ބަޖެޓު 2026: ކުޅިވަރަށް 623 މިލިއަން ރުފިޔާ
30 އޮކްޓޯބަރު 2025 - 13:27

2026 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓްގައި ކުރިވަރު ވުޒާރާއަށް 623 މިލިއަން ރުފިޔާ ހިމަނައިފިއެވެ.
ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ހުށަހެޅި ބަޖެޓުގައި ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވުޒާރާއަށް ކަނޑައަޅާފައިވަނީ 623,002,780 (ހަސަތޭކަ ތޭވީސް މިލިއަން ދެހާސް ހަތްސަތޭކަ އަށްޑިހަ) ރުފިޔާއެވެ.
އަންނަ އަހަރުގެ ބަޖެޓުގައި ކުޅިވަރު ވަސީލަތްތައް ގާއިމުކުރުމަށް ބޮޑު ހަރަދެއް ހިނގާނެކަމަށް ލަފާކޮށްފައިވާއިރު ކޯޕަރޭޓް އެފެއާޒް، ޕްރޮޖެކްޓްސް އެންޑް ޕްލޭނިންގއަށް ހިނގާނެ ކަމަށް އަންދާޒާކޮށްފައިވަނީ 477،110،086 (ހަތަރުސަތޭކަ ހަތްދިހަ ހަތް މިލިއަން އެއްލައްކަ ދިހަހާސް އަށްޑިހަ ހަ ރުފިޔާ) އެވެ. ޒުވާނުންނަށް 4،660،619 (ހަތަރު މިލިއަން ހަ ލައްކަ ފަސްދޮޅަސް ހާސް ހަސަތޭކަ ނަވާރަ ރުފިޔާ) އަދި ކުޅިވަރަށް 141،232،075 (ސަތޭކަ ސާޅީސް އެއް މިލިއަން ދެ ލައްކަ ބައްތިރީސް ހާސް ހަތްދިހަ ފަސް ރުފިޔާ) ހިމަނާފައިވެއެވެ.
ޕީއެސްއައިޕީ މަޝްރޫޢުތަކުގެ ތެރެއިން ކުޅިވަރާއި މުނިފޫހިފިލުވުމުގެ މަޝްރޫއުތަކަށް ވަނީ 403,138,601 (ހަތަރުސަތޭކަ ތިން މިލިއަން އެއް ލައްކަ ތިރީސް އަށްހާސް ހަސަތޭކަ އެއް ރުފިޔާ) ހޭދަވާނެ ކަމަށް އަންދާޒާކޮށްފައެވެ.
އަންނަ އަހަރު އެންމެ ބޮޑު ހޭދައެއް ހިނގާނެ ކަމަށް އަންދާޒާކޮށްފައިވާ ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރުތަކަށް 90،320،586 (ނުވަދިހަ މިލިއަން ތިން ލައްކަ ވިހި ހާސް ފަސްސަތޭކަ އަށްޑިހަ ހަ ރުފިޔާ) ހިމަނާފައިވެއެވެ.
ހޭންޑްބޯޅަ ކޯޓުތައް އެޅުމަމަށް 83،855،702 (އަށްޑިހަ ތިން މިލިއަން އަށްލައްކަ ފަންސާސް ފަސްހާސް ހަތްސަތޭކަ ދެ ރުފިޔާ) ހިމަނާފައިވެއެވެ.

Ad by Hajj Corporation
ކުޅިވަރުގެ ދާއިރާއިން ސަރުކާރުން އަންނަނީ ގިނަ މަޝްރޫއުތަކެއް ހިންގަމުންނެވެ. އެގޮތުން ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް ބިނާކުރުމާއި ހޭންޑްބޯޅަ ކޯޓުތައް ތަރައްގީކުރުމާއި ފުޓުބޯޅަ ދަނޑުތައް އެޅުމުގެ މަސައްކަތްތައް މިހާރުވެސް ގިނަ ރަށްރަށުގައި އަންނަނީ ކުރަމުންނެވެ.
ސަރުކާރުން ބުނެފައިވަނީ އަންނަ އަހަރުގެ ބަޖެޓަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ތަރައްގީގެ ތަސައްވަރު ކުލަކޮށްދޭނެ ބިންގަލެއްކަމަށެވެ. ރައްޔިތުންގެ އާންމު ދިރިއުޅުމާ ގުޅިފައިވާ ސިއްހަތު، ތައުލީމު އަދި ހަކަތަ ފަދަ މުހިންމު އަސާސީ ހިދުމަތްތަކަށް ދެމެހެއްޓެނިވި ހައްލުތަކެއް ގެނެސްދޭނެ ފަދަ ގޮތަކަށް އަންނަ އަހަރުގެ ބަޖެޓު ފަރުމާކޮށްފައިވާކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.


