އެޑިޓުކޮށްގެން ދެއްކި ކްލިޕެއްގެ މައްސަލައިގައި ޓްރަމްޕުގެ ފަރާތުން ބީބީސީއަށް ގާނޫނީ އިންޒާރެއް
11 ނޮވެމްބަރު 2025 - 04:38

2021 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ނާކާމިޔާބުވުމުން އެމެރިކާގެ މިހާރުގެ ރައީސް، ޑޮނަލްޑް ޓްރަމްޕަށް ތާއީދުކުރާ މީހުންތަކެއް ޔޫއެސް ކެޕިޓޮލްގައި ހިންގި ހަމަނުޖެހުންތައް ހިންގަން ޓްރަމްޕް ހިތްވަރުދިންކަމަށް ދޭހަވާގޮތަށް އެޑިޓުކޮށްގެން ބީބީސީގެ ޑޮކިއުމެންޓަރީއެއްގައި ދައްކާފައިވާ ކްލިޕެއްގެ މައްސަލައިގައި ޓްރަމްޕުގެ ފަރާތުން އެކުންފުންޏާ ދެކޮޅަށް އެއް ބިލިއަން ޔޫއެސް ޑޮލަރުގެ ދައުވާއެއް ކުރާނެކަމުގެ އިންޒާރުދީފިއެވެ.
ޓްރަމްޕުގެ ގާނޫނީ ޓީމުން ބީބީސީއަށް ފޮނުވި ސިޓީއެއްގައި ވަނީ 2024 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ހަފްތާއަކަށް ވެފައިވަނިކޮށް ނެރުނު ޕެނެރޯމާ ޑޮކިއުމެންޓަރީއެއްގައި ޓްރަމްޕުގެ އަގުވެއްޓޭގޮތަށް ގެނެސްދީފައިވާ ދޮގު މައުލޫމާތުތައް އެ ޑޮކިއުމެންޓަރީން ނެގުމަށް އަންގާފައެވެ. އަދި ހުކުރުދުވަހުގެ ކުރިން އެބައިތައް އުނިނުކޮށްފި ނަމަ އެމެރިކާގެ ފްލޮރިޑާގައި، އެއް ބިލިއަން ޑޮލަރުގެ ދައުވާއެއް އުފުލާނެކަމުގެ އިންޒާރު، މި ސިޓީގައި ދީފައިވެއެވެ.

Ad by Hajj Corporation
އަލް-ޖަޒީރާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، "ޓްރަމްޕް: އަ ސެކަންޑް ޗާންސް؟" ("ޓްރަމްޕް: ދެވަނަ ފުރުސަތެއް؟") ގެ ނަމުގައި ބީބީސީން ގެނެސްދީފައިވާ މި ޑޮކިއުމެންޓަރީގައި ހިމެނިފައިވާ ޓްރަމްޕުގެ ވާހަކަތައް އެޑިޓުކޮށްފައިވާތީ، ޑޮކިއުމެންޓަރީގެ ޕްރޮޑިއުސަރުންނަށް ފާޑުކިޔާ ފޮނުވާފައިވާ އިންޓަރނަލް މެމޯއެއް ލީކުވި ހިސާބުން މި ޑޮކިއުމެންޓަރީ އޮތީ ހޫނުފެނަށް ވެއްޓިފައެވެ.
ބީބީސީގެ ސްޓޭންޑަޑްސް ކޮމިޓީގެ ކުރީގެ އެޑްވައިޒަރ މައިކަލް ޕްރެސްކޮޓް ލިޔެފައިވާ މި މެމޯގައި ވަނީ ޓްރާންސްޖެންޑަރ ކޮމިޓީގެ ކަވަރޭޖް ކުޑަކުރުމުގެ އިތުރުން ބީބީސީގެ އަރަބި ޗެނަލްގައި އިސްރާއީލާ ދެކޮޅަށް މަސައްކަތްކުރަމުންދާ ކަމަށްވެސް ތުހުމަތުކޮށްފައިވެއެވެ.
މި ޑޮކިއުމެންޓަރީން ފެންނަ ގޮތުގައި ޓްރަމްޕު ވަނީ އޭނާ 2021 ވަނަ އަހަރުގެ އިންތިހާބުން ބަލިވުމުނެ އޭނާގެ ސަޕޯޓަރުން ޔޫއެސް ކެޕިޓޮލް ރެއިޑުކުރަން ގޮވާލާ، ވަރުގަދައަށް ހަނގުރާމަކުރަން ގޮވާލާފައެވެ. ނަމަވެސް އަލް-ޖަޒީރާއިން ރިޕޯޓުކޮށްފައިވާގޮތުން މިއީ ޓްރަމްޕުގެ ވާހަކައިގެ އެކި ހިސާބުތަކުން ނަގާފައިވާ ކްލިޕްތަކެއް އެއްކޮށްގެން ހަދާފައިވާ ކްލިޕެކެވެ.
މިމައްސަލަ ފެންމަތިވުމާއެކު ބީބީސީގެ ޑިރެކްޓަރ ޖެނެރަލް ޓިމް ޑޭވީގެ އިތުރުން ހެޑް އޮފް ނިއުސް ޑެބޮރާ ޓަރނެސް ވަނީ އާދީއްތަ ދުވަހު މަގާމުން އިސްތިއުފާދީފައެވެ. އެއާއެކު "ޓްރޫތު ސޯޝަލް"ގައި ކުރެއްވި ޕޯސްޓެއްގައި ޓްރަމްޕުވަނީ ބީބީސީގެ މަތީ ފަންތީގައި ތިއްބެވީ ކޮރަޕްޓު، އަދި ޚިޔާނާތްތެރި ބައެއް ކަމަށް ވިދާޅުވެފައެވެ.
މިކަމާ ގުޅޭގޮތުން، ބީބީސީގެ ޗެއަރ ސަމީރު ޝާހު ވަނީ އެ ކްލިޕުން ހަގީގަތް އޮޅޭކަމަށް އެއްބަސްވެ، ނަމަވެސް އެކުންފުނި ވަކި ކޮޅަކަށް ޖެހޭގޮތަށް ޚަބަރުތައް ގެނެސްދޭކަމަށް އިންކާރުކޮށްފައެވެ.
މީގެ ކުރިންވެސް ޓްރަމްޕަށް ފާޑުކިޔާ މީޑިއާތަކާ ދެކޮޅަށް އެކިކަހަލަ ފިޔަވަޅު އަޅާފައިވާކަން ފާހަގަކުރެވެއެވެ. އެގޮތުން "ދަ ނިއު ޔޯކް ޓައިމްސް" އަދި "ވޯލް ސްޓްރީޓް ޖަރނަލް" އިން ޓްރަމްޕުގެ އަބުރަށް އަރައިގެންފައިވާ ކަމަށް ބުނެ، އެންޕީއާރު އަދި ޕީބީއެސްއަށް ފަންޑުކުރުން ހުއްޓާލުމުގެ އިތުރުން އެސޯސިއޭޓަޑް ޕްރެސް (އޭޕީ)ގެ ނޫސްވެރިން ވައިޓް ހައުސް ޕްރެސް ޕޫލުން ބޭރުކުރުން ފާހަގަކުރެވެއެވެ.


