އަމިއްލަ ދަނޑުގައި ފަހަތުން އަރައި ޗެލްސީ ބަލިވެ ގަދަ ހަތަރަކަށް އެރުމުގެ ފުރުސަތު ގެއްލުވާލައިފި
11 ފެބްރުއަރީ 2026 - 04:34

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ޗެލްސީ އާއި ލީޑްސް ޔުނައިޓެޑް ބައްދަލުކުރި ފޯރިގަދަ މެޗު 2-2 ގެ ނަތީޖާއަކުން އެއްވަރުވެގެން ނިމިއްޖެއެވެ. ޗެލްސީގެ އަމިއްލަ ދަނޑު ކަމަށްވާ ސްޓެމްފަޑް ބްރިޖުގައި ކުޅުނު މި މެޗުގައި ދެ ޓީމުގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، ޗެލްސީން ވަނީ ގިނައިރު ބޯޅަ ހިފަހައްޓައިގެން ކުޅެ ނުރައްކާތެރި ގިނަ ހަމަލާތަކެއް އުފައްދާފައެވެ.
މެޗުގެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީވެސް ޗެލްސީންނެވެ. މެޗުގެ 24 ވަނަ މިނިޓުގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ކޯލް ޕާމާ ދިން ފުރުސަތަކުން ޖޮއާއޯ ޕެޑްރޯއެވެ. ފުރަތަމަ ހާފު ނިމުނީ 1-0 އިން ޗެލްސީ ކުރީގައި އޮވެގެންނެވެ. ދެވަނަ ހާފު ފެށިގެން 13 ވަނަ މިނިޓުގައި ޗެލްސީއަށް ލިބުނު ޕެނަލްޓީއަކުން ކޯލް ޕާމާ ވަނީ ލަނޑެއް ޖަހާ އެ ޓީމުގެ ލީޑު 2-0 އަށް ފުޅާކޮށްދީފައެވެ.

Ad by Hajj Corporation
ދެ ލަނޑުގެ ލީޑެއްގައި ޗެލްސީ އޮއްވާ ލީޑްސް އިން މެޗުގެ ތެރެއަށް އެނބުރި އައީ ފަހު ހާފުގައެވެ. އެގޮތުން މެޗުގެ 67 ވަނަ މިނިޓުގައި ލީޑްސްއަށް ލިބުނު ޕެނަލްޓީއަކުން ލޫކަސް އެންމޭޗާ ވަނީ އެ ޓީމުގެ ފުރަތަމަ ލަނޑު ޖަހައިދީފައެވެ. އޭގެ ހަ މިނިޓު ފަހުން ޗެލްސީގެ ޑިފެންޑަރުންނަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި ނޯއާ އޮކަފޯ ވަނީ ލީޑްސްއަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.
މި މެޗުން އެއްވަރުވުމާއެކު ލީގުގެ ގަދަ ހަތަރެއްގެ ޖާގައެއް ހޯދުމަށް ޗެލްސީން ކުރަމުންދާ މަސައްކަތަށް ވަނީ ހުރަސްތަކެއް ކުރިމަތިވެފައެވެ. ލީގުގައި މިހާތަނަށް ކުޅުނު 26 މެޗުން ލިބުނު 44 ޕޮއިންޓާއެކު ޗެލްސީ މިހާރު އޮތީ ތާވަލުގެ ފަސްވަނައިގައެވެ. އަދި ލީޑްސް ޔުނައިޓެޑް އޮތީ 30 ޕޮއިންޓާއެކު ތާވަލުގެ 15 ވަނަ މަގާމުގައެވެ.


