ބަޣުދާދުގައި ހުންނަ އެމެރިކާ އެމްބަސީއަށް ޑްރޯން ހަމަލާތަކެއް ދޭން މަސައްކަތްކޮށްފި
17 މާރިޗު 2026 - 02:17

ސަރަޙައްދީ މަޝްރަޙު ނުތަނަވަސްވެފައިވާ ދަނޑިވަޅެއްގައި، ބަޣުދާދުގައި ހުންނަ އެމެރިކާ އެމްބަސީއަށް އަމާޒުކޮށް ހަތަރު ޑްރޯން ހަމަލާއެއް ދޭން އުޅެފައިވާ ކަމަށް ސަލާމަތީ މަސްދަރަކާ ހަވާލާދީ "ޝަފާޤް" ނިއުސް އެޖެންސީން އަންގާރަ ދުވަހުގެ ފަތިހު ރިޕޯޓުކޮށްފިއެވެ.
ރިޕޯޓްތައް ބުނާގޮތުގައި ޢިރާޤުގެ ވައިގެ ދިފާޢީ ނިޒާމުން ވަނީ އެ ހަތަރު ޑްރޯން އަމާޒަށް ވާސިލުވުމުގެ ކުރިން ހުއްޓުވައި ވައްޓާލާފައެވެ.

Ad by Hajj Corporation
ރިޕޯޓްތައް ބުނާގޮތުގައި، އެއް ޑްރޯން ވެއްޓުނީ އަބޫ ނުވާސް މަގަށެވެ. އަދި އަނެއް ޑްރޯން ވެއްޓިފައިވަނީ "ގްރީން ޒޯން" ގެ ތެރޭގައި ހުންނަ އެމްބަސީ ކައިރިއަށެވެ.
ފެބްރުއަރީ 28 ވަނަ ދުވަހު އިސްރާއީލާއި އެމެރިކާ ގުޅިގެން އީރާނަށް ދިން ހަމަލާތަކުގައި މިހާތަނަށް 1,300 އެއްހާ މީހުން މަރުވެފައިވެއެވެ. މީގެ ތެރޭގައި އޭރުގެ ރޫޙާނީ ލީޑަރު އާޔަތުﷲ ޢަލީ ޚާމަނާއީ ވެސް ހިމެނިވަޑައިގަންނަވައެވެ.
މި ހަމަލާތަކުގެ ބަދަލުހިފުމުގެ ގޮތުން އީރާނުން ވަނީ އިސްރާއީލާއި، އުރުދުން، ޢިރާޤު އަދި އެމެރިކާގެ އަސްކަރީ މަރުކަޒުތައް ހުރި ޚަލީޖީ ޤައުމުތަކަށް އަމާޒުކޮށް ޑްރޯން އަދި މިސައިލް ހަމަލާތަކެއް ދީފައެވެ.
މި ހަމަލާތަކުގެ ސަބަބުން މީހުންގެ ފުރާނައަށް ގެއްލުންވެ، އުމްރާނީ ވަސީލަތްތައް ހަލާކުވުމުގެ އިތުރުން، ދުނިޔޭގެ ބާޒާރުތަކަށާއި ވައިގެ ދަތުރުފަތުރުގެ ނިޒާމަށް ވެސް ބޮޑެތި ބުރޫތަކެއް ވަނީ އަރާފައެވެ.


