އެމްޑީޕީން ފެނަކައިން އެކަނިވެސް 2.2 ބިލިއަން 'ކައިލި'، އެމްޑީޕީންކިޔާ 'ލޫޓުވައިފި' ބަހުގެ މާނަ ރައްޔިތުންނަށް މިހާރު ސާފުވާނެ: ފަލާހް

26 ސެޕްޓެމްބަރު 2025 - 12:02

ކުރީގެ ސަރުކާރުގައި އެމްޑީޕީން ފެނަކަ ކުންފުނިން އެކަނިވެސް 2.2 ބިލިއަން ރުފިޔާ "ކައިފައި"ވާ ކަމަށާއި، އެމްޑީޕީން "3 އޮކްޓޯބަރ" ބޭއްވުމަށް މިކިޔާ "ލޫޓުވައިފި" ބަހުގެ މާނަ ރައްޔިތުންނަށް މިހާރު ސާފުވާނެ ކަމަށް އިނގުރައިދޫ ދާއިރާގެ މެންބަރު އަދި ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު، އިބްރާހިމް ފަލާހް މިއަދު ވިދާޅުވެއްޖެއެވެ.
ފަލާހް މިކަން ހާމަކުރެއްވީ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. މި ޕޯސްޓްގައި އެމްޑީޕީގައި ހުންނަވާފައި ފަހުން ޑިމޮކްރެޓްސްގައި އުޅުއްވި އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ވަހީދު (ވައްޑޭ) އެއިރުގެ ފެނަކަ އާއި އާރުޑީސީގެ ވައްކަމާއި ކަންކުރަމުން އައިގޮތް ކިޔައިދޭ ވީޑިއޯ ކްލިޕެއް ވަނީ ހިމަނުއްވާފައެވެ.

Ad by Hajj Corporation
ވައްޑޭގެ ވީޑިއޯގައި ފެނަކަ އާއި އާރުޑީސީގައި ހިންގާފައިވާ ބޮޑެތި ވައްކަމުގެ އިތުރުން، ކޮންމެ ކަރަންޓް މީޓަރަކަށް މުވައްޒަފެއް ނަގައި ކުންފުނިތައް ދަރުވާލިކަމަށް ވަނީ ފާހަގަކުރައްވާފައެވެ. މި ވާހަކަތަކަށް އިޝާރާތްކުރައްވައި ފަލާހް ވިދާޅުވީ، އެމްޑީޕީގެ ވެރިކަމުގައި އެދުވަހު މިވަރަށް ވައްޑެމެން މިވާހަކަތައް ދެއްކީމާވެސް އަޅާނުލުމުން ވައްޑެމެންނަށް އެންމެ ފަހުން އެމްޑީޕީ ދޫކޮށް އެހެން ޕާޓީއެއް ހަދަން ޖެހުނީ ކަމަށެވެ.
"މިއަދު އެންމެފަހުން ވައްޑެމެންނަށް މިޖެހުނީ، އެދުވަހު ދެއްކި ވާހަކަތައް ދިފާއުކޮށް އެވެރިން ސަލާމަތްކުރަން 3 އޮކްޓޯބަރގައި ނިކުންނަންވެސް!" ފަލާހް އިތުރަށް ވިދާޅުވިއެވެ.
އެމްޑީޕީގެ ވެރިކަމުގައި ފެނަކައިން އެކަނިވެސް 2.2 ބިލިއަން ރުފިޔާ ވަގަށް ކާލާފައިވާކަން އޮޑިޓް ރިޕޯޓުން ފެންނަން އޮތްކަން ފަލާހް ވަނީ ފާހަގަކުރައްވާފައެވެ.
''ފެނަކައެކަނިންމިއޮތީ 2.2 ބިލިއަންވަގަށްކާލާފަ! އެބުނާ އެމްއެމްޕީއާރުސީގެ ޚިޔާނާތް ސުމަކަށްޖައްސާލީމި ފެނަކަސައީދު އެކަނިވެސް،'' ފަލާހް ވިދާޅުވިއެވެ.
ފަލާހް ވިދާޅުވީ، 2.2 ބިލިއަން ރުފިޔާ ފަދަ ބޮޑު އަދަދަކުން ''ވަގަށް ކާލުމުގައި'' ބައިވެރިވެފައިވާ ލައްކަ ގިނަ ފަރާތްތައް ތިބޭނެ ކަމަށާއި، ރަނގަޅަށް ބަލާލުމުން އެކަން ފެންނާނެ ކަމަށެވެ.
"ވައްޑެ މިކިޔާދޭގޮތުން އާރުޑީސީ ހީވަނީ ސައީދުއަށްވުރެ ކުރީގަހެން އުޅޭނީ އިނގިދާނެތާ! މިހާރު ރައްޔިތުންނަށް ސާފުވާނެ 3 އޮކްޓޯބަރ ގައި މިކިޔާ ލޫޓުވައިފި މިބަހުގެ މާނަ." ފަލާހް ވިދާޅުވިއެވެ.
ފަލާހް އިތުރަށް ވިދާޅުވީ، އެމްޑީޕީން މުޅި ޤައުމު ''ނޮޅާލައިގެން'' ތިބެ، ކުށެއްނެތް ހަލާލު މަސައްކަތުން މުދާ ހޯދާފައި ތިބި ބައެއްގެ ބޮލުގައި ހުރިހާ ކަމެއް އަޅުވާފައި "ބަޗައިގެން" ނުދެވޭނެ ކަމަށެވެ. އަދި އެކަންކުރި އެންމެން އިންސާފުގެ ކުރިމައްޗަށް ގެންނަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.
އެމްޑީޕީއަށް ވެރިކަން ލިބޭ ކޮންމެ ފަހަރަކު އެތައް ސަތޭކަ އަހަރެއް މި ޤައުމު ފަހަތަށް ދުއްވާލައި، ދަރުވާލައި، ބަނގުރޫޓްކޮށްލާ ކަމަށްވެސް ފަލާހް ވަނީ ތުހުމަތުކުރައްވާފައެވެ.