އެތެރެކުރަން އުޅުނު ޑްރަގާއެކު ހައްޔަރުކުރީ މިލަންދުއަށް ނުފޭބެނީސް ލޯންޗުގައި ހުއްޓާ
31 މާރިޗު 2026 - 09:54

ށ. ފުނަދޫއިން އެ އަތޮޅު މިލަންދުއަށް މަސްތުވާތަކެތި އެތެރެކުރިކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ށ. ފުނަދޫ، ތަނޑިނޫމާގެ، މޫސާ ސިރާޖް (40އ) އެވެ.

Ad by Hajj Corporation
މޫސާ ސިރާޖް ހައްޔަރުކޮށްފައިވަނީ ފުލުހުންގެ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި މިލަންދޫ ޕޮލިސް ސްޓޭޝަން ގުޅިގެން މި މަހުގެ 29 ވަނަ ދުވަހު ހިންގި ހާއްސަ އޮޕަރޭޝަނެއްގައެވެ. މި އޮޕަރޭޝަނަކީ މިލަންދުއަށް މަސްތުވާތަކެތި އެތެރެކޮށް، އެތަކެތީގެ ވިޔަފާރިކުރާކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ.
ފުލުހުން މައުލޫމާތު ދޭ ގޮތުގައި، މޫސާ ސިރާޖު ހުއްޓުވައި ބަލައި ފާސްކޮށްފައިވަނީ މިލަންދޫ ބަނދަރުގައި އޮތް ލޯންޗެއްގެ ތެރޭގައި ހުއްޓައެވެ.
އޭނާ ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ހަތަރު ރަބަރު ޕެކެޓު ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ.
މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 10 ދުވަހުގެ މުއްދަތެއް ކޯޓުން ވަނީ ދީފައެވެ.
މި މައްސަލަ މިލަންދޫ ޕޮލިސް ސްޓޭޝަނުން އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

.jpg&w=3840&q=75)
