ކުޑަހުވަދޫގެ އަމިއްލަ ގޯތިތަކުގައި 50 ހައުސިން ޔުނިޓް އެޅުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި
8 މޭ 2026 - 04:18

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ދ. ކުޑަހުވަދޫ ރައްޔިތުންގެ އަމިއްލަ ގޯތީގައި ހައުސިންގ ޔުނިޓުތައް އިމާރާތްކުރުމަށް ބޭނުންވާ ބިންތައް ހައުސިންގ މިނިސްޓްރީއާ ހަވާލުކުރުމުގެ އެއްބަސްވުންތަކުގައި ސޮއިކޮށްފިއެވެ.
އެ މިނިސްޓްރީން ބުނިގޮތުގައި ބޯހިޔާވަހިކަމުގެ މި މަޝްރޫޢުގެ ދަށުން ކުޑަހުވަދޫ ރައްޔިތުންގެ އަމިއްލަ ގޯތީގައި 50 ހައުސިންގ ޔުނިޓް އިމާރާތްކުރުމަށް ހަމަޖެހިފައިވެއެވެ. އެގޮތުން ހައުސިންގ ޔުނިޓް އަޅަން ހަމަޖެހިފައިވާ 46 ބިމެއް މިހާތަނަށް އެ މިނިސްޓްރީއާ ހަވާލުކޮށްފައިވެއެވެ.

Ad by Hajj Corporation
ފްލެކްސިންކް ޕްރައިޓެޑް ލިމިޓެޑާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢު އެ ކުންފުންޏާ ހަވާލުކޮށްފައިވަނީ 06 ނޮވެމްބަރު 2025 ގައެވެ.
ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން އިމާރާތްކުރުމަށް ހަމަޖެހިފައިވަނީ 900 އަކަފޫޓުގެ 3 ކޮޓަރީގެ ހައުސިންގ ޔުނިޓުތަކެކެވެ.
މި މަޝްރޫއަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިދިޔަ އަހަރުގެ ފެބްރުއަރީ މަހު އިއުލާނުކުރެއްވި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ކުރިއަށްދާ މަސައްކަތެކެވެ. އެގޮތުން މި ސިޔާސަތުގެ ދަށުން ހައުސިންގް މަޝްރޫއުތައް ހިންގުމަށް ކަނޑައަޅާފައިވާ ރަށްރަށުގައި އަމިއްލަ ގޯތި އޮވެ، އެތަން އިމާރާތްކުރާނެ މާލީ ތަނަވަސްކަން ނެތް ފަރާތްތަކުން ބޭނުންވާނަމަ، ސަރުކާރުން އެ ގޯތިތަކުގައި އިމާރާތް ކޮށްދޭނެއެވެ.
މި އިއުލާނާ ގުޅިގެން، މި ސްކީމްގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް ކުރިމަތިލުމުގެ ފުރުސަތު ބައެއް ރަށްރަށުގެ ކައުންސިލްތަކުން ވަނީ ހުޅުވާލާފައެވެ.


