ކަންބޮޑު ނުވޭ، ބަލީގެ ގޮތުން ނާޒުކު ހާލަތެއްގައި ހުރެގެން ނޫންނަމަ ވިސާ ލިބުމަށް ހުރަހެއް ނާންނާނެ :އެމްޑީ ޝަކީލް
20 އޮކްޓޯބަރު 2025 - 06:16

ބޮޑެތި ބަލިތައް ހުންނަ މީހުންނަށް ޙައްޖު ވީޒާ ދޫނުކުރުމަށް ސަޢުދީ ސަރުކާރުން ނިންމާފައިވުމާ ގުޅިގެން އެކަމާ ގުޅިގެން ރައްޔިތުން ކަންބޮޑު ނުވުމަށާއި ބަލީގެ ގޮތުން މާ ނާޒުކު ހާލަތެއްގައި ހުރެގެން ނޫންނަމަ ވިސާ ލިބުމަށް ހުރަހެއް ނާންނާނެކަމަށް ހައްޖު ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ޝަކީލް ވިދާޅުވެއްޖެއެވެ.
ފުރާނައަށް ނުރައްކާވާފަދަ ބޮޑެތި ބަލިތައް ހުންނަ މީހުންނަށް އަންނަ އަހަރު ޙައްޖު ވީޒާ ދޫނުކުރުމަށް ނިންމަވާފައިކަން މިހާރުވަނީ އަންގާފައެވެ. މީގެ ތެރޭގައި ހިތުގެ ބައްޔާއި ކިޑްނީ ބައްޔާއި ނާރުގެ ބަލިތަކާއި ޑިމެންޝާ ނުވަތަ ހަނދާންނެތޭ ބަލި ހުންނަ ފަރާތްތައް ހިމެނޭކަމަށް ސައުދީގެ ޙައްޖު މިނިސްޓްރީން މައުލޫމާތުދީފައިވާކަމަށް ހައްޖު ކޯޕަރޭޝަނުން މައުލޫމާތުދެއެވެ.

Ad by Hajj Corporation
މެންދުރުޓީވީގެ މައުޟޫ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އެމްޑީ ވަނީ ބޮޑެތި ބަލިތައް ހުންނަ މީހުންނަށް ޙައްޖު ވީޒާ ދޫނުކުރުމަށް ސަޢުދީ ސަރުކާރުން ނިންމާފައިވުމާ ގުޅިގެން އެކަމާ ގުޅިގެން ރައްޔިތުން ކަންބޮޑުވުން ފާޅުކުރަމުން އަންނާތީ އެކަމާ ގުޅޭގޮތުން ވާހަކަ ދައްކަވާފައެވެ.
"ބައްޔެއް ހުރިނަމަވެސް ހައްޖަށް ދިއުމަށް ހުރަހެއް ނާންނާނެ. ބަލިގެ ކުޑަ ބޮޑު މިނާއި ބަލީގެ މިހާރުގެ ހާލަތަށް މި ބަލަނީ. ކިޑްނީގެ ބައްޔެއް ހުރުމަކީ އަދި ޑަޔަލިސިސް ހަދާ ހާލަތަށް ދިއުމެއް ނޫން. ކިޑްނީ ފެއިލްވެގެން ޑަޔަލިސިސް ހަދަންޖެހޭނީ. މިކަހަލަ ނުރައްކާ ހާލަތަކަށް ގޮސްގެން ނޫނީ ވިސާ ލިބުމަށް ހުރަހެއް ނާންނާނެ. މިކަމަށް ކެތްތެރިވެލައްވާށޭ އިލްތިމާސް މިކުރަނީ". ހައްޖު ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ޝަކީލް
ސައުދީ ސަރުކާރުން ނިންމަވާ މިފަދަ ނިންމެވުންތަކަކީ ހުރިހާ ޙައްޖުވެރިންގެ ރައްކާތެރިކަމަށް ނިންމަވާ ނިންމެވުންތަކެއްކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން ޙައްޖުވެރިންގެ ރައްކާތެރިކަން އިތުރަށް ކަށަވަރުކުރުމަށްޓަކައި މިހާރު ބޭނުންކުރާ ޓެގަށްވުރެ އެޑްވާންސް ޓެގެއް އަންނަ އަހަރުގެ ޙައްޖު މޫސުމުގައި ބޭނުންކުރުމަށް ތައްޔާރުވަމުން އަންނައިރު ޓެގުތަކުގެ ސެކިއުރިޓީ އިތުރަށް ވަރުގަދަކުރުމަށް ކަމާ ގުޅުންހުރި ފަރާތްތަކާއެކު މަޝްވަރާތައް ކުރެވެމުންދާކަމަށްވެސް އެމްޑީ ޝަކީލް ވިދާޅުވިއެވެ.
