސް މަައުމޫންގެ ފަރާތްފުޅުން ދުވަހަކު ވެސް ރާއްޖޭގެ ގާނޫނުއަސާސީ އާއި ގާނޫނާ ހިލާފު އެއްވެސް އަމަލެއް ދުވަހަކު ވެސް ނުކުރައްވާ ކަމުގެ ޔަގީން ކަން އެ މަނިކުފާނުގެ އޮފީހުން ވަނީ ދިވެހި ރައްޔިތުންނަށް ދީފައެވެ.
ރައީސް މައުމޫންގެ އޮފީހުން އެފަދަ ބަޔާނެއް ނެރުނީ، ރާއްޖޭގެ ނޫހަކަށް ދެއްވި އިންޓަވިއުއެއްގައި ކުރީގެ ރައީސް ޔާމީން، އެމަނިކުފާނުގެ ވެރިކަމުގައި ރައީސް މައުމޫންގެ މައްޗަށް ދައުވާ ކުރި ސަބަބާ ގުޅޭ ގޮތުން ނޫސްވެރިއަކު ކުރެއްވި ސުވާލަކަަށް ދެއްވި ޖަވާބާ ގުޅިގެންނެވެ. އެގޮތުން ރައީސް ޔާމީން ވިދާޅުވި ގޮތުގައި ރައީސް މައުމޫން އަދި އެމަނިކުފާނުގެ ދަރިކަލުން ފާރިސް މައުމޫންގެ މައްޗަށް ދައުވާ ކުރީ، އެކެއް ފެބްރުވަރީ 2018ގައި އޭރުގެ ސުޕްރީމް ކޯޓުން ނެރުނު އަމުރަކާ ގުޅުވައި ފަނޑިޔާރުންނަށް ރިޝްވަތު ދިނުމުން ކަމަށެވެ.
އަދި އެ ފައިސާ ރައީސް މައުމޫން އާއި އެމަނިކުފާނުގެ ދަރިކަލުން ފާރިސް ހޯއްދެވީ ކާށިދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުﷲ ޖާބިރުގެ ފަރާތުން ކަމަށް ރައީސް ޔާމީން ތުހުމަތު ކުރެއްވިއެވެ.