27 މާރިޗު 2026 - 03:41

ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމުގެ ސަބަބުން ގައުމުގެ އަމާންކަމާއި މަސްލަހަތުވެސް ދެމެހެއްޓޭނެ ކަމަށާއި އިންތިޚާބުތަކާ ގުޅިގެން ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ހުޅުވިގެންދާ ދޮރުތައް ބަންދުކުރުމަށްވެސް ފުރުސަތު ލިބިގެންދާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާގެ މެންބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ޤާސިމް އިބްރާހިމް މިފަދައިން ވިދާޅުވީ، "ހޭލުން" ޕްރޮގްރާމުގައި ވާހަކަދައްކަވަމުންނެވެ.
އެމަނިކުފާނު ވިދާޅުވީ ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލިސް އިންތިޚާބު އެއް ދުވަހެއްގައި ބާއްވާގޮތަށް ޤާނޫނުއަސާސީއަށް އިސްލާހު ގެނައުމަކީ ކޮންމެހެން ކުރަންޖެހިފައިވާ، އަދި މިހާތަނަށް ނުކުރެވި އޮތް ކަމެއް ކަމަށެވެ. މިއީ އުޖުތިމާޢީ ގޮތުންނާއި އިގްތިސާދީގޮތުން ބެލި ކަމުގައިވީނަމަވެސް ޤައުމަށް ފައިދާ ކުރާނެ ކަމެއް ކަމަށާއި މީގެ ސަބަބުން ޚަރަދުތައް ކުޑަކުރެވޭނެކަންވެސް ޤާސިކް އިބްރާހިމް ފާހަގަކުރެއްވިއެވެ.
ޤާސިމް އިބްރާހިމް ވިދާޅުވީ ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމުގެ ސަބަބުން ގައުމުގެ އަމާންކަމާއި މަސްލަހަތުވެސް ދެމެހެއްޓޭނެ ކަމަށެވެ. އަދި އިންތިޚާބުތަކާ ގުޅިގެން ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ހުޅުވިގެންދާ ދޮރުތައް ބަންދުކުރުމަށްވެސް ފުރުސަތު ލިބިގެންދާނެ ކަމަށް ވިދާޅުވިއެވެ.
ދިވެހި ގައުމަށް ހެޔޮއެދޭ އިޚްލާސްތެރި، އެއްވެސް މީހަކު މިކަމާ ދެކޮޅަށް ވޯޓުލާން ނުފެންނަ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މިއީ ކޮންމެހެން ކުރަންޖެހިފައިވާ ކަމެއް ކަމަށާއި ހެޔޮ ނަޒަރަކުން ރަނގަޅު ވިސްނުމަކުން ވިސްނައިފިއްޔާ މިކަމާ ދެކޮޅު ހަދާނެ އެއްވެސް މީހަކު ހުންނާނެ ކަމަށް ޤާސިމް އިބްރާހިމް ވިދާޅުވިއެވެ.
ޤާސިމް އިބްރާހިމް ވިދާޅުވީ މިހާރު ޤާނޫނުއަސާސީ އޮތްގޮތުން ވެރިކަމަށް ވަޑައިގަންނަވާ ބޭފުޅަކު ވެރިކަމުގެ ފުރަތަމަ ހަ މަސްދުވަހު މަސައްކަތް ކުރަންޖެހެނީ ރައްޔިތުންނަށް ޚިދުމަތް ކުރުމުގެ ބަދަލުގައި ކުރިއަށް އޮތްތަނުގައި އެ ޚިދުމަތް ކުރެވޭނެ މަގުފަހިކުރުމަށް މަޖިލީހުގެ މެޖޯރިޓީ ހޯދުމަށް ކަމަށެވެ. އެހެންނަމަވެސް ދެ އިންތިޚާބު އެއް ދުވަހެއްގައި ބާއްވައިފިނަމަ އެ ހަ މަސްދުވަސްވެސް އެއިރެއްގައި ހުންނަ ރައީސަކަށް ރައްޔިތުންނަށް ޚިދުމަތް ކުރުމަށް ލިބިގެންދާ ކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން ޤައުމަށް ކުރިއެރުން ލިބޭނީ ކޮންމެފަދަ ޤާނޫނުއަސާސީއެއް ހެދި ނަމަވެސް އަމާނާތްތެރި، ތެދުވެރި، އަދި ވިޝަނަރީ ވެރިޔެއް ޤައުމުގައި ހުރެގެން ކަމަށްވެސް ޤާސިމް އިބްރާހިމް ވިދާޅުވިއެވެ.

Ad by Hajj Corporation