"އިރާދަކުރެއްވިޔާ ޑިސެމްބަރު އުމްރާގައި މި ޓެގް ޓެސްޓުކުރުމުގެ މަރުހަލާ ފެށޭނެ. އަދި އޭގެ ފަހުން ރަމަޟާން އުމްރާ ގައި މި ޓެގްތައް ޓެސްޓުކޮށްފައި މިހާރު ބޭނުންކުރާ ޓެގްތަކަށް ވުރެ ރަނގަޅުތޯ ނުވަތަ ކޮންކޮން ކަންކަމެއްތޯ ރަނގަޅުކުރަންވީ މިކަން ވަޒަންކޮށްލަން ލިބޭ ފުރުސަތަކަށް ވެގެންދާނެ". ހައްޖު ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ޝަކީލް
އެމްޑީ ވިދާޅުވީ މިއަހަރުވެސް ކޮންމެ ހައްޖުވެރިއެއްގެ އަތުގައި ޓެގެއް އޮންނާނެކަމަށެވެ.
އަންނަ އަހަރުގެ ހައްޖު މޫސުމަށް ވަމުން އަންނަ ތައްޔާރީތަކުގެ ތެރެއިން މިހާރުވެސް ޙައްޖުވެރިންގެ މެޑިކަލް ހެއްދުމާއި ޕާސްޕޯޓު ނެގުމުގެ މަސައްކަތްތައް ކުރިއަށްދާ ކަމަށްވެސް އެމްޑީ ވިދާޅުވިއެވެ.
މޯލްޑިވްސް ހައްޖު ކޯޕަރޭޝަން މެދުވެރިކޮށް ހައްޖަށްދާ ހައްޖާޖީންގެ ރައްކާތެރިކަމަށް ސްމާޓް ޓެގް ބޭނުންކުރަން ނިންމާ، 800 ސްމާޓް ޓެގް 2023 ވަނަ އަހަރުވެސް ވަނީ ހޯދާފައެވެ.
ސްމާޓް ޓެގަކީ ހައްޖާޖީންގެ އަތްދަބަހުގެ ތެރެއަށްލާފައި ބޭއްވުމަށް ހަވާލުކުރެވޭ އެއްޗެކަށްވާއިރު ހައްޖާޖީން ގެއްލިގެން ހޯދަންޖެހޭ ހާލަތުގައިވެސް ސްމާޓް ޓެގްގެ އެހީގައި ހުރި ތަނެއް ހައްޖު ކޯޕަރޭޝަނަށް ފަސޭހައިން ދެނެގަނެވޭނެއެވެ.
ހައްޖުވެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
1446 ވަނަ އަހަރަ ކީ ރާއްޖޭގެ ތާރީޚުގައިވެސް ޙައްޖުގެ އެންމެހާ ކަންކަން އެންމެ ފުރިހަމައަށް ގެންދެވުނު އަހަރު ކަމަށް ފާހަގަކުރައްވައިއެމްޑީ ޝަކީލް އިތުރަށް ވިދާޅުވީ ކޮންމެ އަހަރަކުވެސް ލިބޭ ޝަކުވާތަކަށް ބަލައި ޚިދުމަތްތައް އިތުރަށް ރަނގަޅުކުރުމަށް މަސައްކަތްކުރަމުންދާ ކަމަށެވެ.


