ފީފާއިން ފުޓްބޯޅައިގެ ޤަވާއިދުތައް މުގުރައި ކުޅިވަރުގެ ރޫޙު މަރާލާފައިވާކަމަށް ޔުއޭފާއިން ތުހުމަތުކޮށް އަންނަ ވޯލްޑްކަޕް ޔޫރަޕުގެ ޓީމުތަކުން ބޮއިކޮޓްކުރަނީ
29 ޖުލައި 2026 - 04:48

ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާ އިން އެ އިދާރާގެ މުބާރާތްތައް ހިންގުމަށް އަމިއްލަ ކުންފުންޏެއް އުފެއްދުމަށް ނިންމި ނިންމުމާ ގުޅިގެން، ފުޓްޞޯޅައިގެ ގަވާއިދުތައް ފުނޑާލައި ކުޅިވަރުގެ ރޫޙު ފީފާއިން މަރާލާފައިވާކަމަށް ތުހު،މަތުކޮށް ޔޫރަޕްގެ ފުޓްބޯޅަ ފެޑެރޭޝަން (ޔޫއީއެފްއޭ) އިން ފީފާގެ މުބާރާތްތައް ބޮއިކޮޓްކުރުމުގެ އިންޒާރު ދީފިއެވެ. ޔޫއީއެފްއޭ އިން ބުނީ ވޯލްޑް ކަޕަކީ ވިޔަފާރި މުއާމަލާތްތަކަށް ބޭނުންކުރާ "މުދަލެއް" ނޫން ކަމަށެވެ.
ފީފާ އިން މިދިޔަ އަންގާރަ ދުވަހު ހާމަކުރި ގޮތުގައި، އެ އިދާރާގެ ކޮމާޝަލް ރައިޓްސް ވިއްކުމާއި މުބާރާތްތައް އޮޕަރޭޝަނަލް ގޮތުން ހިންގުމަށް "ފީފާ ފޯވާޑް އެންޓަޕްރައިޒް" (އެފްއެފްއީ) ގެ ނަމުގައި ކުންފުންޏެއް އުފެއްދުމަށް ދަނީ މަސައްކަތް ކުރަމުންނެވެ. މި ކުންފުނި އުފެއްދުމަށް ގައުމީ އެސޯސިއޭޝަންތަކާއި ފީފާ ކައުންސިލްގެ ހުއްދަ ބޭނުންވާނެ ކަމަށް ފީފާ އިން ބުނެއެވެ. މި މަޝްރޫއުގެ ދަށުން ކުރިއަށް އޮތް ހަތަރު އަހަރު ތެރޭގައި ފުޓްބޯޅަ ތަރައްގީ ކުރުމަށް 10 ބިލިއަން ޑޮލަރަށް ވުރެ ގިނަ ފައިސާ ހޭދަކުރެވޭނެ ކަމަށް ފީފާ އިން ލަފާކުރެއެވެ.

Ad by Hajj Corporation
ފީފާގެ މި ހުށަހެޅުމުގެ ދަށުން އެފްއެފްއީގެ މައިނޯރިޓީ ހިއްސާ ވިއްކުމަށް ހަމަޖެހިފައިވަނީ ދިގު މުއްދަތުގެ އިންވެސްޓަރުންނަށެވެ. މިގޮތުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެޅިޔަނު ޖެރެޑް ކުޝްނާގެ ކޮއްކޮ ޖޯޝުއާ ކުޝްނާގެ ކުންފުނި "ތްރައިވް އިޓާނަލް" އިން މި އިންވެސްޓަރުންގެ ގްރޫޕް ލީޑުކުރާނެ ކަމަށް ފީފާ އިން ވަނީ ހާމަކޮށްފައެވެ.
މިކަމާ ގުޅިގެން ޔޫއީއެފްއޭ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، "މިއީ ފުޓްބޯޅައިގެ އިދާރާތަކުން ހުރަސްކޮށްގެން ނުވާނެ ރަތް ރިންގަކަށް އަރައިގަތުން" ކަމަށެވެ. އަދި ފުޓްބޯޅައިގެ ރޫހާއި ހިންގުމަކީ ވިޔަފާރި މުދަލެއް ނޫން ކަމަށާއި، ހާއްސަކޮށް މާލީ ގޮތުން ފައިދާވަނީ ކޮން ބަޔަކަށްކަން ނޭނގޭ ގޮތަށް މިފަދަ ކަންކަން ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ޔޫއީއެފްއޭ އިން ބުނެފައިވެއެވެ.
ފީފާގެ މި ނިންމުންތަކާ މެދު ހިތްހަމަނުޖެހުން ފާޅުކުރުމުގެ ގޮތުން ޔޫއީއެފްއޭގެ ރައީސް އެލެކްސެންޑަރ ޗެފެރިން ވަނީ ވޯލްޑް ކަޕް ފައިނަލަށް ވަޑައިނުގަތުމަށް ނިންމަވާފައެވެ. މަސްދަރުތަކުން މައުލޫމާތުދޭ ގޮތުގައި، ޔޫއީއެފްއޭގެ 55 މެންބަރު ގައުމާއެކު ކުއްލި ބައްދަލުވުމެއް ބޭއްވުމަށް މިހާރު ދަނީ ތައްޔާރުވަމުންނެވެ.
މި ބައްދަލުވުމުގައި ފީފާގެ މުބާރާތްތަކާއި ވޯލްޑް ކަޕް ބޮއިކޮޓްކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރެވޭނެއެވެ. މިއީ ބޭރުގެ އިންވެސްޓަރުންނަށް ހިއްސާ ވިއްކައިގެން 20 ބިލިއަން ޑޮލަރު ހޯދުމަށް ފީފާ އިން ކުރާ މަސައްކަތާ ދެކޮޅަށް ޔޫއީއެފްއޭ އިން އަޅާ ފިޔަވަޅެކެވެ.


